ޔުކްރެއިން

ޔޫކްރޭންގައި 8 ދިވެހީން، ނިކުމެވޭނެ ގޮތެއް އަދި ނެތް

ހަނގުރާމައިގެ ހާލަތު އެންމެ ގޯސް ޔޫކްރޭންގެ ހަރްކީވްގައި 8 ދިވެހިން އަދިވެސް އެބަތިބި ކަމަށާ އެ މީހުންވެސް ޔޫކްރެއިންގެ ހުޅަނގަށް ގެންދިޔުމަށް މަސައްކަތް ކުރަމުންދާ ކަމަށްވެސް ފޮރިން މިނިސްޓްރީން ދެންމެ ބުނެފި އެވެ.

ޔޫކްރެއިންގަައި ހަނގުރާމަ ފެށި ނުރައްކާވެފައިވާތީ ގަައުމުގައި ތިބި ދިވެހި ދަރިވަރުން ރާއްޖެ ގެނައުމަށް ސަރުކާރުން ދަނީ މަސައްކަތް ކުރަމުންނެވެ. ރެެއާ ހަމައަށް އެ ގައުމުން ބޭރުނުވެ ތިބީ 20 ދަރިވަރުންނެވެ
.
އެ ދަރިވަރުން ރައްކާތެރި ހިސާބުތަކަށް ބަދަލު ކުރަން ކުރަމުންދާ މަސައްކަތްތަކުގެ ތަފްސީލް ދެމުން ފޮރިން މިނިސްޓްރީން ބުނީ މިވަގުތުވެސް ޔޫކްރޭންގެ ހަރްކީވްގައި 8 ދިވެހިން އެބަތިއްބެވެ. އެ މީހުންވެސް ޔޫކްރެއިންގެ ހުޅަނގަށް ގެންދިޔުމަށް ދަނީ މަސައްކަތް ކުރަމުންދާ ކަމަށާ އެހެންނަމަވެސް އެއީ ވަރަށް ދުރު ހިސާބެއްކަމުން އަދި ހާލަތު އޮތް ގޮތުން އެކަމުގައި ދަތިތަކެއް އެބަހުރި ކަމަށް މިނިސްޓްރީން ބުންޏެވެ. ހަރްކީވްގައި ބާކީ ތިބި 8 މީހުންގެ ތެރެއިން ފަސް ދަރިވަރުންނަކީ އަމިއްލަ އެކި ސަބަބުތަކާ ހުރެ ކުރިން ނުފުރުނު ދަރިވަރުން ކަމަަށާ ބާކީ ތިބި ތިން މީހުންގެ އާއިލާ ޔޫކްރެއިންގައި ތިބިކަން ބާލިންގައި ހުންނަ ދިވެހި އެމްބަސީއަށް އަންގާފައިވަނީ އިއްޔެ ކަމަަށްވެސް ފޮރިން މިނިސްޓްރީން ބުނެއެވެ.

އަދި ނިޕްރޯގައި ހުރި ދަރިވަރުވެސް ހަންގޭރީ ބޯޑަރު ސަރަހައްދަށް ގެނައުމަށް ދަނީ މަސައްކަތް ކުރަމުން ކަމަށާ ފޮރިން މިނިސްޓްރީއިން ދަނީ ދަރިވަރުން ރައްކާތެރި ހިސާބުތަކަށް ގެންދިޔުމަށް އެ ސަރަހައްދުގެ އެކި ގައުމުތަކާއެކު ކެނޑިނޭޅި މަސައްކަތް ކުރަމުން ކަމަށްވެސް ބުންޏެވެ.

ޔޫކްރޭންގެ އިވަނޯ-ފްރެންކިވްސްކް ގައި ތިބި 15 ދިވެހިން މިވަގުތު ތިބީ ޔޫކްރެއިންއާ ހަންގޭރީ ބޯޑަރާއި ކައިރީގައި ހުންނަ ހަންގޭރީ ކޮންސިއުލޭޓްގައި ކަމަށާ އެ މީހުންނަށް ބޯޑަރު ހުރަސްކޮށް ހަންގޭރީގެ ވެރިރަށް ބުޑަޕެސްޓަށް ދަތުރުކުރުމުގެ އިންތިޒާމް ހަންގޭރީ ސަރުކާރާއި ގުޅިގެން ދިވެހި ސަރުކާރުން ހަމަޖައްސާފައިވާއިރު ބުޑަޕެސްޓަށް ދިޔުމަށްފަހު ދެ ދުވަހުގެ ތެރޭގައި ދިވެހިން ރާއްޖެ އަންނާނެ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

އިވަނޯ-ފްރެންކިވްސްކްގައި ކިޔަވަން ތިބި ދަރިވަރުންނަށް ކުރިން ނުފުރުނީ އެ ދަރިވަރުންގެ ކްލާސްތައް އޮންލައިން ކްލާސްތަކަށް ޔުނިވާސިޓީއިން ބަދަލުކުރިތަނާ މާ ގިނަ އިރުތަކެއް ނުވެ އެ ގައުމުގެ ވައިގެ ސަރަހައްދު ބަންދުވުމާ ގުޅިގެންނެވެ.