ފައްޔާޒް އިސްމާއީލް

"އެމްޑީޕީ އޮޑި" އޮތީ މަރާމާތުކުރަން ޖެހިފައި: ފައްޔާޒު

ވެރިކަން ކުރާ އެމްޑީޕީގެ އޮޑި ނުފެތޭނެ ކަމަށާއި އެހެން ނަމަވެސް އެ ޕާޓީ މިހާރު ހިނގަމުންދަނީ އެންމެ ރަނގަޅަށް ނޫން ކަމަށް ވިދާޅުވެ އެމްޑީޕީގެ އޮޑި މަރާމާތުކުރަން ޖެހޭ ކަމަށް އިކޮނޮމިކް މިނިސްޓަރު އަދި އެމްޑީޕީގެ ޗެއާޕާސަން ކަމަށް ވާދަކުރައްވާ ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެ އެވެ.

ފައްޔާޒު މިހެން ވިދާޅުވީ ޗެއާޕާސަންގެ އިންތިހާބުގެ ކެމްޕޭން ލޯންޗުކުރުމަށްށ. މިލަންދޫގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ނެވެ.

ފައްޔާޒް ވިދާޅުވީ އެމްޑީޕީ ފާހަގަަކުރެވިފައިވަނީ މަދު އަހަރުތަކެއްގެ ތެރޭގައި ރާއްޖެ ބަދަލުކޮށްލައި އިންސާފު ގެނެސްދިން ޕާޓީއެއްގެ ގޮތުގައި ކަމަށެވެ. އެހެން ނަމަވެސް މިހާރު ޕާޓީގެ އޮޑީގައި ނުތަނަވަސްކަން އެބަހުރި ކަމަށެވެ. އަދި އެ އޮޑި ދާނެ ގޮތަަކަށް ދާން ދޫކޮށްލަންވީތޯ ސުވާލުކުރެއްވި އެވެ.

އޭނާ ވިދާޅުވީ އެމްޑީޕީގެ އޮޑީގެ ދުވެލި ދަށްވެ މަރާމާތު ކުރަން މިހާރު ޖެހިފައިވާ ކަމަށެވެ.

"މި އޮޑީގެ ރިޔާ ސާފުކޮށްލަން ވެއްޖެ. ކުރިމަތިން ނަގަމުންދާ ކަޅު ވިލާތަކާމެދު އަޅުގަނޑުމެންގެ ވިސްނުން ގެއްލިއްޖެ. އަޅުގަނޑުމެންނަށް އެ އިހުސާސްނުކުރެވޭހެން ހީވާން ފަށައިފި. އެހެން ނަމަވެސް އަޅުގަނޑަށް ގަބޫލުކުރެވޭ ގޮތުގައި އެ ވިލާ ގަނޑު އަންނަނީ ނަގަމުން. އަޅުގަނޑުމެން އަޅުގަނޑުމެންގެ ކަންކަން ރަނގަޅަށް ރާވާލާ މަސައްކަތުގެ ސްޕީޑް ބާރުކޮށް ޕާޓީގެ އަސާސްތައް ނަގަހައްޓަން އިތުރަށް މަސައްކަތް ނުކޮށްފިނަމަ އަޅުގަނޑަށް ފެންނަނީ އަޅުގަނޑުމެންނަށް މި ލިބުނު ކާމީޔާބީތައް ފަހަތަށް ޖެހި ގެއްލިގެން ދާތަން،" ފައްޔާޒް ވިދާޅުވި އެވެ.

ފައްޔާޒު ވިދާޅުވީ މިހާރު އެމްޑީޕީގެ މިސްރާބު ހުރި ގޮތުން ޒުވާނުންނާއި އަންހެނުންގެ އަޑު ޕާޓީގެ ތެރޭގައި ރަނގަޅަށް ނީއްވޭ ކަމަށާއި އަދި ސިޔާސަތުތައް ބައްޓަންކުރުމުގައި ވެސް މި ދެ ފަރާތް އެންމެ ފުރިހަމައަށް ޝާމިލުނުވާ ކަމަށެވެ. އެގޮތުން ޕާޓީއަށް 16 އަހަރު ވެގެން ދިޔައިރުވެސް އިތުރު އަންހެން ސިޔާސީ ލީޑަރުން ނޫފެއްދުނީ ކީއްވެގެންތޯ ސުވާލު އުފެއްދެވި އެވެ.

އޭނާގެ ޗެއާ ޕާސަންކަމުގައި އަންހެނުން ސިޔާސީ މަގާމުތަކަށް ނެރުމަށް ކުރަން ޖެހޭ މަސައްކަތް އެންމެ މުހިންމު މަސައްްކަތަކަށް ހައްދަވާނެ ކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑު މި ހުށަހަޅަނީ އަޅުގަނޑުމެންގެ މި އޮޑި މަރާމާތުކޮށްލާ އަޅުގަނޑުމެންގެ ފަޅުވެރިންގެ ތެރޭގައި އޮތް ނުތަނަވަސްކަން ނައްތާލައި ފުރިހަމައަށް ރަނގަޅަށް އޮޑިއަށް ކޮއްތު އަރުވާލައިގެން އަޅުގަނޑުމެންގެ މި ކައްޕިތާނުންނަށް މި އޮޑިއާގެން ކުރިއަށް ދިއުމަށް. އަޅުގަނޑަށް އެކަން ކުރެވޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އޮތީމަ މިތާ އައިސް މި ހުރީ،" ފައްޔާޒް ވިދާޅުވި އެވެ.

ފައްޔާޒު ވިދާޅުވީ 2023 ގެ ރިޔާސީ އިންތިހާބު ކާމިޔާބުކުރަން އެމްޑީޕީ ފިސާރި ރަނގަޅަށް ހިންގާލަން ޖެހޭ ކަމަށެެވެ. އަދި ޕާޓީގެ ކެމްޕޭންތައް އެންމެ ރަނގަޅަށް ހިނގަނީ ރަށް ރަށުގެ ގޮފިތަކުން ކަމަަށެވެ. ނަމަވެސް އިންތިހާބެއް ބޯމަތިވުމުން އެފަދަ ކެމްޕޭންތައް ހިންގުމަކީ އެންމެ ރަނގަޅުގޮތް ނޫން ކަަމަށެވެ. އަދި އެމްޑީޕީގެ ވެރިކަމާއި ސުޕަ މެޖޯރިޓީ މަޖިލީހުގައި އޮތް ނަމަވެސް ފާއިތުވި ތިން އަހަރު މާބޮޑު ހަރަކާތެއް ހިންގާތަނެއް ފެނިފައި ނުވާ ކަމަށާއި އޭގެ ސަބަބުން އެމްޑީޕީއަށް ހީނަރުކަން އައިސްފައިވާ ކަމަށެވެ.

އެެހެން ނަމަވެސް ރަނގަޅަށް ފުރުސަތުގެ ބޭނުން ހިފައި ޕާޓީގެ ހަރަކާތްތައް ރަނގަޅަށް ހިންގިއްޖެނަމަ އަދިވެސް ބޮޑު ކާމިޔާބީތައް ލިބޭނެ ކަމަށެވެ.