އިމްރާން އަބްދުﷲ

"ކައުންސިލްތަަށް ޑިޖިޓަލް ކުރުމުގެ މަސައްކަތް ފަށައިފިން"

Feb 26, 2022
1

ކައުންސިލްތަކުގެ ފެންވަރާއި ހިދުމަތް ރަގަޅުކުރުމަށް ކައުންސިލްތައް ޑިޖިޓަލައިޒް ކުރުމުގެ މަސައްކަތް ކުރައްވަމުން އަންނަ ކަމަށް ހޯމް މިނިސްޓަރު އަދި ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ)ގެ ބޯޑުގެ ރައީސް އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.

ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގާތާ 11 އަހަރު ފުރުމުގެ މުނާސަބަތުގައި އިމްރާން މިއަދު ދެއްވި ހިތޯބުގައި ވިދާޅުވީ ކައުންސިލްތަކުގެ މަސައްކަތްތަކުގެ ފެންވަރު ރަގަޅުކުރުމަށް ލާމަރުކަޒީ ގާނޫނުގެ ދަށުން ގިނަ މަސައްކަތްތަކެއް ކުރައްވަމުން އަންނަ ކަމަށެވެ.

ކައުންސިލްތަކުގެ އިދާރީ ހިންގުމާއި، ހިދުމަތްތަކާއި މަސައްކަތްތަކުގެ ފެންވަރު ރަގަޅުކުރުމަށް ހާއްސަ މޯބައިލް އެޕެއްގެ މަސައްކަތް އެލްޖީއޭ އިން މިހާރު ކުރަމުން އަންނަ ކަމަށް އިމްރާން ވިދާޅުވި އެވެ. އެގޮތުން "މައި ކައުންސިލް" ގެ ނަމުގައި އެޕެއް އުފެއްދުމުގެ މަސައްކަތް މިހާރު ފަށައިފައިވާ ކަމަށެވެ.

އިމްރާންގެ ހިތޯބުގައި ވިދާޅުވީ ކައުންސިލްތަކުގެ ފެންވަރު ރަގަޅުކޮށް ކައުންސިލްތަކުގެ މެދުގައި ވާދަވެރި ރޫހެއް އުފެއްދުމަށް 2015 ވަނަ އަހަރުން ފެށިގެން އުފައްދާފައިވާ ކައުންސިލްތަކުގެ ޕާފޯމަންސް އިންޑެކްސް އިން ރަގަޅު ނަތީޖާ ހޯދާ ކައުންސިލްތަކަށް ހާއްސަ އެވޯޑެއް ވެސް ދެމުން އަންނަ ކަމަށެވެ. އެގޮތުން 2019 އަދި 2020 ވަނަ އަހަރު ރަގަޅު ނަތީޖާ ނެރުނު ކައުންސިލްތަކަށް މިދިޔަ ބުރާސްފަތި ދުވަހު އެވޯޑު ހަވާލުކޮށްފައި ވާނެ ކަމަށް ވިދާޅުވި އެވެ.

އަދި ކައުންސިލްތަކުގެ ޕާފޯމަންސް އިންޑެކްސްގެ ނިޒާމަށް ގެންނަން ޖެހޭ އިތުރު ބަދަލުތައް ދެނެގަނެ އެ ބަދަލުތައް ގެނައުމުގެ މަސައްކަތް އެލްޖީއޭ އިން ކުރަމުން އަންނަ ކަމަށް ވެސް ވިދާޅުވި އެވެ.

"ލާމަރުކަޒީ އުސޫލުން ދިވެހިރާއްޖެ ހިންގުމަށްޓަކައި ބޭނުންވާ އިދާރީ އަދި ފަންނީ ގާބިލްކަން އިތުރުކުރުމަށްޓަކައި ދޭންޖެހޭ ތަމްރީނުތައް ކަނޑައަޅައި އެތަމްރީނުތައް ދޭނެ އިންތިޒާމް ހަމަޖެއްސުމަކީ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ 58 ވަނަ މާއްދާ އިން ލޯކަލް ގަވަމެންޓް އޮތޯރިޓީއަށް މަތިކޮށްފައިވާ ޒިންމާއެއް. އެ ޒިންމާ އަދާކުރުމަށް އޮތޯރިޓީން ކުރަމުންދާ މަސައްކަތް އިތުރަށް ހަރުދަނާކޮށް ފުޅާ ކުރުމަށްޓަކައި މޯލްޑިވްސް އިންސްޓްޓިއުޓް އޮފް ލޯކަލް ގަވަނެންސްގެ ނަމުގައި ތަމްރީނުދޭ މަރުކަޒެއް ވަނީ ރަޖިސްޓްރީ ކުރެވިފައި،" އިމްރާން ވިދާޅުވި އެވެ.

އިމްރާން ވިދާޅުވީ އެ މަރުކަޒުން ފޯރުކޮށްދޭ ތަމްރީނުތަކުގެ ކަރިކިއުލަމް މިހާރު ތައްޔާރުކޮށް އަދި ބައިނަލް އަގްވާމީ މަރުކަޒުތަކާ ގުޅިގެން ކައުންސިލްތަކަށް ތަމްރީނުތައް ދޭން ތައްޔާރުވަމުން އަންނަ ކަމަށެވެ.

ފާއިތުވި އަހަރު ލާމަރުކަޒީ ގާނޫނަށް ގެނެވުނު ބަދަލުތަކާއެކު ކައުންސިލްތަކުގެ ހިންގުމަށް ގެނެވުނު ބަދަލުތައް އިމްރާންގެ ހިތޯބުގައި ފާހަގަކުރެއްވި އެވެ. އެގޮތުން ރަށްރަށުގެ ބިންތަކުގެ މިލްކުވެރިކަން ކައުންސިލްތަކަށް ދީފައިވާ ކަމަށާއި، މާލީ ފުދުންތެރިކަން ފޯރުކޮށްދިނުމަށްޓަކައި ދައުލަތުގެ އާމްދަނީން ވަކި ޕަސެންޓެއް ކައުންސިލްތަކަށް ހާއްސަކޮށްފައިވާކަން ފާހަގަކުރެއްވި އެވެ.

އިމްރާންގެ ވާހަކަފުޅުގައި، ކައުންސިލްތަކުން އާމްދަނީ އިތުރުކުރުމަށް ކުންފުނި ހަދައިގެން ހިންގުމާއި، އަންހެން ކައުންސިލަރުންގެ ނިސްބަތް އިތުރުކޮށް އަންހެނުން ބާރުވެރިކުރުމަށް އެ ގާނޫނުގެ ދަށުން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަން ފާހަގަކުރެއްވި އެވެ.

އިމްރާން އިތުރަށް ވިދާޅުވެފައި ވަނީ ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒުކުރުމުގެ ސަބަބުން ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ވެސް އެކަމުގެ ލާބަޔާ މަންފާ ލިބެމުން އަންނަ ކަމަށެވެ.

ލާމަރުކަޒީ ނިޒާމު ހަރުދަނާކުރަން ގާނޫނު އިސްލާހު ކުރުމާއެކު މާލީ ބާރުވެރިކަން ދިނުމުގެ ގޮތުން، ބަޖެޓް ބޮޑު ކުރުމަށް ފަސް ޕަސެންޓް އާމްދަނީ އަދި ބިމު ކުލީގެ 40 އިންސައްތަ ކައުންސިލްތަކަށް ލިބިދޭ ގޮތަށް މިހާރު ވަނީ ހަމަޖައްސައިފަ އެވެ. އަދި ފަސް މިލިއަނަށް ވުރެ ކުދި ޕީއެސްއައިޕީ ޕްރޮޖެކްޓްތައް ކައުންސިލްތަކުން ހިންގާ ގޮތަށް ހަމަޖައްސައިދީފައިވެ އެވެ. މުނިސިޕަލް ހިދުމަތްތަކުން ލިބޭ އާމްދަނީ ސީދާ ކައުންސިލަށް ދިނުމާއި، ރަށުގެ ބިން ކުއްޔަށް ދީގެން ލިބޭ އާމްދަނީގެ 100 ޕަސެންޓް ސީދާ ކައުންސިލްތަކަށް ލިބެ އެވެ.