އައްޑޫ ސިޓީގެ ގެސްޓުހައުސް ޓޫރިޒަމް ކުރިއަރުވަން ބޭނުން ވަނީ ފަތުރުވެރިންނަށް ހާއްސަ "ބިކިނީ ބީޗެއް" ކަމަށް ގެސްޓުހައުސްތަކުން ބުނެފި އެވެ.
ސ. ހިތަދޫގައި ހުންނަ ގެސްޓަހައުސް އެއް ކަމަށްވާ ޕެބަލްސްގެ އޮޕަރޭޝަންސް މެނޭޖަރު މިންހާޖް ނަޒީރު ވިދާޅުވީ އައްޑޫގައި ބިކިނީ ބީޗެއް ނެތުމުން ވަރަށް ބޮޑު ދަތިތަކެއް ދިމާވާ ކަމަށެވެ. އަދި ބީޗެއް ނެތުމުގެ ސަބަބުން މޫދު ކުޅިވަރުތައް ބޭއްވުމަށް ވެސް އުނދަގޫތަކާއި ދިމާވާ ކަމަށެވެ.
މިންހާޖު ވިދާޅުވީ އައްޑޫގެ ޓޫރިޒަމް ކުރިއެރުވުމަށް ބިކިނީ ބީޗެއް ވަރަށް މުހިންމު ކަމަށެވެ.
މީގެ އިތުރުން ފޭދޫގައި ހުންނަ އިކުއަޓޯރިއަލް ޑައިވާސް ލައުންޖުގެ ވެރިޔާ އިބްރާހިމް ރަޝީދު ވެސް ވިދާޅުވީ އައްޑޫގައި ބިކިނީ ބީޗެއް ނެތުމުން ވަރަށް އުނގަދޫވާ ކަމަށެވެ. ޓޫރިސްޓުން މޫދަށް އެރެން ގެންދަން ޖެހެނީ ކައިރި ފަޅުރަށްތަކަށްކަމަށް ފާހަގަކުރަމުން ވިދާޅުވީ އައްޑޫގައި ބިކިނީ ބީޗެއް އޮންނަން ޖެހޭ ކަމަށާއި މީގެ ސަބަބުން ގެސްޓްހައުސްތަކަަށް އަންނަ ޓޫރިސްޓުން އިތުރުވާނެ ކަމަށެވެ.
" ބިކިނީ ބީޗެއް ހަދަން މޭޔަރާއެކު މަޝްވަރާތައް ކުރަމުން މި ދަނީ. މޭޔަރު ވިދާޅުވި ވަރަށް އަވަހަށް އެ މަަސައްކަތް ކުރައްވާނެ ކަމަށް،" އިބްރާހިމް ރަޝީދު ވިދާޅުވި އެވެ.
މީގެ އިތުރުން ވެސް ބައްދަލުވި ގިނަ ގެސްޓްހައުސްތަކުގެ ވެރިން ފާހަގަކުރަނީ ބިކިނީ ބީޗެއް ނެތުމުން ދިމާވާ އުނދަގޫތަކުގެ ވާހަކަ އެވެ. އަދި އައްޑުއަށް ޓޫރިސްޓުން ގެންދިއުމުގައި ދިމާވި ދަތިކަން ސްރީލަންކަން އެއާލައިނުންނާއި މަންޓާ އެއާއިން ގަން އިންޓަނޭޝަނަލް އެއާޕޯޓަށް ދަތުރުތައް ފެށުމުން އެކަމަށް ކުޑަ ވާނެ ކަމަށް ގެސްޓު ހައުސްތަކުން ދެކެ އެވެ.
އައްޑޫގައި ޓޫރިސްޓުންނަށް ހާއްސަ ބީޗެއް އަޅަން ކުރީގެ ކައުންސިލުން ނިންމި އެވެ. ނަމަވެސް އެކި ސަބަބުތަކާ ހުރެ އެކަން މެދުކެނޑުމަށްފަހު އަލުން އެ މަސައްކަތެއް ނުފަށަ އެވެ.