ދުނިޔެ

ރަޝިއާގެ ހަމަލާތައް ކިއެވްއަށް ވަރުގަދަކޮށްފި

ޔުކްރޭންގެ ރައީސް ލަޑިމިއާ ޒީލިއަންސްކީ މަޝްވަރާއަށް ހުކުރު ދުވަހު ގޮވާލެއްވުމުން ރަޝިއާ ދެމުން ގެންދިއަ ހަމަލާތައް މަޑުޖައްސާލި ކަމަށް ރަޝިއާގެ މިނިސްޓްރީ އޮފް ޑިފެންސުން ބުންޏެވެ.

އެހެން ނަމަވެސް، ޑިފެންސް މިނިސްޓްރީން ބުނީ ޒީލިއަންސްކީގެ ޚަބަރެއް ނުވެ ދިގުލައިގެން ދިއުމުން ހަމަލާތައް އަލުން ފަށަން ކްރެމްލިންއިން އަސްކަރިއްޔާއަށް އެންގި ކަމަށެވެ.

ޔުކްރޭންގައި ހަރަކާތްތެރިވާ ރަޝިއާގެ އަސްކަރީ ފައުޖުތައް އެގައުމުގެ ވެރިރަށް ކިއެވްއަށް އެރުން މަޑުޖައްސާލަން ރަޝިއާގެ ރައީސް އަމުރު ކުރެއްވި ކަމަށް ކްރެމިލިންގެ ތަރުޖަމާން ދިމިތުރީ ޕެސްކޯފް ވެސް ރިޕޯޓަރުންނަށް ވަނީ ކަށަވަރު ކޮށްދެއްވާފަ އެވެ.

ޕެސްކޯފް ވިދާޅުވި ގޮތުން މަޝްވަރާ ކުރަން ބޭނުން ނަމަ ޔުކްރޭނުން ވަގުތު ނަގައިނުލާނެ އެވެ. އަދި އިތުރު ވަގުތު ބޭނުން ނަމަ ސީރިއަސް ވެސް ވާނެ އެވެ.

އޭނާ ވިދާޅުވީ ޔުކްރޭންގެ އަމަލުތައް ހުރި ގޮތުން މަޝްވަރާ ކުރަން ޔުކްރޭން ބޭނުން ނުވަނީ ކަމަށް ރަޝިއާ ނިންމީ އެވެ.

އެހެން ނަމަވެސް، ޔުކްރޭން ބުނާ ގޮތުން މަޝްވަރާއަށް ފުރަގަސް ދީފައެއް ނޯންނާނެ އެވެ.

ޚަބަަރުތައް ބުނާ ގޮތުން ޔުކްރޭނުން މަޝްވަރާ ކުރަން ބޭނުން ނުވީ ރަޝިއާ ހުށަހެޅި ޝަރުތުތައް ޔުކްރޭނަށް ކަމުނުގޮސްގެންނެވެ.

ރަޝިއާގެ އަސްކަރީ ބާރުތަކުން މިހާރު ވަނީ ކިއެވް ވަށައިގެން ހަމަލާދޭން ފަށާފަ އެވެ. ރަޝިއާގެ ޑިފެންސް މިނިސްޓްރީން ބުނާ ގޮތުން ހަމަލާތައް އާންމުންނަށް އަމާޒެއް ނުކުރާނެ އެވެ. އެހެން ނަމަވެސް، އާންމުންގެ ފަރާތުން ޕެޓްރޯލް ބޮމާއި ގްރޭނޭޑް އުކާ ނަމަ ދެރަގޮތެއް ވެދާނެ އެވެ.

ޔުކްރޭނުން ވަނީ އާންމުންނަށް ހަތިޔާރު ދޫކޮށްފަ އެވެ. މިއީ އަސްކަރީ ވަރުގަދަ ހަނގުރާމައެއްގައި ނުރައްކާތެރި ކަމެކެވެ. އަސްކަރީ ގޮތުން އިލްމެއް ނެތް ބަޔަކު ހަމާދޭން ހަދައިގެން އާންމުގެ ގިނަބަޔަކު މަރުވުން ނޫން ކަމެއް ނުވާނެ އެވެ.

ރަޝިއާގެ އަސްކަރިއްޔާއިން ޔުކްރޭންގެ އާންމުންނަށް ގޮވާލާފައި ވަނީ ހަމަލާތަކުގައި ބައިވެރިނުވެ ގޭގައި ހިމޭނުން ތިބުމަށެވެ. އާންމުންނަށް އެންމެ ރައްކާތެރި ގޮތަކީ އެއީ ކަމަށް ވެސް ވަނީ ބުނެފަ އެވެ.