ރައީސް އަބްދުﷲ ޔާމީން

ސަރުކާރު މުވައްޒަފުންގެ ވަޒީފާ އޮންނަތަން ނިންމާނީ ވޯލްޑް ބޭންކެއް ނޫން: ރައީސް

Dec 22, 2015
9
  • މުޒާހަރާ ކުރި މުވައްޒަފުން ބާކީއެއް ނުވާނެ
  • މަސައްކަތް ހުއްޓާލައި މުޒާހަރާ ކުރާނަމަ މުސާރައިން ކެނޑޭނެ
  • މުވައްޒަފުންގެ ވަޒީފާ އޮންނާނީ އޮފީހެއް ނިންމާނީ ސަރުކާރުން

ސަރުކާރުގެ އެއްވެސް މުވައްޒަފަކު އެމީހާ ހުންނާނީ މިވެނި އޮފީހެއްގައޭ ދަންނަވައިގެން ނުވާނެ ކަމަށާއި އެކަން ނިންމާނީ ސަރުކާރުން ކަމަށް ރައީސުލް ޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެ އެވެ.

ފިނޭސް މިނިސްޓްރީގެ ވަޒީފާއިން ވަކިވި މީހުން މިއަދު ހެނދުނު މުޒާހަރާކޮށްފައިވާތީ އެކަމަށް އިޝާރާތް ކުރައްވާ މިރޭ "އެކްސްޕޯ މޯލްޑިވްސް" ހުޅުވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ފިނޭންސުން ވަކިވި މުވައްޒަފުންނަކީ އެބޭފުޅުންގެ މަސައްކަތުގެ އަގު ވަޒަން ކުރާ މުވައްޒަފުން ކަމަށާއި އެ މުވައްޒަފުން ސަރުކާގެ ވަޒީފާއިން ބާކީވެގެން ނުދާނެ ކަމަށެވެ. އަދި ވިދާޅުވީ އެ މުވައްޒަފުންތައް މުޒާހަރާ ކުރަން ނުޖެހޭނެ ކަމަށާއި އެ ފަރާތަކުން ވަޒީފާ ހޯދަން އުޅެން ވެސް ނުޖެހޭނެ ކަމަށެވެ.

"އެއީ ސަރުކާރު ވަޒީފާތަކުގައި އުޅުއްވާނެ ބޭފުޅުން. އެކަމަކު ސަރުކާރު އެއްވެސް މުވައްޒަފަކު އަޅުގަނޑު ގާތުގައި ބުނެގެން ނުވާނެ ތިމަންނާ އުޅޭނީ މިވެނި އޮފީހެއްގައޭ. އެއީ އަކީ ބުނެވޭނެ ވާހަކައެއް ނޫން އޭނާގެ ސްކިލް އާއި ތަމްރީނުގެ ހުރި ގޮތެއް ބަލައި އެކަން ނިންމާނީ ސަރުކާރުން އެކަން ނިންމާނީ ވޯލްޑް ބޭންކަކުން ނޫން،" ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ ވޯލްޑް ބޭންކުން ފިނޭންސާ މަތިކޮށްފައި ހުންނަ ކަންކަމެއް ނުހުންނާނެ ކަމަށާއި ވޯލްޑް ބޭންކާއި އައިއެމްއެފުން ވަކި ކަންތައްތަކެއް ފިނޭންސާ މަތިކޮށްފައި ހުރެގެން ވަކި ވަކި ބަޔަކު ވަކި ވުޒާރާއެއްގައި ތިބޭންޖެހޭ ކަމަށް ބުނާ ވާހަކައަކީ ގަބޫލު ކުރައްވާ ވާހަކަތަކެއް ނޫން ކަމަށެވެ.

"ވޯލްޑް ބޭންކަށް ޒިންމާ އުފުލަނީ މުޅި ދިވެހި ސަރުކާރު ވޯލްޑް ބޭންުކްގައި ދިވެހ ސަރުކާރު ބައިވެރިވަނީ މެންބަރެއްގެ ގޮތުގައި ފިނޭންސް މިނިސްޓްރީ މުުއައްސަސާއެއްގެ ގޮތުގައި ބައިވެރިއެއް ނުވާނެ. އެހންވީމާ މިއަށްވުރެ މާ ރަނގަޅުވާނެ ކޮންސްޓްރަކްޓިވްކޮށް ސަރުކާރާއެކު މިކަންކަން ކުރިއްޔާ. ކޮންމެ ކަމެއްގައި މުޒާހަރާ ކުރުމާއި އޮންނަ އެންމެ އުނދަގޫ ގޮތް އހުތިޔަރު ކުރުމަކީ ރަނގަޅު ގޮތެއް ނޫން." ރައީސް ވިދާޅުވި އެވެ. "އިއްޔެވެސް އަޅުގަނޑު ދެންނެވިން މިއިން އެވެސް ބޭފުޅަކު ބާކީއެއް ނުވާނެއޭ. މާދަމާ ވެސް މަސައްކަތަށް ނުކުމެ ވަޑައިގަންނަވާ އެބޭފުުން އެކި ތަންތަނަށް ސޮލޮޓިން ވަންދެން. މަސައްކަތަށް ވަޑައި ނުގަންނަވާ މުޒާހަރާ ކުރައްވާ ކަމަށްވަންޏާ މުސާރައިން ވެސް ކެނޑޭނެ އެހެން ކަންތައްތައްވެސް ވާނެ. ރައީސަކަށް ކުރި މީހަކު ވަރަށް އިހުލާސްތެރިކަމާއެކު މި ބުނަނަނީ ތިޔައިން އެއްވެސް ބޭފުޅަުކު ބާކީއެއް ނުވާނޭ އެހެންވީމާ ކޮން ކަމަމާތޯ މުޒާހަރާ ކުރަންވީ؟"