ސިވިލްސާވިސް ކޮމިޝަން

ސިޔާސީ ކަމެއްގައި ބައިވެރިވެއްޖެނަމަ ވަޒީފާއިން ވަކިކުރަން ނިންމީ ކުރީ ސަރުކާރުގެ ދުވަސްވަރު

ސިޔާސީ ކަމެއްގައި ބައިވެރިވެއްޖެނަމަ ވަޒީފާއިން ވަކިކުރަން ނިންމީ ކުރީ ސަރުކާރުގެ ދުވަސްވަރު ކަމަށް ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން މިރޭ ބުނެފި އެވެ.

އެ ކޮމިޝަނުން މިހެން ބުނެފައިވަނީ ސިޔާސީ ހަރަކާތެއްގައި ބައިވެރިވެއްޖެނަމަ ވަޒީފާއިން ވަކިކުރެވޭ ގޮތަށް އިސްލާހު ގެނެސް ސިވިލް ސާވިސް ގަވައިދު މިއަދު ގެޒެޓްކޮށްފައިވާ ކަމަށް ބުނެ ނޫސްތަކުން ރިޕޯޓް ކުރުމާއި ގުޅިންނެވެ.

އެ ކޮމިޝަނުން ނޫސްވެރިންގެ މައުލޫމާތަށް ކަމަށް ބުނެ އާންމު ކުރި މައުލޫމާތުގައި ބުނެފައިވަނީ ރަސްމީ ގަޑީގައި ރަސްމީ މަސައްކަތުގައި އުޅޭއިރު ސިޔާސީ ހަރަކާތްތަކުގައި ސިވިލްސާވަންޓުން ބައިވެެރިވުމަކީ ކުށެއް ކަމުގައި ކަނޑައެޅީ ސިވިލްސާވިސް ގަވާއިދަށް ނޮވެމްބަރު 4، 2021 ގައި ގެނެވުނު 8 ވަނަ އިސްލާހާއި ގުޅިގެންނެއް ނޫން ކަަމަށެވެ.

ސިވިލްސާވިސް ގާނޫނަށް 2015 ވަނަ އަހަރު ގެނެވުނު ތިން ވަނަ އިސްލާހު ގެނައުމުގެ ގާނޫނުގެ 53 ވަނަ މާއްދާގައި އެކަން ބަޔާން ކޮށްފަައިވާ ކަމަށްވެސް ބުންޏެވެ. އަދި މި ބަދަލު ސިވިލްސާވިސް ގަވާއިދަށް 2015 ވަނަ އަހަރުގެނެވި އެކަން އާއްމުކުރެވިފައިވާ ކަމަށްވެސް ސީއެސްއީން ވަނީ ބުނެފައެވެ.

އެ ކޮމިޝަނުން ވަނީ އެ އިސްލާހުވެސް ހިއްސާކޮށްފައެވެ.

ސިވިލް ސާވިސް ގަވައިދު 2014ގެ ޗެޕްޓަރު 28 ގެ 272 ވަނަ މާއްދެ (ހ) ގައި ބުނެފައިވަނީ މަސައްކަތުގެ ރަސްމީ ގަޑީގައި ނުވަތަ ރަސްމީ ގަޑީގެ ބޭރުންވެސް، ރަސްމީ މަސައްކަތުގައި އުޅޭ އެއްވެސް ވަގުތެއްގައި އެއްވެސް ސިޔާސީ ހަރަކާތެއްގައި ބައިވެރިވެއްޖެ ނަމަ ވަޒީފާއިން ވަކިކުރާނެ ކަމަށެވެ.

އެ މާއްދާގެ (ށ) ގައި ބުނެފައިވަނީ މުވައްޒަފުގެ މަގާމުގެ މަސްލޫލިއްޔަތު އަދާކުރުމުގައި ވަކި ފަރާތަކަށް ޖެހިފައިވާކަން ދޭހަވާ ފަދަ ގޮތަކަށް ނުވަތަ އޭނާގެ ވާޖިބުތަކާއި މަސްއޫލިއްޔަތުތަކަށް ހުރަސްއެޅޭ ފަދަ ގޮތަކަށް އެއްވެސް ސިޔާސީ ހަރަކާތެއްގައި ބައިވެރިވެއްޖެނަމަ ވެސް ވަޒީފާ ގެއްލޭނެ ކަމަށެވެ.

މާއްދާގެ (ނ) ގައި ބުނެފައިވަނީ މަގާމުގެ މަސްއޫލިއްޔަތު އަދާކުރުމުގައި ނުވަތަ މަގާމުގެ ހައިސިއްޔަތުން ހިދުމަތް ދިނުމުގައި ސިޔާސީ އެއްވެސް ތަފާތުކުރުމެއް ގެންގުޅޭނަމަ ވެސް ވަޒީފާއިން ވަކިކުރާނެ ކަމަށެވެ. އެފަދަ އަމަލެއް ކޮށްފި މުވައްޒަފަކަށް އެއްވެސް އެންގުމަކާއި ނުލައި ވަގުތުން ވަޒިފާއިން ވަކި ކުރެވޭނެ ކަމަށް ގަވައިދުގައި ބުނެފައިވެ އެވެ.