ސިވިލްސާވިސް ކޮމިޝަން

ސަރުކާރު މުވައްޒަފުންގެ އިހްތިޖާޖު ކުރިއަށް

Sep 19, 2021
2

މުސާރައިގެ މައްސަލާގައި ސިވިލް ސާވިސްގައި މަސައްކަތް ކުރާ މުވައްޒަފުން އިހްތިޖާޖު ކުރަން ފަށައިފި އެވެ.

އިހްތިޖާޖު ކުރުމުގެ ގޮތުން މާލެއާއި ބައެއް ރަށްރަށުގައި ވެސް މުވައްޒަފުން މިއަދު އޮފީހަށް ދިޔައީ ކަޅު ހެދުމުގަ އެވެ.

އަވަސްއާ ވާހަކަ ދެއްކި ފިޝަރީޒް މިނިސްޓްރީގެ މުވައްޒަފަކު ބުނީ އިހްތިޖާޖުގައި ބައިވެރިވީ މުސާރަ ބޮޑު ކުރަންޖެހޭ ކަމަށް ގަބޫލު ކުރާތީ ކަމަށެވެ. ނަމަވެސް މުސާރަ ބޮޑުވާނެ ކަމުގެ އުއްމީދެއް ނެތް ކަމަށެވެ.

"އިންތިހާބު ކައިރީވީމާ އަޅުގަނޑުމެން ސިވިލް ސާވިސްގެ މުވައްޒަފުން ފެނޭ. އެކަމަކު މުސާރައާ ޖެހުނީމާ އަޅުގަނޑުމެން ނުފެންނާތީ ދެރަވޭ،" އޭނާ ވިދާޅުވި އެވެ.

ހޯމް މިނިސްޓްރީގެ މުވައްޒަފަކު ބުނީ ސިވިލް ސާވިސް މުވައްޒަފުންނާ މެދު އެއްވެސް އިރަކު އަމަލުކުރެވެމުންދަނީ އެންމެ ރަނގަޅަށް ނޫން ކަމަށެވެ. މުސާރައިގެ މައްސަލާގައި ކުރާ އިހްތިޖާޖަށް ތާއީދުކުރަނީ ސިވިލް ސާވަންޓުނަށް ވެސް ހައްގުތަކެއް ލިބެންޖެހޭތީ އެކަމުގެ ކަށަވަރުކަން ހޯދުމަށް ކަމަށެވެ.

"އަޅުގަނޑު ހައްގު ހޯދާކަށް މަގުމައްޗަކަށް ނުދާނަން. އަޅުގަނޑަށް ކުރެވޭނީ މިކަހަލަ ގޮތަކަށް،" އޭނާ ވިދާޅުވި އެވެ.

ދިވެހި ސިވިލް ސާވަންޓްސް އެސޯސިއޭޝަންގެ އޮފިޝަލަކު ވިދާޅުވީ ސިވިލް ސާވިސްގެ މުވައްޒަފުން އިހްތިޖާޖު ކުރަމުންދާ ކަން ސަރުކާރުން އެނގޭ ކަމަށް ނުހަދައިފިނަމަ މަސައްކަތް ހުއްޓާލައިގެން ވެސް އިހްތިޖާޖު ކުރާނެ ކަމަށެވެ.

"އިހްތިޖާޖުގެ މައުލޫމާތު ސިވިލް ސާވިސްގެ ހުރިހާ މުވައްޒަފުންނަށް ފޯރުކޮށްދެމުން މިދަނީ. އަޅުގަނޑުމެން މިކަން ގެންދާނީ ވަކި އުސޫލަކުން ހަމައަކުން. އެކަށީގެންވާ ވަގުތު ވެސް ދީގެން،" ނަން ނުޖެހުމަށް ޝަރުތުކޮށް އޭނާ ވިދާޅުވި އެވެ.

ސިވިލް ސާވިސް މުވައްޒަފުންގެ ހުށަހެޅުންތައް

  • ސެޓްފިކެޓް ޕްރޮމޯޝަން އަލުން ދިނުން
  • ލިވިން އެލަވަންސް ހަމަޖައްސައިދިނުން
  • ވައުދާ އެއްގޮތަށް މިނިމަން ވޭޖު އަވަސް ކުރުން
  • ދަށް މުވައްޒަފުންގެ މުސާރަށް ހެޔޮ ބަދަލެއް ގެނައުން
  • ސުކްލު ތަކުގެ އިދާރީ މުވައްޒަފުންނަށް އިތުރު އެލަވަންސެއް ދިނުން

އޮފިޝަލް ވިދާޅުވީ ސިވިލް ސާވިސް ނޫން އެހެން ދާއިރާތަކުގައި މަސައްކަތް ކުރާ މުވައްޒަފުންގެ މުސާރަތައް ސަރުކާރުގެ އެހީތެރިކަމާއި އެކު ބޮޑު ކުރަމުންދާ ކަމަށެވެ. އެގޮތުން ޕައިލެޓުންނާއި، ސިއްހީ ދާއިރާގެ ފަންނީ ބޭފުޅުންނާއި އަދި އަންހެނުންގެ ތަރައްގީ އަށް މަސައްކަތް ކުރާ ކޮމިޓީ ތަކުގެ މެންބަރުންގެ މުސާރަ ވެސް މީގެތެރޭގައި ހިމެނޭ ކަމަށެވެ.

"އަޅުގަނޑުމެން ސިވިލް ސާވިސްގެ މުވައްޒަފުންނާ ޖެހުނީމާ މުސާރަ ބޮޑެއް ނުވޭ. ބަޖެޓެއް ނުވޭ. މިއީ ބަލައިގަނެވޭނެ ކަމެއް ނޫން،" އޭނާ ވިދާޅުވި އެވެ.

ސިވިލް ސާވިސް މުވައްޒަފުންގެ އިހްތިޖާޖާ ގުޅިގެން ސިވިލް ސާވިސް ކޮމިޝަނުން ބުނީ އިހްތިޖާޖެއް ހިނގަމުންދާ ކަން ކޮމިޝަނަށް އެނގިފައި ނުވާ ކަމަށެވެ.

ސިވިލް ސާވިސް ކޮމިޝަނުން ހާމަކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު 26،668 މުވައްޒަފުން ސިވިލް ސާވިސް މުވައްޒަފުންގެ ގޮތުގައި މަސައްކަތް ކުރެ އެވެ.

ސިވިލް ސާވަންޓުން އިހްތިޖާޖަކަށް ތައްޔާރުވަމުން މިދަނީ ޕައިލެޓުންނާއި ނަރުހުންނާއި އަދި ޑޮކްޓަރުން ވެސް މުސާރަތައް ބޮޑު ކުރުމަށް ގޮވާލައި ތަފާތު ހަރަކާތްތައް ހިންގަމުންދާ ވަގުތެއްގަ އެވެ.