ސިވިސްސާވިސް މުވައްޒަފުންގެ މުސާރަޔާ އިނާޔަތް ބޮޑު ކޮށްދެއްވަން ބޭނުންފުޅުވާ ކަމަށާއި އެހެން ނަމަވެސް ސިވިލްސާވަންޓުންގެ މުސާރައާ އިނާޔާތްތައް ބުޑުކުރެވޭނީ އޯވަ ސްޓާފް ވެފައިވުން ކުޑަކޮށް މުވައްޒަފުންގެ އަދަދު ލިމިޓް ކުރެވިގެން ކަމަށް ރައީސުލް ޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެ އެވެ.
ސިވިލްސާވިސް ކޮމިޝަން (ސީއެސްސީ) ގެ ކުރިއަށް އޮތް ފަސް އަހަރުގެ މަސައްކަތްތަކުގެ އަމަލީ ޕްލޭން އިފްތިތާހުކުރަން މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ރައީސް ޔާމީން ވިދާޅުވީ، ސިވިލް ސާވިސް މުވައްޒަފުންނަށް މުސާރަ އާއި އިނާޔަތް ބޮޑުކޮށްދޭން އެމަނިކުފާނު ބޭނުންފުޅުވެވަޑައިގަންނަވާ ކަމަށެވެ. އެހެން ނަމަވެސް އެފަދަ ބޮޑު ބަދަލެއް ގެނެވޭނީ ސިވިލްސާވިސްގައި މަސައްކަތް ކުރާ މުވައްޒަފުން މަދުކޮށްގެން ކަމަށެވެ.
ސިވިލް ސާވިސްގެ އެކި އިދާރާތަކާއި އޮފީސް މަސައްކަތްތަކާއި މަގާމްތަކަށް އިޝާރާތްކުރައްވައި ރައީސް ވިދާޅުވީ، ސަރުކާރު މުވައްޒަފުންގެ މުސާރަ ބޮޑުކޮށްދޭން އެމަނިކުފާނު ކުރެއްވި މަސައްކަތުން އެނގިވަޑައިގަތީ ސިވިލް ސާވިސްގައި މަސައްކަތްތަކާ އެކަށީގެންނުވާ އަދަދަކަށް މުވައްޒަފުން ތިބިކަން ކަމަށެވެ. އެކަމަކީ ސީއެސްސީ އިން ކުރަންޖެހޭ މުހިއްމު މަސައްކަތަކަށް ނުކުރެވި އޮތުމުގެ ނަތީޖާ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވި ގޮތުގައި ދާއިރާތަކަށް އެކަށީގެންވާ ވަރަށް މުވައްޒަފުން ހިމަނައިގެން ހިދުމަތްދިނުމަށް، ކޮންޕްރިހެންސިވް ހިއުމަން ރިސޯސަސް އޮޑިޓެއް ކޮންމެ އަހަރަކުވެސް ހެދުމަކީ މުހިއްމު ކަމެކެވެ. ދާއިރާތަކަށް ބޭނުން ނުވާ އަދަދަށް މުވައްޒަފުން އިތުރުވެ، މުވައްޒަފުންގެ އިނާޔަތް އިތުރުކުރަން ބަޖެޓަށް ނުކުޅެދޭ ވަރަށް އެކަން ބޮއްސުންލައިގެން ދިޔައީ ސީއެސްސީ އިން މުވައްޒަފުން އޮޑިޓް ކުރުމުގެ ސިޔާސަތަށް އަމަލު ނުކުރެވި އޮތުމުން ކަމަށް ރައީސް ތަކުރާރުކޮށް ވިދާޅުވި އެވެ. އަދި ވިދާޅުވީ، މުވައްޒަފުންނަށް ހެޔޮ ގޮތް ހޯދައިދިނުމަށް މިހާރުން ފެށިގެން ވެސް އޮޑިޓް ކުރުމުގެ ސިޔާސަތަށް އެ ކޮމިޝަނުން އަމަލުކުރަން ޖެހޭ ކަމަށެވެ.
"ސިވިލް ސާވިސް އިން މަސައްކަތް ކުރަންޖެހޭ ކޮންމެ މިނިސްޓްރީއެއްގެ ކޮންމެ އޮފީހެއްގެ އޮޑިޓެއް ހަދަން. ކޮމްޕްރިހެންސިވް ހިއުމަން ރިސޯސަސް އޮޑިޓެއް ނުހެދުމުގެ ނަތީޖާއަކީ ހިދުމަތް ދޭން ބޭނުންވާ ވަރަށް ވުރެ މީހުން އިތުރުވުން. އަޅުގަނޑަށް އެކަން އެނގުނީ މުސާރަ ބޮޑު ކުރުމަށް ސިވިލް ސާވިސްގެ މައުލޫމާތު ހޯދަން އަށް ފޮނުވި ސިޓީއަކަށް ލިބުނު ޖަވާބުން. އެހެންވީމަ އިނާޔަތްތައް އިތުރު ކުރާ ކަމަށް ވާނަމަ މުވައްޒަފުން ލިމިޓް ކުރަން އެބަޖެހޭ. ފިނޭންސްގެ މަގާމުތަކަށް ގެނައީ ގެންނަންޖެހޭ ބަދަލެއް. އަޅުގަނޑުމެންނަށް ފިނޭންސް މިނިސްޓްރީ ފެނުނީ ވަރަށް ތަޖުރިބާ ހުރި ގިނަ ބަޔަކު ތިބި ތަނެއްގެ ގޮތުގައި. އެއް އޮފީހެއްގައި އެ ދާއިރާއެއްގެ މޭންޑޭޓާ ނުގުޅޭ ޓްރެއިންޑް މީހުން ތިބެއްޖެ ކަމަށް ވާނަމަ އެމީހުން ބޭނުންވާ ދާއިރާތަކަށް އެބަ ބަދަލު ކުރަންޖެހޭ،" ރައީސް މިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވި ގޮތުގައި، މުވައްޒަފުން މަދުކުރުމުގެ މާނައަކީ މުވައްޒަފުން ސަރުކާރުން މުޅިން ވަކި ކުރުމެއް ނޫނެވެ. އޭގެ ބަދަލުގައި އެ މުވައްޒަފުންނަކީ ހުނަރާއި ތަޖުރިބާ ހުރި މިންވަރަކުން ކޮންމެވެސް އެހެން އޮފީހެއްގެ ހުސް މަގާމަކަށް އައްޔަން ކުރާ މީހަކަށް ހެދިދާނެ އެވެ. އެގޮތަށް ހެދުމުން ތަޖުރިބާއާ ހުނަރު ހުންނަ މީހުންނަށް އެމީހުންގެ ހުނަރުގެ ބޭނުން ފުރިހަމަޔަށް ހިފި، މީހުންނަށްވެސް ކޮލިޓީ ރަނގަޅު ހިދުމަތް ތަކެއް ދިނުމުގެ ފުރުސަތު ލިބޭނެ ކަމަށް ރައީސް ވިދާޅުވި އެވެ.
"މުވައްޒަފުން ވަޒީފާއިން ކަނޑާލުމަކީ ވަރަށް އުނދަގޫ ކަމެއް. ނަމަވެސް ސަރުކާރުގައި ވެސް މަސައްކަތް ކުރާ މުވައްޒަފުންނަށް އިނާޔަތްތަކާ އެހެނިހެންވެސް ކަންކަން ކޮށްދޭންޖެހޭއިރު ހުރަހެއް އަންނަންޏާ އެބަ އަންނަން ޖެހޭ ރިޓްރެންޗްމަންޓް. ނަމަވެސް ރިޓްރެންޒްމަންޓަކީ ސަރުކާރުން ގަބޫލުކުރާ ކަމެއް ނޫން. ވީމާ، އަޅުގަނޑުމެން މި ދައްކަނީ ވަޒީފާއިން މީހުން ކަނޑާ ވާހަކައެއް ނޫން. މި ދައްކަނީ އެއްތަނެއްގައި ހުރިހާ މުވައްޒަފުން ބޭތިއްބުމުގެ ބަދަލުގައި ބޭނުންވާ ދާއިރާތަކަށް އެ މުވައްޒަފުން ބަދަލު ކުރުމުގެ ވާހަކަ،" ރައީސް ޔާމީން ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ، މުސާރަ އާއި އިނާޔަތް ބޮޑުކޮށްދޭއިރު އެކަން ކުރަންޖެހޭނީ މީހުން ގަދަރުކުރާ އުސޫލެއްގެ ތެރެއިން ކަމަށެވެ. މުސާރަ ބޮޑުކޮށްދިނުމުގެ ނަމުގައި މުސާރައިން 50ރ. ބޮޑުކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫންކަމަށާއި އެހެންކަމުން މުވައްޒަފުންގެ އަދަދު ވަކި މިންވަރަކަށް މަދުކުރުމަށް އެމަނިކުފާނު ވަނީ ސިވިލް ސާވިސް ކޮމިޝަނަށް އިލްތިމާސްކުރައްވާފަ އެވެ. އެކަން ކުރުމަށް ހަދަން ޖެހޭ އޮޑިޓްގެ މަސައްކަތަށް ސަރުކާރުން ވެ ދެވެން އޮތް ހުރިހާ އެހީއެއް ވެދޭނެ ކަމުގެ ޔަގީންކަން ވެސް ރައީސް ދެއްވި އެވެ.