މޯލްޑިވްސް ކަރެކްޝަނަލް ސާވިސް

ޕެރޯލްގެ ފުރުސަތު ލިބޭ ގައިދީންނަށް އިންޓާންޝިޕް ޕްރޮގްރާމެއް

ޕެރޯލް ފުރުސަތުދޭ ގައިދީންނަށް ވަޒީފާގެ ހުނަރު ދަސްކޮށްދިނުމުގެ ގޮތުން ރޯޑް ޑިވޮލޮޕްމަންޓް ކޯޕަރޭޝަން(އާރުޑީސީ)އާ ކަރެކްޝަންސް ގުޅިގެން އިންޓާންޝިޕް ޕްރޮގްރާމެއް ހިންގަން ނިންމައިފި އެވެ.

މިއަދު މެންދުރު މާފުށީ ޖަލުގެ ލެކްޗާ ހޯލުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މިކަމާ ގުޅޭ އެއްބަސްވުމެއްގައި ވަނީ ސޮއިވެސް ކޮށްފަ އެވެ.

މި އެއްބަސްވުމުގައި އާރުޑީސީގެ ފާރާތުން ޖެނެރަލް މެނޭޖަރު ހަސަން ސައީދު ސޮއިކުރެއްވި އިރު ކަރެކްޝަންސްގެ ފަރާތުން ސޮއިކުރެއްވީ ޕްރިޒަން ކޮމިޝަނަރު އަހުމަދު މުހައްމަދު ފުޅު އެވެ. އަދި ހޯމް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު އިމްރާން އަބްދުﷲ އެވެ.

މިއީ ޕެރޯލް ފުރުސަތު ދެވޭ ގައިދީންނަށް ވަޒީފާގެ ހުނަރު ދަސްކޮށްދިނުމަށް މިދިޔަ އަހަރު ފެށި "ފަހި ފުރުސަތު" ޕްރޮގްރާމްގެ ދަށުން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ. "ފަހި ފުރުސަތު" މިހާރު ކުރިއަށް ގެންދަނީ ސްޓެލްކޯއާ ގުޅިގެން ނެވެ. އަދި އާރުޑީސީއާއެކު މިއަދު ސޮއިކުރި އެއްބަސްވުވުމުގެ ސަބަބުން މި ޕްރޮގްރާމް އިތުރަށް ފުޅާވެގެންދާނެ ކަމަށް ކަރެކްޝަންސްއިން ބުނެއެވެ.

ފަހި ފުރުސަތުގެ މަގްސަދަކީ ގައިދީން ރީހެބިލިޓޭޓްކޮށް، ޕެރޯލް ފުރުސަތުގެ ދަށުން ދޫކުރާ ފަރާތްތައް ކުށުގެ ވެށިން ދުރުހެލިވެ؛ އެ ފަރާތްތަކަށް ހުނަރުދަސްކޮށްދީ، އެ ހުނަރު ބޭނުންކޮށްގެން އާމްދަނީ އެއް ލިބޭފަދަ ދިރިއުޅުމެއް މަގު ފަހިކޮށްދިނުމެވެ. އެގޮތުން ޕެރޯލް ލިބޭ ގައިދީން ތަމްރީންކޮށް، އިންޓާންޝިޕްގެ ފުރުސަތު ލިބޭނެ އެވެ.