ރައީސް މުހައްމަދު ނަޝީދު

ރައީސް ސޯލިހް ބާރު ބޭނުންކުރައްވަނީ ވަރަށް ސިޔާސީކޮށް: ނަޝީދު

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް، ގާނޫނު އަސާސީގެ 115 ވަނަ މާއްދާ ބޭނުން ކުރައްވަނީ ވަރަށް ސިޔާސީކޮށް ކަަމަށް ރައްޔިތުންގެ މަޖިލީހުގެ ރަައީސް މުހައްމަދު ނަޝީދު މިރޭ ވިދާޅުވެއްޖެ އެވެ. އެމަނިކުފާނު މިހެން ވިދާޅުވީ އެމްޑީޕީގެ ގައުމީ މަޖިލީސް މެންބަރުންނަށް ހާއްސަކޮށް ހަދާފައިވާ ވަޓްސްއަޕް ގުރޫޕަށް ފޮނުއްވެވި މެސެޖެއްގައެވެ.

އެ މެސެޖް އެމަނިކުފާނު ކުރެއްވީ ރ އަތޮޅު ސިއްހީ މަރުކަޒެއްގެ އިސް މަގާމެއްގައި ހުރި އެމްޑީޕީގެ މެންބަރަކު މަގާމުން ވަކިކުރުމާއި ގުޅިގެން އެކަމާ ކަންބޮޑުވުން ފާޅުކުރައްވައެވެ. ނަޝީދު ވިދާޅުވި ގޮތުގަައި އެ ނިންމުމަކީ ކުރިއަށް އޮތް އެމްޑީޕީގެ ޗެއާޕާސަންގެ އިންތިހާބަށް ނުފޫޒު ފޯރުވުމުގެ ގޮތުން ކުރެއްވި ކަމަށެވެ.

ރައީސް ނަޝީދުގެ މެސެޖްގައި ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް، ގާނޫނު އަސާސީގެ 115 ވަނަ މާއްދާ ބޭނުން ކުރައްވަނީ ވަރަށް ސިޔާސީކޮށް ކަަމަށެވެ. އަދި އެމްޑީޕީގެ އެތެރޭގެ އިންތިހާބުތަކާއި ދިމާކޮށް އެ ޕާޓީން މަގާމުތަކުގައި ތިއްބަވާ ބޭފުޅުން ވަކިކޮށްގެން ނުވާނެ ކަމަށް ވިދާޅުވިއެވެ.

"ރައީސުލްޖުމްހޫރިއްޔާ ގާނޫނު އަސާސީގެ 115 ވަނަ މާއްދާ މި ބޭނުން ކުރައްވަނީ ވަރަށް ސިޔާސީކޮށް. ރައީސުލްޖުމްހޫރިއްޔާއަށް ދަންނަވަން. އެމްޑީޕީގެ އެތެރޭގެ އިންތިހާބާއި ދިމާކޮށް ޕާޓީ އިން މަގާމުތަކުގައި ތިއްބަވާ ބޭފުޅުން ވަކިކޮށްގެން ނުވާނެ. ވަކިކުރާ ނަމަ އަޅުގަނޑުވެސް ވަކި ކުރައްވާ،" ނަޝީދުގެ މެސެޖްގައި ވިދާޅުވެފައިވެއެވެ.

ގާނޫނު އަސާސީގެ 115 ވަނަ މާއްދާއަކީ ރައީސުލްޖުމްހޫރިއްޔާގެ ބާރުތަކާއި މަސްއޫލިއްޔަތުތައް ބަޔާންކޮށްފައިވާ މާއްދާއެވެ. އެ މާއްދާގައި ބުނެފައިވަނީ ރައީސުލްޖުމްހޫރިއްޔާގެ ބާރުތަކާއި މަސްއޫލިއްޔަތު ކަމުގައި ގާނޫނު އަސާސީގެ އެހެނިހެން މާއްދާތަކުގައްޔާއި ގާނޫނުގައި ކަނޑައަޅާ ބަޔާންކޮށްފައިވާ ކަންކަމުގެ އިތުރުން އެ މާއްދާގައި ބަޔާންކޮށްފައިވާ އެހެން ކަންކަން ކުރުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާއަށް ގާނޫނު އަސާސީން ދޭ ކަމަށެވެ.

އެ ގޮތުން ގާނޫނު އަސާސީ އާއި ގާނޫނުން ކަނޑައަޅާފައިވާ ކަންތައްތައް އިހުލާސްތެރިކަމާއެކު ތަންފީޒުކޮށް ދައުލަތުގެ މުއައްސަސާތަކުންނާއި ރައްޔިތުން ގާނޫނު އަސާސީ އާއި ގާނޫނާއި އެއްގޮތަށް އަމަލު ކުރުމަށް ބާރު އެޅުމާއި ސަރުކާރުގެ އެންމެހާ އިދާރާތައް ގުޅިގެން ހިންގުންތެރިކަމާއެކު މަސައްކަތް ކުރޭތޯ ބެލުމާއި ގާނޫނުގެ ވެރިކަން ކުރިއަރުވައި އެންމެންގެ ހައްގުތައް މިނިވަންކަމާއެކު ރައްކާތެރިކުރުން ފަދަ ކަންކަން ހިމެނެއެވެ. މި މާއްދާގައި ހ އިން ފެށިގެން ޓ އާ ހަމައަށް އަކުރު ހިމަނާފައިވެއެވެ.