ޔުކްރެއިން

"ޝަރުތަކާނުލާ ރަޝިއާ މަޝްވަރާއަށް އެއްބަސްވުމަކީ ކާމިޔާބެއް"

ރަޝިއާގެ އަސްކަރީ ފައުޖުތަކުން ޔުކްރޭނަށް ދެމުން ގެންދާ ހަމަލާތަކާ ބެހޭ ގޮތުން ބައިނަލްއަގްވާމީ ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ޔުކްރޭންގެ ފޮރިން މިނިސްޓަރު، ދިމިތުރޯ ކޫލެބާ ވިދާޅުވީ ޝަރުތަކާ ނުލައި ރަޝިއާ މަޝްވަރާކުރަން އެއްބަސްވުމަކީ ވެސް ޔުކްރޭނަށް ލިބުނު ނަސްރެއް ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުން ޔުކްރޭނުން ރަޝިއާއާ މަޝްވަރާ ކުރާނެ އެވެ. އޭނާ އަދި ވިދާޅުވީ މަޝްވަރާއަށް ޚާއްސަ ޓީމެއް ބެލަރޫސްގެ ބޯޑަރުން ރަޝިއާގެ މަޝްވަރާ ވަފުދާ ބައްދަލު ކުރާނެ ކަމަށެވެ.

ވަޒީރު ވިދާޅުވީ ރަޝިއާ އާވާހަކައެއް ދައްކާތޯ ބައްލަވާނެ ކަމަށާއި ބޮޑަށް ބާރުއަޅުއްވާނީ ރަޝިއާ ސިފައިން ޔުކްރޭނުން ފޭބުނާ ބެހޭ ގޮތުން ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުން ޕޫޓިން ވަނީ ރަޝިއާގެ ނިއުކްލިއާ ބާރުތައް ހަރަކާތަށް ގެނައުމަށް އަމުރު ކުރައްވާފަ އެވެ. އޭނާ އަދި ވިދާޅުވީ ނިއުކްލިއާ ހަމަލާއަކުން ހުއްޓުވޭ ވަރަށް ވުރެ ޔުކްރޭންގެ އަޒުމު ގަދަ ކަމަށެވެ.

ރަޝިއާއާ އެކު އެއްވެސް ބާވަތެއްގެ ގުޅުމެއް ނުބާއްވާނެ ކަމަށް ވިދާޅުވެ ޔުކްރޭންގެ ރައީސް ލަޑިމިއާ ޒީލިއަންސްކީ ވަނީ ރަޝިއާއާ ސިޔާސީ ގުޅުން ކަނޑާލައްވާފަ އެވެ.

އެހެން ނަމަވެސް، ޖެހިގެން އައިދުވަހު ރަޝިއާއާ އެކު މަޝްރާ ކުރައްވަން އެދިވަޑައިގެން އޭނާޣެ ޓެލެގްރާމް އެކައުންޓުން ވަނީ މެސެޖް ކުރައްވާފަ އެވެ.

ރަޝިއާ ބުނީ މަޝްވަރާއަށް އޮތް ފުރުސަތު ރަޝިއާ އެއްގޮތަކަށް ވެސް ބަންދު ނުކުރާ ކަމަށާއި ބެލަރޫސްއަށް ޓީމެއް ފޮނުވާނެ ކަމަށެވެ.

އެހެން ނަމަވެސް. ޒީލިއަންސީ ވިދާޅުވީ ބެލަރޫސްގައި އޮންނަ މަޝްވަރާއެއްގައި ޔުކްރޭން ބައިވެރި ނުވާނެ ކަމަށާއި އެދިވަޑައިގަންނަވަނީ ވާސޯ ނުވަތަ އިސްތަންބޫލް ފަދަ ގައުމެއްގައި މަޝްވަރާ ކުރެއްވުމަށް ކަމަށެވެ.

ޚަބަރުތައް ބުނާ ގޮތުން ބެލަރޫސްގެ ބޯޑަރުގައި ބައްދަލުވުން ބާއްވަން ޒީލިއަންސްކީ މިހާރު ވަނީ އެއްބަސްވެ ވަޑައިގެންފަ އެވެ. އަދި މަޝްވަރާ ވަފުދަށް ދަތުރުމަތީގައި އެއްވެސް ބާވަތެއްގެ ގޯނާއެއް ނުކުރާނެކަން ބެލަރޫސްއިން ކަށަވަރުކޮށްދެއްވަން އޭނާ ވަނީ އެދިވަޑައިގެންފަ އެވެ.