ގޫގުލް މެޕްސް ލައިވް ޓްރެފިކް މިދުވަސްކޮޅު ޔުކްރޭނަށް ފޯކަސް ނުކުރާނެ ކަމަށް ގޫގުލުން ބުނެފި އެވެ.
ގޫގުލުން ބުނީ ޔުކްރޭންގެ މަގުތައް އެވަގުތަކު އޮންނަ ގޮތް -- ދުއްވާ އުޅަނދުތަކުގެ ހަރަކާތްތައް ފަދަ ޓްރެފިކް ހާލަތު، އުޅަނދު ދުއްވާ މީހުންނަށް އަދި ގޫގުލް މެޕް ބޭނުންކުރާ މީހުން ކުރިން އަންގައިދިން ގޮތަށް މިހާރު އަންގައި ނުދޭނެ ކަމަށެވެ.
ރަޝިއާ އާއި ޔުކްރޭނާ ދެމެދު މިހާރު ހިނގަމުންދާ ހަމަނުޖެހުންތަކުގައި ގޫގުލް މެޕަކީ ވަކި ބަޔަކު ޖާއިޒު ނޫން ގޮތެއްގައި ބޭނުންކޮށްފާނެ ހަތިޔާރެއް ކަމަށް ގޫގުލުން ބުނެ އެވެ.
ގޫގުލުން ބުނީ ގޫގުލް މެދުވެރިކޮށް ޔުކްރޭނަށްދޭ އިތުރު ފަސޭހަތައް ވެސް މިވަގުތަށް މެދުކަނޑާލާނެ ކަމަށެވެ. އޭގެ ތެރޭގައި މަގުތަކުން ވަކި އެއްޗެއް ސާފުކޮށް ބެލުމާއި ހޮޓާ ރެސްޓޯރަންޓާ ބެހޭ މައުލޫމާތު ހިމެނޭ ކަމަށެވެ.
ގޫގުލް މެޕްސް ބޭނުންކުރާ މީހުން ބުނާ ގޮތުން ޔުކްރޭނަށް ރަޝިއާ ހަމަލާދިނުމުގެ ކުރިން އާންމުގެ ބައެއް މީހުންނަށް އެކަން އެނިގެއްޖެ އެވެ. އެއީ ގޫގުލް ލައިވް ޑާޓާ ބަލައިގެން ކަމަށް އެމީހުން ބުނެ އެވެ.
ރަޝިއާގެ ރައީސް ލަޑިމިއާ ޕޫޓިން ޔުކްރޭނަށް ހަމަލާދޭން އަމުރު ކުރެއްވުމުގެ ކުރިން ޔުކްރޭންގެ ބައެއް މީހުން އެ ސަރަހައްދުން ފޭބީވެސް ގޫގުލް މެޕްސް ބަލާފަ އެވެ.
ގޫގުލުން ބުނީ އެ ހިދުމަތް މެދުކަނޑާލަނީ ޕްރެޝަރެއް އޮވެގެން ނޫން ކަމަށާއި އާންމުންނަށް އެންމެ ރައްކާތެރި ގޮތަކީ އަދި ހިދުމަތް ނުދިނުން ކަމަށެވެ.