ޕްރަވެޓައިޒޭޝަން

ބައެއް ކުންފުނިތަކުގެ އިސްވެރިން ބަދަލުކުރަނީ

Feb 28, 2022
2

ސަރުކާރު ހިއްސާވާ މުހިއްމު ކުންފުނިތަކެއްގެ އިސްވެރިން ބަދަލުކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހމް މުހައްމަދު ސޯލިހް ނިންމަވައިފި އެވެ.

ރައީސް އޮފީހުން އެކަން ޔަގީންކޮށްދެއްވި ނަމަވެސް އެކަމުގެ ތަފްސީލް ހިއްސާކޮށްފައެއް ނުވެ އެވެ.

ބައެއް ކުންފުނިތަކުގެ އިސްވެރިން ބަދަލުކުރުމަށްޓަކައި އެ މަރުހަލާ ކުރިއަށް ގެންގޮސް ދެއްވުމަށް ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ)އަށް ހުށަހަޅުއްވާފައިވާ ކަމަށް އެ އިދާރާ އިން ޔަގީންކޮށްދެ އެވެ.

އަވަސް އަށް މިއަދު މައުލޫމާތު ދެއްވަމުން ޕީސީބީގެ ރައީސް އާސިމް މުހައްމަދު ވިދާޅުވީ ސަރުކާރު ހިއްސާވާ މުހިއްމު ހަތަރު ކުންފުންޏެއްގެ އިސްވެރިން ބަދަލުކުރުމަށް ހުށަހެޅުންތަކެއް ލިބިފައިވާ ކަމަށެވެ.

ޕީސީބީގެ ބޯޑުގައި މަޝްވަރާކުރެއްވުމަށްފަހު މިއަދު ނޫނީ މާދަމާގެ ވަގުތެއްގައި ގޮތެއް ނިންމަވާނެ ކަމުގައިވެސް އާސިމް ވިދާޅުވި އެވެ.

"ބޯޑުން ގޮތެއް ނިމުނުހާ އަވަހަށް އަޅުގަނޑުމެން އެ މައުލޫމާތު މީޑިއާއާ ހިއްސާކުރާނަން،" އާސިމް ވިދާޅުވި އެވެ.

މުހިއްމު ކުންފުނިތަކެއްގެ އިސްވެރިން ބަދަލުކުރުމަށް ތައްޔާރުވަމުންދާއިރު ދައުލަތުގެ ކުންފުނިތައް ޕްރައިވެޓައިޒް ކޮށްގެން 771 މިލިއަން ރުފިޔާ ހޯދުމަށް މިއަހަރުގެ ބަޖެޓުގައި ސަރުކާރުން ހިމަނާފައިވެ އެވެ.