ސަރުކާރު ހިއްސާވާ ބައެއް ކުންފުނިތަކުގެ އިސްވެރިންގެ ގޮތުގައި ބޭފުޅުން އައްޔަންކުރުމަށްޓަކައި ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އަށް ބައެއް ބޭފުޅުންގެ ނަންތައް ފޮނުވައިފި އެވެ.
އެގޮތުން ސަރުކާރު ހިއްސާވާ ހަ ކުންފުންޏަކަށް އެމްޑީންގެ ގޮތުގައި އަދި ސީއީއޯ އިންގެ ގޮތުގައި ބޭފުޅުން އައްޔަންކުރަން ވަނީ ނަންތައް ފޮނުވާފަ އެވެ.
އެންސްޕާގެ ސީއީއޯގެ މަގާމަށް އައްޔަންކުރަން ފޮނުވީ ކުރީގެ މަޝްހޫރު ޓީވީ ޕްރެޒެންޓަރު އަދި ޕީޕީއެމް ޕީއެންސީގެ ތަރުޖަމާން ހީނާ ވަލީދުގެ ނަމެވެ. ދައުލަތުގެ މީޑިއާ ކުންފުނި -- ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރު ކަމަށް އައްޔަންކުރަން ފޮނުވީ ބްރޯޑްކާސްޓިން ކޮމިޝަންގެ ކުރީގެ މެންބަރު އަދި ޒީޓައިމްސްގެ އެޑިޓަރު ޒީނާ ޒާހިރުގެ ނަމެވެ.
ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީގެ މެނޭޖިން ޑިރެކްޓަރު ކަމަށް އައްޔަންކުރަން ފޮނުވީ ބިލެއްދޫ ދާއިރާގެ ކުރީގެ މެންބަރު އަހްމަދު މުބީންގެ ނަމެވެ. ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް އައްޔަންކުރަން ފޮނުވީ މަޑަވެލި ދާއިރާގެ ކުރީގެ މެންބަރު މުއާޒު މުހައްމަދު ރަޝީދުގެ ނަމެވެ.
މީގެއިތުރުން އާސަންދައިގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް އައްޔަންކުރަން ފޮނުވީ ހެންވޭރު ދެކުނު ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު އަބްދުލްކަރީމް (ރުކުމާ)ގެ ނަމެވެ. ވެމްކޯގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް އައްޔަންކުރަން ފޮނުވީ އެންސްޕާގެ ކުރީގެ ސީއީއޯ އަދި މާލެ ސިޓީ ކައުންސިލްގެ ސެކްރެޓަރީ ޖެނަރަލަކަށް ހުންނެވި މުޖުތަބާ ޖަލީލްގެ ނަމެވެ.
އާބަންކޯގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ރައްޔިތުންގެ މަޖިލީހުގެ ފެލިދޫ ދާއިރާގެ މެންބަރު ފަޒްލު ރަޝީދު އައްޔަންކުރުމަށް އޭނާގެ ނަންވެސް ޕްރައިވެޓައިޒޭޝަން ބޯޑަށް ފޮނުވަން ނިންމާފައިވާ ކަމަށްވެ އެވެ.
ކުންފުނިތަކަށް އިސްވެރިން އައްޔަންކުރުމަށްޓަކައި ރައީސް ޑރ. މުހައްމަދު މުއިއްޒު މިހާރު ވަނީ ޕްރައިވެޓައިޒޭޝަން ބޯޑަށް މެންބަރުން އައްޔަންކުރައްވާ އެ ބޯޑު އަލުން އެކުލަވާލާފަ އެވެ.