ރާއްޖޭގެ ފުޓްބޯޅަ ކްލަބްތަކުގެ ދަރަނިތައް ފިލުވަން އެހީ ނުދެވޭނެ ކަމަށް ޔޫތު މިނިސްޓަރު އަހްމަދު މަހުލޫފް ވިދާޅުވެއްްޖެ އެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި މަހްލޫފް މިހެން ވިދާޅުވީ ކުޅުދުއްފުށި ދެކުނު ދާއިރާގެ މެމްބަރު ޖަމްޝީދު އަހުމަދު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
ޖަމްޝީދު ސުވާލުކުރެއްވީ ރާއްޖޭގެ އެންމެ ބޮޑު ދެ ފުޓްބޯޅަ ކްލަބް ކަމުގައިވާ ނިއުރޭޑިއަންޓާއި ވިކްޓްރީއަށް މާލީ ބޮޑެތި މައްސަލަތަކެއް ކުރިމަތިވެފައިވާތީ އެ ދެ ކްލަބަށް އެހީތެރިވުމާ ގުޅޭގޮތުންނެވެ.
ސުވާލުގެ ޖަވާބުގައި މިނިސްޓަރު ވިދާޅުވީ ވިކްޓްރީއާއި ނިއުރޭޑިއަންޓަށް ވެސް ދިމާވެގެން އުޅެނީ ދަރަނީގެ މައްސަލައެއް ކަމަށާއި ހަތް މިލިއަން ރުފިޔާ އެ ކްލަބްތަކާ ހަވާލުކުރި ނަމަވެސް އެ ފައިސާއިން ކުރާނެކަމަށް ދަންނަވަން އެނގިވަޑައިނުގަންނަވާ ކަމަށެވެ.
ބޮޑެތި ކުލަބް ތަކުގެ ދަރަނި ހަލާސްކުރަން ސަރުކާރުން ފައިސާ ދޭން ޖެހޭނަމަ ރަށްރަށުގެ ކްލަބުތަކުގެ ދަރަނިތަކުގައި ވެސް މިނިސްޓްރީން އެހީތެރިކަން ފޯރުކޮށްދޭން ޖެހިދާނެތީ މިނިސްޓަރު މަހްލޫފް ކަންބޮޑުވުން ވެސް ފާޅުކުރެއްވި އެވެ.
"ވިކްޓްރީއަށް އެހީތެރިކަން ފޯރުކޮށްދޭން ވެގެން އަޅުގަނޑުމެން ކުރިން ހުންނާނެ އެހެން ހުރިހާ ކްލަބްތަކަށް ވެސް އެހީތެރިކަން ފޯރުކޮށްދީފައި. އެކަމަކު އެގޮތަށް ވެސް ދަރަނިން ސަލާމަތްވެވޭނެކަމުގެ ޔަގީންކަމެއް ނުދެވޭ. އެކަމަކު ކުރީގައި ކަންކަން ކޮށްފައި ހުރި ގޮތުން ހަގީގަތުގައި ހުރިހާ ކްލަބެއްގެ ދުވަސް ގޮސްގެން މިއުޅެނީ." މަހުލޫފް ވިދާޅުވި އެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ އެތަކެއް މިލިއަން ރުފިޔާގެ އެހީ ނިއުރޭޑިއަންޓް ފަދަ ކްލަބްތަކަށް ދީގެންވެސް ދަރަނިން ސަލާމަތްވާނެކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ.
"އެެހެންވީމާ އެވަރުގެ ބޮޑު ދަރަންޏެއް [ކްލަބުތަކުގެ] އޮތީމަ މިނިސްޓްރީއަށް އެއީ ކޮށްދެވޭ ވަރުގެ ކަމެއް ނޫން" މަހުލޫފް ވިދާޅުވި އެވެ.