ރައްޔިތުން މަޖިލީހުގެ މެންބަރުކަން ކުރައްވާފައިވާ ބޭފުޅުންގެ އާއިލާއަށް ހެލްތް އިންޝުއަރެންސް ދިނުމާ ގުޅޭ މައްސަލަ މަޖިލީހުގެ ތަޅުމަށް ގެންގޮސްގެން ތަޅުމުން ގޮތެއް ނިންމުމަށް މަޖިލީހުގެ އާންމު ކޮމިޓީން ނިންމައިފި އެވެ.
އާންމު ކޮމިޓީގެ މިއަދުގެ ބައްދަލުވުން ފައްޓަވަމުން ކޮމިޓީގެ މުގައްރިރު އަދި ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް ވިދާޅުވީ ކޮމިޓީގެ ފުރަތަމަ ބައްދަލުވުމުގައި މައްސަލަ ދިރާސާ ކުރުމަށް އިދާރީ ބޭފުޅުންނަށް ދެންނެވުނު ކަމަށެވެ. އަދި އެ ދިރާސާއިން ހާމަވި ގޮތުގައި އެއްވެސް ގައުމެއްގައި ކުރިން މެންބަރުކަން ކުރައްވާފައިވާ ތިއްބެވި ބޭފުޅުންގެ އާއިލާއަށް އިންޝުއަރެންސް ޕެކޭޖެއް ނުދޭ ކަމަށް އެނގިފައިވާ ކަމަށެވެ.
އަލިފުށި ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު ހުސައިން ވެސް ވިދާޅުވީ މަޖިލީހުގެ ކުރީގެ މެންބަރުންގެ އާއިލާ އަށް އިންޝުއަރެންސް ޕެކޭޖެއް އެއްވެސް ގައުމަކުން ދޭކަން އެނގިވަޑައިގެންފައި ނުވާ ކަމަށެވެ.
"އަޅުގަނޑުމެން ޖެހޭނެ ބަލަން މިކަމުގެ ސަބަބުން ދިމާވެދާނެ ގޮންޖެހުންތަކަށް. މި ކޮމިޓީގައި ތިބޭ އަށް މެމްބަރުން މިކަމަށް ނިންމުމެއް ނިންމުމަކީ މުޅި މަޖިލީހުގައި ތިބޭ މެމްބަރުންނަށް ބޭއިންސާފުވެރިވުން. މިކަމުގައި ގޮތެއް ނިންމަން މަޖިލިސް ފްލޯއަށް ހުށަހެޅުމަށް ހުށަހަޅަން." މުހައްމަދު ރަޝީދު ވިދާޅުވި އެވެ.
އަލިފުށި ދާއިރާގެ މެމްބަރުގެ ހުށަހެޅުއްވުމަށް ތާއީދު ކުރައްވާ ފުނަދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝާހިދު ވިދާޅުވީ މި މައްސަލަ އަކީ އެހެން ބައެއް ފަރާތްތަކުގެ މަސްލަހަތު ވެސް ހިމެނޭ މައްސަލައެއް ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. އެހެންކަމުން ރަނގަޅު ގޮތަކީ މަޖިލިސް ތަޅުމުގައި މިކަމާ މެދު މަޝްވަރާކުރުމަށް ފަހު ގޮތެއް ނިންމުން ކަމަށެވެ. އެހެންކަމުން ކޮމިޓީގައި ބައިވެރިވެ ވަޑައިގެންނެވި މެމްބަރުންގެ އިއްތިފާގުން ފާސްވީ މި މައްސަލަ މަޖިލީހުގެ ތަޅުމަށް ހުށަހަޅައި އެކަމާ މެދު ތަޅުމުން ގޮތެއް ނިންމުމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި، މެންބަރުންގެ ޑިޕެންޑެންޓުންނާއި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަން ކުރައްވާފައިވާ ބޭފުޅުންނަށް މެޑިކަލް އިންޝުއަރެންސް ހިދުމަތް ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް އަމަލުކުރާނެ ގޮތެއް ހަމަޖައްސަވައި ދެއްވުން އެދިވަޑައިގެން ކޮމިޓީ އަށް މައްސަލަ ފޮނުއްވާފައިވަނީ ކުރީގެ މަޖިލިސް މެމްބަރަކެވެ. އެ މައްސަލައިގައިވާ ގޮތުން މެމްބަރުކަން ކުރިން ކުރައްވާފައިވާ ފަރާތްތަކުގެ އާއިލާއަށް މަޖިލީހުގެ ފަރާތުން އިންޝުއަރެންސް ހަމަޖައްސައިދޭނީ އިންޝުއަރެންސްގެ ޕްރިމިއަމަށްވާ ފައިސާ އެ މެންބަރަކު ދެއްކެވުމުންނެވެ.
ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒުތަކާއި ބާރުތަކުގެ ގާނޫނުގެ އަށްވަނަ މާއްދާގެ (ޅ)ގައި ބުނެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަން ކޮށްފައިވާ ކޮންމެ މީހަކަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް އޮންނަ ފަދަ ހެލްތު އިންޝުއަރެންސް ސްކީމެއްގެ ދަށުން ބޭސް ފަރުވާ ކޮށްދެވޭނެ ކަމަށެވެ. އެ މާއްދާ މިހާރު އޮތް ގޮތުން މެންބަރުކަން ކުރެއްވި ބޭފުޅެއްގެ އާއިލާ އަށް ހެލްތު އިންޝުއަރެންސް ސްކީމުގެ ދަށުން ބޭސް ފަރުވާ ކުރެވޭނެ ކަމަށް ބުނެފައެއް ނުވެ އެވެ.