ރައްޔިތުން މަޖިލީހުގެ ކުރީގެ މެމްބަރުންގެ އާއިލާތަަކަށް ހެލްތް އިންޝުއަރެންސް ނުދޭން ރައްޔިތުންގެ މަޖިލީހުގެ ތަޅުމުން ފާސްކޮށްފި އެވެ.
އެ މައްސަަލަ މީގެ ކުރިން މަޖިލީހުގެ އާންމު ކޮމިޓީން ވެސް ބެލި އެވެ. ނަމަވެސް އެ ކޮމިޓީން ގޮތެއް ނުނިންމައި މަޖިލީހުގެ ތަޅުމަށް ފޮނުވާލީ ތަޅުމުން އެ މައްސަލައާ މެދު ގޮތެއް ނިންމުމަށެވެ.
މަޖިލީހުގެ ތަޅުމުގައި މިއަދު އެކަމާ ގުޅޭ ގޮތުން ކުރި ބަހުސްގައި ގިނަ މެމްބަރުން ވެސް ވިދާޅުވީ ކުރީގެ މެމްބަރުންގެ އާއިލާއަށް އިންޝުއަރެންސް ދޭން ނުފެންނަ ކަމަށެވެ.
ކުރީގެ މެމްބަރުންގެ އާއިލާއަށް ހެލްތް އިންޝުއަރެންސް ނުދޭން ވޯޓަށް އަަހަން ހުށަހެޅުއްވީ އިނގުރައިދޫ ދާއިރާގެ މެމްބަރު ހަސަން އަހުމަދު އެވެ. އަދި އެ ހުށަހެޅުއްވުމަށް ތާއިދުކުރެއްވީ ވެލިދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ ޝަފީގް އެވެ. އެ ހުށަހެޅުން މަޖިލީހުގެ ތަޅުމުން ފާސްކުރީ 26 މެމްބަރުންގެ ވޯޓާއެކު އެެކު އެވެ. ނުފެންނަަ ކަަމަށް ދެ މެމްބަރަކު ވޯޓު ދެއްވި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި، މެންބަރުންގެ ޑިޕެންޑެންޓުންނާއި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަން ކުރައްވާފައިވާ ބޭފުޅުންނަށް މެޑިކަލް އިންޝުއަރެންސް ހިދުމަތް ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް އަމަލުކުރާނެ ގޮތެއް ހަމަޖައްސަވައި ދެއްވުން އެދިވަޑައިގެން ކޮމިޓީ އަށް މައްސަލަ ފޮނުއްވާފައިވަނީ ކުރީގެ މަޖިލިސް މެމްބަރަކެވެ. އެ މައްސަލައިގައިވާ ގޮތުން މެމްބަރުކަން ކުރިން ކުރައްވާފައިވާ ފަރާތްތަކުގެ އާއިލާއަށް މަޖިލީހުގެ ފަރާތުން އިންޝުއަރެންސް ހަމަޖައްސައިދޭނީ އިންޝުއަރެންސްގެ ޕްރިމިއަމަށްވާ ފައިސާ އެ މެންބަރަކު ދެއްކެވުމުންނެވެ.
ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒުތަކާއި ބާރުތަކުގެ ގާނޫނުގެ އަށްވަނަ މާއްދާގެ (ޅ)ގައި ބުނެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަން ކޮށްފައިވާ ކޮންމެ މީހަކަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް އޮންނަ ފަދަ ހެލްތު އިންޝުއަރެންސް ސްކީމެއްގެ ދަށުން ބޭސް ފަރުވާ ކޮށްދެވޭނެ ކަމަށެވެ. އެ މާއްދާ މިހާރު އޮތް ގޮތުން މެންބަރުކަން ކުރެއްވި ބޭފުޅެއްގެ އާއިލާ އަށް ހެލްތު އިންޝުއަރެންސް ސްކީމުގެ ދަށުން ބޭސް ފަރުވާ ކުރެވޭނެ ކަމަށް ބުނެފައެއް ނުވެ އެވެ.