އެމްޑީޕީ

ބިރު ދައްކައިގެން ވޯޓް ހޯދުމަކީ އެމްޑީޕީގެ އަސާސެއް ނޫން: ވަހީދު

މެންބަރުންނަށް އެކި ކަހަލަ ބިރު ދައްކައިގެން ވޯޓް ހޯދުމަކީ އެމްޑީޕީގެ އަސާސެއް ނޫން ކަމަށް ވިދާޅުވެ އެމްޑީޕީގެ ޗެއާޕާސަންގެ އިންތިހާބުގައި ވާދަކުރައްވާ އިމްޔިތާޒު ފަހުމީ (އިންތި) ގެ ކެންޕެއިން ތަރުޖަމާން އަދި އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދު (ވައްޑެ) ގެ ނުސީދާ ބަހުގެ ހަމަލާތަކެއް އިއްތި އާ ވާދަކުރައްވާ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް (ފައްޔަ) އަށް އަމާޒު ކުރައްވައިފި އެވެ.

އިންތިއަށް ތާއީދު ހޯދުމަށް ފުވައްމުލަކު ސިޓީގައި ކުރިއަށް ގެންދިޔަ ކެމްޕެއިން ހަރަކާތްތަކާއި ގުޅޭ މައުލޫމާތު ހާމަކުރުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލްވުމުގައި ވައްޑެ ވިދާޅުވީ ޗެއާޕާސަންގެ އިންތިހާބާ ދިމާކޮށް އެމްޑީޕީގެ މެންބަރުން ކަންބޮޑުވާ އެތައް ކަމެއް ހިނގަމުންދާ ކަމަށެވެ. އެ ގޮތުން ވަކި ބޭފުޅަކަށް ވޯޓް ނުދީފިނަމަ ސަރުކާރުން ދޭ ބައެއް ހިދުމަތްތައް ނުލިބޭނެ ކަމަށް ބުނެ ވޯޓަށް ނުފޫޒު ފޯރުވުމަށް މަސައްކަތް ކުރާ ކަމުގެ ޝަކުވާ މެންބަރުން ކުރަމުންދާ ކަމަށެވެ.

ހާއްސަކޮށް މިވަގުތު އެކި ވަޒީފާތަކުގައި ތިބި އެމްޑީޕީގެ މެންބަރުންނަށް ވަޒީފާގެ ބިރު ދައްކަމުންދާ ކަމުގެ ކަންބޮޑުވުން އެބަ އޮތް ކަމަށް ވަހީދު ވިދާޅުވިއެވެ. ވަހީދު ވިދާޅުވީ އެއީ އެމްޑީޕީ މިދިޔަ ދިގު މުއްދަތުގައި ނަގަހައްޓާ ދެމެހެއްޓި އުސޫލުތަކާއި މުޅީން ހިލާފު ކަންކަން ކަމަށެވެ. އަދި އެކަން އެ ގޮތަށް ކޮށްގެން އިންތިހާބުތަކުގެ ނަތީޖާ އަނބުރާ ލެވިދާނެ ކަމަށް ގަބޫލު ކުރުމަކީ މޮޔަ ކަމެއް ކަމަށެވެ.

ވަހީދު ވިދާޅުވީ އެެ ގޮތުން އެކަކަށް ދައްކާ ބިރުގެ ސަބަބުން އިތުރު 100 މެންބަރުން އެކަމާ ދެކޮޅުވެ ނިކުންނާނެ ކަމަށެވެ. ވަހީދު ވަނީ އުސޫލުގެ ތެރެއިން ކެމްޕެއިން ހަރަކާތްތައް ކުރިއަށް ގެންދިއުމަށާއި ނުފޫޒު ފޯރުވުން ހުއްޓާލެއްވުމަށް ގޮވާލައްވާފައެވެ.

ފުވައްމުލަކު ދަތުރާއި ގުޅޭގޮތުން ވަހީދު ވިދާޅުވީ އެ ދަތުރު ކާމިޔާބު ކަމަށެވެ. އަދި ކުރިއަށް އޮތީ އައްޑޫ ސިޓީގެ ރަށްތަކަށް ކުރާ ދަތުރު ކަމަށް ވިދާޅުވިއެވެ.

އެމްޑީޕީގެ އެތެރޭގެ އިންތިހާބާ ދިމާކޮށް އެމްޑީޕީގެ މެންބަރުން ވަޒީފާތަކުން ވަކިކުރަމުންދާ ކަމަށް ތުހުމަތުކޮށް ރައީސް ނަޝީދުގެ ފާޑުވިދާޅުވުން ރައީސް ސޯލިހަށްވެސް ވަނީ އަމާޒު ކުރައްވާފައެވެ. ރައީސް ނަޝީދުގެ ތުހުމަތާއި ފާޑުވިދާޅުވުން ރައީސް ސޯލިހަށް އަމާޒު ކުރެއްވީ އެމްޑީޕީގެ ވަޓްސްއަޕް ގުރޫޕަށް އެމަނިކުފާނު ފޮނުއްވެވި މެސެޖެއްގައެވެ. އެ މެސެޖްގައި ވިދާޅުވީ ގާނޫނު އަސާސީގެ 115 ވަނަ މާއްދާ ރައީސުލްޖުމްހޫރިއްޔާ ބޭނުން ކުރައްވަނީ ވަރަށް ސިޔާސީކޮށް ކަމަށެވެ. -- ގާނޫނު އަސާސީގެ 115 ވަނަ މާއްދާއަކީ ރައީސުލްޖުމްހޫރިއްޔާގެ ބާރުތަކާއި މަސްއޫލިއްޔަތުތައް ބަޔާންކޮށްފައިވާ މާއްދާއެވެ. -- އޭގެ ފަހަށް ރައީސުލްޖުމްހޫރިއްޔާއަށް އިޝާރާތް ކުރައްވާ އެމްޑީޕީގެ އެތެރޭގެ އިންތިހާބުތަކާއި ދިމާކޮށް އެ ޕާޓީން މަގާމުތަކުގައި ތިއްބަވާ ބޭފުޅުން ވަކިކޮށްގެން ނުވާނެ ކަމަށް ވިދާޅުވިއެވެ.

އަދި ވިދާޅުވީ އެ ބޭފުޅުން ވަކިކުރައްވާނަމަ އެމަނިކުފާނުވެސް ވަކި ކުރެއްވުމަށެވެ.

"ރައީސުލްޖުމްހޫރިއްޔާ ގާނޫނު އަސާސީގެ 115 ވަނަ މާއްދާ މި ބޭނުން ކުރައްވަނީ ވަރަށް ސިޔާސީކޮށް. ރައީސުލްޖުމްހޫރިއްޔާއަށް ދަންނަވަން. އެމްޑީޕީގެ އެތެރޭގެ އިންތިހާބާއި ދިމާކޮށް ޕާޓީ އިން މަގާމުތަކުގައި ތިއްބަވާ ބޭފުޅުން ވަކިކޮށްގެން ނުވާނެ. ވަކިކުރާ ނަމަ އަޅުގަނޑުވެސް ވަކި ކުރައްވާ،" ނަޝީދުގެ މެސެޖްގައި ވިދާޅުވެފައިވެއެވެ.

ނަޝީދު މިހެން ވިދާޅުވީ ރ އަތޮޅު ދުވާފަރު ސިއްހީ މަރުކަޒުގެ އިސް މަގާމެއްގައި ހުރި އެމްޑީޕީގެ މެންބަރަކު މަގާމުން ވަކިކުރުމާއި ގުޅިގެން އެކަމާ ކަންބޮޑުވުން ފާޅުކުރައްވައެވެ. މިއަދު މަގާމުން ވަކިކޮށްފައިވަނީ ދުވާފަރު ސިއްހީ މަރުކަޒުގެ ސީނިއާ އެޑްމިނިސްޓްރޭޓަރު ހެލްތް ސާވިސަސްގެ މަގާމުގައި ހުންނެވި އާމިރު އަހުމަދެވެ.