ޔުކްރޭންގައި މިވަގުތު ތިބީ ނުވަ ދިވެހިން ކަމަށް ފޮރިން މިނިސްޓްރީން ބުނެފި އެވެ.
ރަޝިއާ އިން ޔުކްރޭނަށް ހަމަލާދެމުންދާއިރު ޔުކްރޭންގައި މިވަގުތު ތިބި ނުވަ ދިވެހިންގެ ތެރެއިން އަށް ދިވެހިން ތިބީ ޚަރްކީވް އެވެ. އަދި ނީފްރޯގައި އެއް ދިވެއްސަކު އެބަހުއްޓެވެ.
ފޮރިން މިނިސްޓްރީން ބުނީ ޚަރްކީވްގައި ތާށިވެފައި ތިބި ދިވެހިން ރައްކާތެރި ހިސާބުތަކަށް ގެންދިޔުމަށް އިތުރު ގައުމުތަކާ ގުޅިގެން މަސައްކަތް ކުރަމުންދާ ކަމަށާއި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އެ ކުދިންނަށް އިއްޔެ ފޯނުން ގުޅުއްވައި، ހާލު ބެއްލެވި ކަމަށެވެ.
ޔުކްރޭންގެ ވެރިރަށް ކިއޭވް ކައިރީގައި ޔުކްރޭން މީހަކާ ކައިވެނިކޮށްގެން އުޅުނު ދިވެހި މީހާގެ ދެމަފިރިންނާއި އެ މީހުންގެ ދެ ކުދިން ވެސް މިހާރު ވަނީ ހަންގޭރީ އަށް ގެންގޮސްފަ އެވެ.
ޔުކްރޭނާ އިންވެގެން އޮތް އަދި ރަޝިއާ އަށް ވާގިވެރިވާ ބެލަރޫސްގައި ކިޔަވަމުންދާ ދަރިވަރުންނާއި ރަޝިއާގައި ތިބި ދަރިވަރުންގެ ތެރެއިން އަނބުރާ ރާއްޖެ އަންނަން ބޭނުންވާ ދަރިވަރުންނަށް މާލެ އައުމަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ނިންމައި، ދަރިވަރުންނަށް އެކަން އަންގާފައިވާ ކަމަށްވެސް މިނިސްޓްރީން ބުނެ އެވެ. އަދި ރަޝިއާ އާއި ބެލަރޫސްގައި ޔުނިވަސިޓީތަކުގެ ކްލާސްތައް މެދުނުކެނޑި އާންމު ހާލަތުގައި ކުރިއަށްދާ ކަމަށްވެސް ވެސް މިނިސްޓްރީން ބުނެ އެވެ.
"ކްލާސްތައް އޮންލައިން ކްލާސްތަކަށް ބަދަލުކުރެވޭތޯ ދަރިވަރުން ދަނީ ޔުނިވަރސިޓީއާއެކު މަޝްވަރާކުރަމުން. ދަރިވަރުންނަށް މިކަމުގައި ބޭނުންވާ އެހީތެރިކަން ބަރލިންގައި ހުންނަ ދިވެހި ރާއްޖޭގެ އެމްބަސީއިން ދަނީ ފޯރުކޮށްދެމުން،" ފޮރިން މިނިސްޓްރީން ބުނެފައިވެ އެވެ.