އެމްޑީޕީ

އެމްޑީޕީ އިންތިހާބުގެ ކޯޅުން މަޖިލިސް ތަޅުމަށް

އެމްޑީޕީގެ އެތެރޭގެ އިންތިހާބުގެ ފޯރިގަދަވެ ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި އެމްޑީޕީގެ މެންބަރުންގެ ކޯޅުންގަނޑު ބޮޑުވެއްޖެ އެވެ.

އިންތިހާބާ ދިމާކޮށް ވަކި ކެންޑިޑޭޓަކަށް ތާއީދު ނުކުރާ މީހުން ވަޒީފާތަކުން ވަކިކުރަމުންދާ ކަމަށް ބުނާ މައްސަލައިގައި މެންބަރުންގެ ކޯޅުންގަނޑު ބޮޑުވީ ދުވާފަރު ސިއްހީ މަރުކަޒުގެ ސީނިއާ އެޑްމިނިސްޓްރޭޓަރު ހެލްތް ސާވިސަސްގެ މަގާމުގައި ހުރި އާމިރު އަހްމަދު މަގާމުން ވަކިކުރި މައްސަލަ ކުއްލި މައްސަލައެއްގެ ގޮތުގައި މަޖިލީހުގައި ތަޅުމަށް މިއަދު ހުށަހެޅި ކުރެވުނު ބަހުސްގަ އެވެ.

ވަޒީފާތަކުން އެމްޑީޕީގެ ބައެއް މެމްބަރުން ވަކިކުރަމުންދާ ކަމަށް ވިދާޅުވެ ކުއްލި މައްސަލަ ހުށަހެޅުއްވީ އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު (ވައްޑެ) އެވެ. އެ މައްސަލަ ބަލައިގަތުމަށްފަހު ބަހުސަށް ހުޅުވާލުމުން ރައީސް މުހައްމަދު ނަޝީދަށް ތާއިދުކުރައްވާ މަޖިލީހުގެ މެމްބަރުންނާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ތާއިދުކުރައްވާ މެމްބަރުންނާ ދެމެދު ބަހުގެ ހޫނު ހަމަލާތަކެއް ކުރިއަށް ދިޔަ އެވެ.

ބަހުސްގައި ވާހަކަދައްކަވަމުން މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް (މަވޯޓާ) ވިދާޅުވީ މަގާމުގެ ޒިންމާ އަދާނުކުރާނަމަ މީހުން ވަޒީފާތަކުން ވަކިކުރަން ޖެހޭ ކަމަށާއި އަދި އެއީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ވާޖިބު ކަމެއް ކަމަށެވެ. ޝަރީފް ތުހުމަތުކުރެއްވި ގޮތުގައި އެމްޑީޕީގެ ބައެއް މެމްބަރުން އެމްޑީޕީގެ މެމްބަރުންގެ ގޮތުގައި ތިއްބަވައިގެން ގެންދަވަނީ އިދިކޮޅު ޕާޓީގެ ދައުރު އަދާކުރައްވަމުންނެވެ. އަދި އެ ބޭފުޅުން ސަރުކާރު ވައްޓާލަން މަސައްކަތް ކުރަމުންދާ ކަމަށް ތުހުމަތުކުރެއްވި އެވެ. އެއީ ޖަރީމާއެއްގެ ގޮތުގައި ސިފަކުރައްވައި ޝަރީފް ވިދާޅުވީ އެއީ ވަރަށް ބިރުވެރި އަދި އެހާމެ ކަންބޮޑުވާން ޖެހޭ ކަމެއް ކަމަށެވެ.

"މި މަޖިލީހުގައި އިދިކޮޅު ޕާޓީގެ ރޯލު ވެރިކަން ކުރާ ޕާޓީން އަދާ ކުރާ ކަމީ، ކަންބޮޑުވާ ކަމެއް. ބިރުވެރި ކަމެއް. ނުރައްކާތެރި ކަމެެއް. ސަރުކާރު ވައްޓާލަން ހިންގާ ޖަރީމާއެއް ކަން އަޅުގަނޑު މި ބުނަނީ ވަރަށް ކެރި ހުރެ. މިއީ ރައީސުލްޖުމްހޫރިއްޔާއަށް ދެވޭ އުދުވާނީ ހަމަލާއެއް،" ޝަރީފް ވިދާޅުވި އެވެ

ޝަރީފްގެ ވާހަަކަތަކަށް ރައްދު ދެއްވައި މަޖިލީހުގެ ނައިބްރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ވިދާޅުވީ އެމްޑީޕީގެ ވަކި މެމްބަރުންތަކެއް ސަރުކާރު ވައްޓާލަން އުޅުއްވާ ކަމަށް ވިދާޅުވެ ދައްކަވާ ވާހަކަތައް ބަަލައިނުގަނެވޭނެ ކަމަށެވެ.

އިވާ ވިދާޅުވީ އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ހަސަން ލަތީފްއާއި ކުރީގެ ސްޕޯކްސްޕާސަން އިމްތިޔާޒް ފަހްމީ ފަދަ ބޭފުޅުންނަކީ އެމްޑީޕީގައި ތިބި އެންމެ އިހުލާސްތެރި މެމްބަރުން ކަމަށާއި އެމްޑީޕީގެ ސަރުކާރު އައީވެސް އިމްތިޔާޒް ފަދަ ބޭފުޅުން ކުރި ހިތްވަރުގެ ސަބަބުން ކަމަށެވެ.

ސަރުކާރުގެ ވަޒީފާތަކުން މީހުން ވަކިކުރަމުންދާ ގޮތުގެ ސަބަބުން 2023ގެ ރިޔާސީ އިންތިހާބު އެމްޑީޕީއަށް ކާމިޔާބުވާނެތޯ އީވާ ސުވާލު އުފެއްދެވި އެވެ.

ބަހުސްގައި ބައިވެރިވެވަޑައިގެންނެވި ފުނަދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝާހިދު ވިދާޅުވީ އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި ޗެއާޕާސަންގެ މަގާމަށް ވާދަކުރައްވާ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލްގެ ކެމްޕޭންގައި ބައިވެރިވެވަޑައިގަތުމާ އެކު ފައްޔާޒަށް ތާއިދުކުރައްވާ މަޖިލިސް މެމްބަރުންނަށް ޕާޓީ ތެރެއިން ފުރައްސާރަކޮށް ގޯނާކުރަމުންދާ ކަމަށެވެ.

ޝާހިދު ވިދާޅުވީ ވަކި ބައެއްގެ ނުފޫޒުން މީހުން މަގާމުން ވަކިކުރާ ކަަމަށް އެމްޑީޕީގެ ބައެއް މެމްބަރުން ތުހުމަތުކުރާއިރު އެ ބޭފުޅުންގެ އަމަލުތައް ވަކި ސަހަލު ނޫން ކަމަށެވެ. އެގޮތުން ހެކި ނެތިގެން މައްސަލައެއް ކުރިއަށް ނުގެންދެވޭނެ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް ވިދާޅުވެފައި ވަނިކޮށް އެ މައްސަލަ ބަލަން ޖެހޭ ކަމަށް އެފަދަ މެމްބަރުން ވިދާޅުވުމުން ދެކޮޅު ޖެހޭތޯ އޭނާ ސުވާލު އުފެއްދެވި އެވެ.

އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީއާ ފައްޔާޒް ވާދަކުރައްވަމުންދާ އިރު ރައީސް ނަޝީދުގެ ފެކްޝަން މެމްބަރުންގެ ފާޑިކިޔުން ފައްޔާޒަށް ވަނީ ވަރަށް ބޮޑަށް އަމާޒުވެފަ އެވެ. ނަމަވެސް ޝާހިދު މިއަދު ވިދާޅުވީ އިމްތިޔާޒަށް ވުރެ ފައްޔާޒުގް އިހުލާސްތެރިކަން ކުޑަނުވާނެ ކަމަށެވެ.

ބަހުސްގައި ވާހަކަދައްކަވަމުން އިމްތިޔާޒް ވިދާޅުވީ އިންތިހާބާ ދިމާކޮށް މީހުން ވަޒީފާތަކުން ވަކިކުރާ އިރު އެއީ ނުވާކަމެއް ކަމަށް ހަދައިގެން ސަރުކާރުން އުޅޭ ކަމަށެވެ. އަދި ވަކި ކެންޑިޑޭޓަކަށް ވޯޓި ނުދޭތީ ކަމަށް ބުނެ ބިރު ދައްކާ ވަޒީފާތަކުން ވަކި ކުރުމަކީ ވަރަށް ބޮޑު ބޭއިންސާފެއްގެ ގޮތުގައި ސިފަކުރެއްވި އެވެ.

އިމްތިޔާޒް ވިދާޅުވި ގޮތުގައި މީހުން ވަޒީފާއިން ވަކިކުރަމުންދާއިރު އޭގެތެރޭގައި އެމްޑީޕީ އަށް ވަރަށް ގިނަ ދުވަހު ހިދުމަތް ކުރެއްވި ބޭފުޅުން ވެސް ހިމެނޭ ކަމަށެވެ. އެގޮތުން އެމްޑީޕީއަށް ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކޮށްދެއްވެވި ކުރީގެ މަޝްހޫރު ވޮލީ ކުޅުންތެރިޔާ ނިޒާރުގެ ނަން ފާހަގަކުރެއްވި އެވެ.

ސަރުކާރުގެ ވަޒީފާތަކުން އެމްޑީޕީގެ ބައެއް މީހުން ވަކިކުރަމުންދާތީ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް ނަސީމްވެސް ސަރުކާރަަށް ވަރަށް ބޮޑަށް ފާޑުވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ދުވާފަރު އާމިރު މަގާމުން ވަކިކުރި ނަމަވެސް މިހާރު ދުވާފަރު ދާއިރާގެ މެމްބަރު އިސްމާއިލް އަހްމަދު ފަދަ ބޭފުޅުންނަށް މަޖިލިސް މެމްބަރު ކަމަށް ވަޑައިގެންނެވުނީ އާމިރުމެން ފަދަ މީހުންގެ މަސައްކަތުން ކަމަށެވެ. މީކާއިލް ވިދާޅުވީ ގަދަ ވާނީ އުސޫލުތަކުގައި ހިފަހައްޓާ ކޮޅު ކަމަށާއި އެއީ އާމިރުމެންގެ ކޮޅު ކަމަށެވެ.

މީކާއިލް ވެސް ތުހުމަތު ކުރެއްވި ގޮތުގައި ސަރުކާރުގެ ވަޒީފާތަކުން އެމްޑީޕީގެ ބައެއް މެންބަރުން ވަކިކުރަމުންދަނީ ޒާތީ ވެގެންނެވެ.