ލައިފްސްޓައިލް

އެއް ހަނގުރާމައިން ސަލާމަތްވާން ދުވަނިކޮށް އަނެއް ހަނގުރާމަ

އަޖްމަލް ރަހްމާނީ އަކީ އަފްޣާނިސްތާނު މީހެކެވެ. އެ ގައުމުގައި ކުރަމުންދިޔަ ހަނގުރާމައިން ސަލާމަތްވާން އަޖްމަލް ވަނީ މީގެ އަހަރެއްހާ ދުވަސް ކުރިން އަމިއްލަ ވަޒަން ދޫކޮށް ޔުކްރޭނަށް ހިޖްރަކޮށްފަ އެވެ. އޭރު އޭނާ ހީކުރީ ޔުކްރޭނަކީ ދުނިޔޭގައި އޮތް އެންމެ ރައްކާތެރި ގައުމު ކަމަށެވެ.

ނަމަވެސް މި ހަފުތާގައި ރަޝިޔާ ސިފައިން ޔުކްރޭނަށް ހަމަލާ ދޭން ފެށުމުން އަނެއްކާވެސް އަޖްމަލް އާއި އާއިލާ އަށް ވަނީ ފިލަން ދުވަން މަޖުބޫރު ވެފަ އެވެ. ރަޝިޔާއިން ޔުކްރޭނަށް އަޅަމުންދާ ބޮންތަކުން ސަލާމަތްވުމަށް މިފަހަރު އެމީހުން ފިލަން ދިޔައީ ޕޮލެންޑަށެވެ.

"އަހަރެން ހަނގުރާމަށް ފިލަން ވެގެން އެއް ގައުމުން ފިލައިގެން އަނެއް ގައުމަށް މިއައީ. އައިތަނާ މި ގައުމުގައި ވެސް ހަނގުރާމަ ފަށައިފި. ވަރަށް ބަދުނަސީބު ގޮތެއް މި ދިމާވަނީ،" ޕޮލެންޑް ބޯޑަރު ހުރަސްކުރިތާ ކުޑަ އިރުކޮޅެއް ފަހުން ނިއުސް އެޖެންސީއަކަށް ދިން އިންޓަވިއު އެއްގައި އަޖްމަލް ބުންޏެވެ.

އަޖްމަލް އާއެކު އޭނާގެ އަންހެނުން މިނާ އާއި އެމީހުންގެ ހަތް އަހަރުގެ ދަރިފުޅު މަރްވާ އަދި 11 އަހަރުގެ އުމަރު ވެސް ވަނީ ޕޮލެންޑަށް ގޮއްސަ އެވެ.

އަޖްމަލް ބުނި ގޮތުގައި އަފްޣާނިސްތާނުގައި އޭނާ ދިރިއުޅެމުން ދިޔައީ ވަރަށް ހިތްހަމަޖެހޭ އުފާވެރި ދިރިއުޅުމެކެވެ. އަމިއްލަ ގެއަކާއި ކާރެއް އަދި ރަނގަޅު މުސާރައެއް ލިބޭ ވަޒީފާއެއް އޭނާގެ އޮތެވެ.

"އަހަރެން ގެއާއި ކާރު ވިއްކާލާފައި އަމިއްލަ ގައުމުން ފިލައިގެން އައީ. މިހާރު އަހަރެންގެ އަތުގައި އެއްވެސް އެއްޗެއް ނެތް،" އަޖްމަލް ބުންޏެވެ.

އަޖްމަލް ބުނި ގޮތުގައި ކިތަންމެ ބޮޑު ގުރުބާނީއެއް ވެގެން ވެސް ލޯބިވާ މީހުންނާއި އާއިލާއެކު ހުރެވެންޏާ އޭނާގެ މައްސަލައެއް ނެތެވެ.