ލައިފްސްޓައިލް

ކޯރެއް ހުރަސްކުރަން ރޯޕްވޭ: މޮޅު އީޖާދެއް

ކޯރެއް ހުރަސްކުރަން އިންޑިޔާ މީހަކު މޮޅު އީޖާދެއް ކޮށްފި އެވެ.

ކްރިޝްނާ ބަޓް ނަމަކަށް ކިޔާ މި މީހާ އަކީ ބޮޑު ކޯރެއްގެ އެއްފަރާތުގައި އޮންނަ ކުޑަކުޑަ އަވަށެއް ކަމަށްވާ މިންޗިނިކާގައި ދިރިއުޅޭ މީހެކެވެ. އޭނާގެ ވަރަށް ބޮޑު ބިންތަކެއް ކޯރުގެ ދެ ފަރާތުގައި އޮވެ އެވެ. އެތަނުގައި އޭނާގެ ގިނަ އަދަދެއްގެ ރުކާއި ފެންފޯއް ރުއްތައް ހުރެ އެވެ. ނަމަވެސް ވިއްސާރަ މޫސުމުގައި އެ ބިންތަކަށް ދަތުރުކޮށް އެތަނުން ލިބޭ ފެންފޯކާއި ކާށި އަދި ކުރުނބާ ފަދަ ތަކެތި އަވަށަށް ގެންދިއުމަކީ އެމީހުންނަށް ވަރަށް އުނދަގޫ ކަމަށް އޮންނަނީ ވެފަ އެވެ.

ބައެއް ފަހަރު އެމީހުން ކާއްޓާއި ފެންފޯއް ބަރުކޮށްގެން ކޯރުގައި އޮރުވާގަނޑުގަނޑުގައި ދަތުރުކުރަނިކޮށް އޭތި ދެފަޅިވެ އެމީހުން ގެނައި ހުރިހާ އެއްޗެއް ކޯރަށް ގެއްލެން ވެސް މެދުވެރިވެފައިވެ އެވެ.

އެހެންވެ މިކަމަށް ދާއިމީ ހައްލެއް ހޯދަން ކްރިޝްނާގެ ދަރިފުޅު ބީމިޝް މަސައްކަތް ފެށި އެވެ. ބީމިޝް އަކީ އޮޓޮމޮބައިލް ރޮނގުން ޑިޕްލޮމާ ފެންވަރަށް ކިޔަވާފައި ހުރި މީހެކެވެ. އަދި އެގްރިކަލްޗާ ފެއާތަކަށް އޭނާ ގޮސް އުޅުމުގެ ތެރޭގައި ދަނޑުވެރިކަމުގެ ރޮނގުން މީހުން ކޮށްފައިވާ ބައެއް އީޖާދުތައް އޭނާއަށް ފެނި ތަޖުރިބާ ކުރެވިފައި ވެއެވެ.

ކޯރު ހުރަސް ކުރާނެ ގޮތެއްގެ ރަނގަޅު އީޖާދެއް އޭނާގެ ހިތަށް ވަނީ މި ތަޖުރިބާތަކުގެ އަލީގަ އެވެ. އަދި މެކެނިކަލް އިންޖިނިއަރިން ކިޔަވައިދިނުމުގައި އަށް އަހަރުގެ ތަޖުރިބާހުރި ސުނިލް ބީ ލުއްކަނީއާ ގުޅައިގެން އޭނާގެ ޚިޔާލާއި ލަފަޔާއެކު މި އީޖާދު ވުޖޫދަށް ގެނައުމަށް ބީމިޝް މަސައްކަތް ފެށި އެވެ. އެގޮތުން އެމީހުންނަށް އެންމެ ރަނގަޅު ގޮތަކަށް ފެނުނީ ކޯރު މަތިން ރޯޕްވޭއެއް އެޅުމެވެ. މިކަމަށްޓަކައި އެމީހުން ބެންގަލޫރޫގެ ބާ ސާމާނު ވިއްކާ ބާޒާރަކަށް ގޮސް އެކަމަށް ބޭނުންވާ ތަކެތި ހޯދި އެވެ.

ރޯޕް ވޭ އަޅަން އެމީހުން ހޯދީ ވަކި ވައްތަރެއްގެ މެޓަލް އެކެވެ. އެއީ ބޮޑެތި އާގުބޯޓުފަހަރު ބަނުމަށް ބޭނުންކުރާ އެއްޗެކެވެ. މިއީ ފެނާއި މޫދުލޮނުގެ އަސަރު ކުރިޔަސް ގިރިގެންނުދާ މެޓީރިއަލް އެކެވެ. މި މެޓީރިއަލްތައް ހޯދައިގެން އެމީޙުން ރޯޕްވޭ ހެދުމުގެ މަސައްކަތް ފެށި އެވެ.

މި ރޯޕްވޭގައި އެމީހުން ވަނީ މެޓަލް ބާސްކެޓެއް ހަރުކޮށްފަ އެވެ.

ކުރިން މި ކޯރު ހުރަސްކޮށް 120 އާއި 150އާ ދެމެދުގެ އަދަދެއްގެ ފޯއް ބަސްތާ ގެންދަން ދެ މަސައްކަތު މީހަކު މުޅި ދުވަހު މަސައްކަތް ކުރަން ޖެހެ އެވެ. މިހާރު މި ރޯޕްވޭގެ އެހީގައި އެންމެ ދެ ގަޑިއިރު ތެރޭގައި ހުރިހާ ބަސްތާތައް ކޯރު ހުރަސްކޮށް އަނެއް ފަރާތަށް ގެންދެވެ އެވެ. މިހާރު ކޯރު ހުރަސްކޮށް ކިޔަވަންދާ ކުދިންތައް ވެސް ދަނީ މި ބާސްކެޓަށް އެރި ތިބެގެންނެވެ. އެގޮތް އަވަސް ވެފައި ފަސޭހަވީމަ އެވެ.

ބީމިޝް ބުނި ގޮތުގައި މި ރޯޕްވޭ ތައްޔާރުކުރަން އެމީހުން އަތުން ހަރަދުވީ އެންމެ 60،000 ހާސް ރުޕީސް އެވެ. އޭނާ ބުނި ގޮތުގައި މިހާރު ގިނަ ބަޔަކު ކޯރު ހުރަސްކުރަން އުފަލާއެކު މި މެޓަލް ބާސްކެޓްގެ ބޭނުން ކުރެ އެވެ.