އެސްޓީއޯ

އެސްޓީއޯއިން ޒަމާނީ ފިއުލް ޓެސްޓިން ލެބޯޓަރީއެއް ހުޅުވައިފި

ރާއްޖެ އެތެރެކުރާ ތެޔޮ ރާއްޖޭގައި ޓެސްޓުކޮށް، އޭގެ ކޮލިޓީ ދެނެގަނެވޭނެ ނިޒާމެއް ގާއިމްކުރުމަށްޓަކައި އެސްޓީއޯ އިން ޒަމާނީ ފިއުލް ޓެސްޓިން ލެބޯރަޓަރީއެއް ހުޅުވައިފި އެވެ.

އެސްޓީއޯ ޓްރޭޑް ސެންޓަރުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެ ލެބޯޓަރީ ހުޅުއްވައިދެއްވީ އެސްޓީއޯގެ ޗެއާމަން ހާމިދު ނަޝީދު މުހައްމަދު އާއި ބޯޑް މެންބަރު އައިމިނަތު ރިޝްމާ އެވެ.

ޖީއީއޯ ކެމް މިޑްލްއީސްޓް ކުންފުނިން އޮޕަރޭޓް ކުރާ ގޮތައް އެސްޓީއޯއިން ހުޅުވި އެ ލެބޯޓްރީގެ ސަބަބުން ރާއްޖެ އެތެރެކުރެވޭ ތެޔޮ ވަގުތުން ޓެސްޓުކުރުމަށް މަގުފަހިވާނެ ކަމަށާއި މިހާރު ރާއްޖެއިން ބޭރަށް ސާމްޕަލް ފޮނުވައިގެން ޓެސްޓުކުރާ ފަރާތްތަކަށް ބޮޑު ލުޔެއް ލިބިގެން ދާނެ ކަމަށް އެސްޓީއޯއިން ބުނެ އެވެ.

ހާއްސަގޮތެއްގައި އޭވިއޭޝަން ދާއިރާގައި ބޭނުންކުރާ ޖެޓް ފިއުލް ޝިޕްމަންޓް ރާއްޖެ ގެންނަ ކޮންމެ ފަހަރަކު ރި-ޓެސްޓުކުރުމަށްޓަކައި، ރާއްޖެއިން ބޭރަށް ސާމްޕަލްތައް ފޮނުވުން ނިމުމަކަށް ގެނެވޭނެ ކަމަށެވެ.

ކޮލިޓީ ޓެސްޓިންގައި އިންޑިޕެންޑެންސީ އަދި ކްރެޑިބިލިޓީ ހިފެހެއްޓުމަށްޓަކައި އެސްޓީއޯއިން ހަރަދުކޮށްގެން ހުޅުވާފައިވާ މިލެބޯޓްރީ މެނޭޖްކޮށް، ޓެސްޓް ސެޓްފިކެޓްތައް ދޫކުރާނީ ސީދާ ޖިއޯމް މިޑްލް އީސްޓްގެ ފަރާތުންނެވެ. މި ލެބޯޓަރީއިން ރާއްޖެ އެތެރެކުރާ ޕެޓްރޯލް އާއި ޑީސަލްގެ ކީ ޕެރިމީޓަރސްތަށް ޓެސްޓުކުރެވެ އެވެ.

ލެބޯޓަރީ ހުޅުވުމުގެ ރަސްމިއްޔާތުގައި ނޫސްވެރިންނާއި ވާހަކަދައްކަވަމުން އެސްޓީއޯގެ އެމްޑީ ހުސެއިން އަމްރު ވިދާޅުވީ މި ލެބޯޓަރީއާއިއެކު ފިއުލް ޓެސްޓުކުރަން ބޭރަށް ފޮނުވަން ޖެހޭ ހަރަދު ކުޑަވެގެންދާނެ ކަމަށެވެ. އަދ ލެބޯޓަރީއިން ފަސޭހަކަމާއިއެކު އަވަހަށް ފިއުލް ޓެސްޓުކޮށް ނަތީޖާ ލިބޭނެ ކަމަށެވެ.

"ލެބޯޓަރީއިން ފިއުލް ޓެސްޓު ކުރަން ފެށީގައި ވަރަށް ފަސޭހަ ވާނެ އެމްއޭސީއަލް ވެސް. އޭރުން ގިނަ ދުވަހު މަޑުކުރާކަށް ނުޖެހޭނެ ތެޔޮ ނާޅާ. މިތާގެ ޓެސްޓުތަކުގެ އަގުވެސް ބޭރުތަންނަނަށްވުރެ ހެޔޮވާނެ. އެކި ޓެސްޓު އުޅޭނީ އެކި އަގުގައި. ފިއުލް ލެބޯޓަރީގެ ސަބަބުން ރައްޔިތުންނަށް ވަރަށް ފައިދާ ވާނެ،" އަމްރު ވިދާޅުވި އެވެ.

މި ލެބޯޓަރީ ހުޅުވުމާއި އެކު، ޖީސީސީ އެކްރެޑިޓޭޝަން ސެންޓަރު (ޖީއޭސީ) އިން މި ލެބޯޓަރީ އަށް އައިއެސްއޯ އަދި އައިއީސީ 17025:2017 އެކްރެޑިޓޭޝަން ލިބިގެންދާނެ އެވެ.

ލެބޯޓްރީ ވެގެންދާނީ ރާއްޖޭގައި ހުޅުވޭ ދުނިޔޭގެ ފެންވަރުގައި ތެޔޮ ޓެސްޓް ކުރާ ތަނަކަށްކަމަށާއި މި ލެބޯޓަރީ އިން ދޫކުރާ ޓެސްޓް ސެޓްފިކެޓް ދުނިޔޭގެ ކޮންމެ ތަނަކުންވެސް ބަލައިގަންނާނެ ކަމަށް އެސްޓީއޯ އިން ބުނެ އެވެ. އެފަދަ ލެބޯޓަރީއެއް އެސްޓީއޯ އިން ހަރަދުކޮށްގެން ރާއްޖޭގައި ހުޅުވުމަކީ ރާއްޖޭގެ ހަކަތައިގެ ދާއިރާއަށް ލިބިގެންދިޔަ ބޮޑު ކުރިއެރުމެއް ކަމަށް ވެސް އެ ކުންފުނިން ބުނެ އެވެ.