ހަބަރު

މުވައްޒަފުން ހަޅުތާލު ކުރުން ގަބޫލެއް ނުކުރަން: މިނިސްޓަރު ޖިހާދު

  • ފިނޭންސްގައި މުވައްޒަފުން ގިނަކަމަށް ގަބޫލު ކުރައްވާ
  • ވަލިއްޔުލް އަމުރު އެންގެވުމުން އެކަމާ ދެކޮޅެއް ނުހެދޭނެ
  • ރައްޔިތުންނަށް ދޭ ހިދުމަތަށް ބުރޫއަރުވައިގެން ނުވާނެ

ކަމަކާ ހިތް ހަމަނުޖެހި ނުތަނަވަސްކަމެއް އުފެދިގެން ފިނޭންސް މިނިސްޓްރީގެ މުވައްޒަފުން ރައްޔިތުންނަށް ދޭންޖެހޭ ހިދުމަތްތައް ހުއްޓާލައި ހަޅުތާޅުކުރުމަކީ ގަބޫލުކުރެވޭނެ ކަމެއް ނޫން ކަމަށް ފިނޭންސް މިނިސްޓަރު އަބްދުﷲ ޖިހާދު ވިދާޅުވެއްޖެ އެވެ.

މުވައްޒަފުން ވަކި ކުރާ މައްސަލައިގައި ފިނޭންސްގެ މުވައްޒަފުން ވަނީ މިދިޔަ ބުރާސްފަތި ދުވަހު މަސައްކަތް ހުއްޓާލައި ހަޅުތާލު ކޮށްފަ އެވެ.

މުވައްޒަފުން ވަކި ކުރާ މައްސަލައިގައި، "އަވަސް" އިން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ޖިހާދު ވިދާޅުވީ، ރައްޔިތުންނަށް ފޯރުކޮށްދެންޖެހޭ ހިދުމަތްތައް ހުއްޓާލުމަކީ ގަބޫލުކުރެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި އެފަދަ ހިދުމަތެއް އެއްވެސް ސަބަބަކާ ހުރެ ހުއްޓާލުމަކީ އޭގެ ދެރަ ސީދާ ރައްޔިތުންނަށް ކުރާނެ ކަމެއް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. ޖިހާދު ވިދާޅުވީ މި ދަނޑިވަޅުގައި ހަޅުތާލު ކުރުމުން ދުރުވެ، "މުވައްޒަފުން ކެތްތެރިވެ ތިބުމަށް އެނދިވަޑައިގަންނަވާ" ކަމަށެވެ.

ޖިހާދު ވިދާޅުވީ، ފިނޭންސް މިނިސްޓްރީގައި މުވައްޒަފުން ހަމަ ގިނައިން އެބަ ތިބި ކަމަށެވެ. މުވައްޒަފުން މަދުކުރާނީ ކޮން ޑިޕާޓްމެންޓްތަކަކުންކަން ނިންމާނީ ރައީސް އޮފީހުން ކަމަށް ވިދާޅުވި އެވެ.

"އަދި އެއްވެސް މުވައްޒަފެއް ވަޒީފާއިން ވަތްކެއް ނުކުރޭ،" ޖިހާދު ވިދާޅުވިއެވެ. އިއްޔެ މަސައްކަތް ހުއްޓާލި މުވައްޒަފުންނާ މިނިސްޓަރު ވަނީ ބައްދަލުކުރައްވާފައެވެ. މިނިސްޓަރު ވިދާޅުވީ، މާދަމާއިން ފެށިގެން ހުރިހާ މުވައްޒަފުން ވެސް ވަޒީފާއަށް ނިކުންނާނެ ކަމަށެވެ.

މުވައްޒަފުން ކެތްތެރިވެ ތިބުމަށް ގޮވާލައްވަމުން މިނިސްޓަރު ވިދާޅުވީ، މި ސަރުކާރުން މުވައްޒަފުންނަށް ދެރަ ގޮތެއް ނަހާދާނެކަމަށެވެ. ސަރުކާރުން މަސައްކަތްކުރާނީ ރަނގަޅު ގޮތްތައް ހޯދައިދިނުމަށް ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ޖިހާދު ވިދާޅުވީ، ރާއްޖޭގެ ވަލީއުލް އަމުރު އެވަނީ ފިނޭންސްއިން މުވައްޒަފުން މަދުކުރަންޖެހޭ ކަމަަށް ވިދާޅުވެފައި ކަމަށާއި އެހެންކަމުން އެކަމާ އިތުރަށް ސުވާލުތަކެއް އުފައްދަން ނުޖެހޭ ކަމަށެވެ. އަދި ރައީސް އެގޮތަށް ވިދާޅުވާނީ، އެއީ ކުރަންޖެހިފައިވާ ކަމަށް ވާތީ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

ޖިހާދު މިހެން ވިދާޅުވެފައިމިވަނީ މިނިސްޓްރީގެ ބައެއް ސެކްޝަންތައް އުވާލައި 75 މުވައްޒަފަކު ވަޒީފާއިން ވަކި ކުރަން ރައީސް އޮފީހުން އެންގި މައްސަލައިގައި ބައެއް މުވައްޒަފުން ކަންބޮޑުވުން ފާޅުކޮށްފައިވަނިކޮށެވެ. ސަރުކާރުން ބުނެފައި ވަނީ ވަޒީފާ އިން ވަކި ކުރާ ފަންނީ މުވައްޒަފުން ސިވިލްސާވިސްގެ އެހެން އޮފީސްތަކަކަށް ބަދަލު ކުރާނެ ކަމަށެވެ.

ފިނޭންސްގައި 200 އެއްހާ މުވައްޒަފުން މަސައްކަތް ކުރެ އެވެ. އުވާލަނީ ބަޖެޓާއި ގުޅޭ ސެކްޝަނާއި ބޭރުގެ ލޯން ތަކާއި ގުޅޭ ސެކްޝަންގެ އިތުރުން އިންޓާނަލް އޮޑިޓާ ގުޅޭ ސެކްޝަނެވެ. އަދި ބާކީ ސެކްޝަންތަކުން ކޮންމެ ސެކްޝަނަކުން ދެ މުވައްޒަފަކު ވަކި ކުރަން އެންގި ކަމަށް ވެސް އެނގިފައިވެ އެވެ. ނަމަވެސް އޭގެ އެއްވެސް ތަފްސީލެއް ރައީސް އޮފީހުން ވެސް އަދި ފިނޭންސުން ވެސް ހާމަކޮށްފައެއް ނުވެ އެވެ.