"ޕޮޕްއައި ދަ ސެއިލާ" ކާޓޫނަކީ 90 އިގެ އަހަރުތަކުގައި ވަރަށް މަޝްހޫރުވި ކާޓޫނެކެވެ. އޭގަ އުޅޭ ޕޮޕްއައި ކެރެކްޓާ އެންމެ ބޮޑަށް މަޝްހޫރުވެގެން ދިޔައީ އޭނާގެ އަތުގެ މުލައްދަނޑީގެ ފަލަކަމާއި ވަރުގަދަ ކަމުންނެވެ. އަދި އޭނާގެ އަޑު ހުންނަ ގޮތަކުންނާއި ސްޕިނެޗް ކާން އޭނާގެ ހުންނަ ޝައުގުންނެވެ. މި ކާޓޫނުގެ އަވައިގައި މިހާރު ވެސް ބައެއް މީހުން ޖެހެ އެވެ. ރަޝިޔާގެ ކިރިލް ޓެރެޝިން އަކީ އެފަދަ މީހެކެވެ. ސޯޝަލް މީޑިއާގައި މި ޒުވާނާ އުޅެނީ ރޫކީ ބަޒޫކީގެ ނަމުގަ އެވެ.
ޕޮޕްއައި އަށްވާހިތުން ބަޒޫކީ ކުރަމުންދާ މަސައްކަތް ފެށީ އުމުރުން 20 އަހަރުގަ އެވެ. މިހާރު 25 އަހަރު ފުރިފައިވާ ބަޒޫކީ އޭރުއްސުރެ ކުރި މަސައްކަތުން އަތުގެ ބައިސެޕްސް އިންތިހާއަށް ފަލަވެއްޖެ އެވެ. ނަމަވެސް އޭގެ ނޭދެވޭ އަސަރު އޭނާގެ ސިއްހަތަށް ވަރަށް ބޮޑަށް ވަނީ ކޮށްފަ އެވެ. ސަބަބަކީ އޭނާ ބައިސެޕްސް ބޮޑުކުރީ އެ ތަނަށް ޕެޓްރޯލިއަމް ޖެލީ އިންޖެކްޓް ކޮށްގެން ކަމަށް ވާތީ އެވެ.
ބަޒޫކީ އަކީ ޕްރޮފެޝަންގެ ގޮތުން އެމްއެމްއޭ ފައިޓާ އެކެވެ. އޭނާ ޕޮޕްއައިގެ އަތް ހުންނަ ގޮތަށް އަތް ހަދަން މަސައްކަތް ކުރަމުންދިޔައިރު މީގެން ސިއްހަތަށް ލިބިދާނެ ގެއްލުމަކާ މެދު ވިސްނައެއް ނުލަ އެވެ.
ޕޮޕްއައި އަށް ވާން އޭނާ ކުރި މަސައްކަތް ސޯޝަލް މީޑިއާގައި ހިއްސާ ކުރަމުން ދިއުމުގެ ސަބަބުން ޓިކްޓޮކްގައި އޭނާގެ ފޭނުންގެ އަދަދު 950،000 އަށް ވުރެ މަތިވެފައި ވެއެވެ. ނަމަވެސް މިއަދު އެ ހުރިހާ ފޭނުން ވެސް ތިބީ ބަޒޫކީގެ ސިއްހަތަށް ލިބިފައިވާ ގެއްލުންތަކާ މެދު ކަންބޮޑުވެފަ އެވެ.
"ރަޝިޔާގެ ޕޮޕްއައި"ގެ ގޮތުގައި ބަޒޫކީއަށް މަޝްހޫރުކަން ލިބުނަސް އޭނާ މިހާރު އެކަމާ ހިތާމަ ކުރެ އެވެ. ސަބަބަކީ އޭނާ ކުރި ކަންތަކުން އޭނާގެ އަތް ބުރިކޮށްލަން ޖެހިދާނެކަމަށާއި އަދި މިއީ ފުރާނައަށް ގެއްލުންވާ ވަރުގެ ނުރައްކާތެރިކަމެއް ކަމަށް ޑޮކްޓަރުން އޭނާއަށް އެންގީމަ އެވެ.
މި ކުރެވުނީ ވަރަށް ގޯސްކަމެއް ކަން އެނގުމުން ބަޒޫކީ މިހާރު އަތް ކުރިން ހުރި ގޮތަށް ބަދަލުކުރަން އެތައް ސާޖަރީއެއް ހަދައިފި އެވެ.
"އަހަރެންނަށް އަދި އެންމެ 24 އަހަރު. އެހެންވެ އަހަރެންގެ ދިފާއީ ނިޒާމު އިންފްލެމޭޝަންތަކުން އަދި އެބަ ސަލާމަތްވޭ. ނަމަވެސް ތެދަށް ބުނާނަމަ ބުނެވޭނީ ޚުދް އަހަންނަށް ވެސް ނޭނގެޔޭ ދެން ވާނެ ގޮތެއް. މި ބިރުވެރި ހުވަފެނުން ސަލާމަތްވުމަށް މިހާރު އެތައް ބައިވަރު މެޑިކަލް ޕްރޮސީޖާތަކެއް އެބަ ހަދަން،" އިނގިރޭސި ވިލާތުގެ ސަން ނޫހަށް ދީފައިވާ އިންޓަވިއު އެއްގައި ބަޒޫކީ ބުނެފައި ވެއެވެ.
މޮސްކޯ ސްޓޭޓް ޔުނިވަސިޓީގެ އިސް ޑޮކްޓަރަކު ވިދާޅުވެފައިވާ ގޮތުގައި ބަޒޫކީ އޭނާގެ ކޮންމެ އަތަކަށް ތިން ލީޓަރުގެ ޕެޓްރޯލިއަމް ޖެލީ އިންޖެކްޓް ކުރި އެވެ. އޭގެ ސަބަބުން އަތުގެ މަސްތަކާއި ޓިޝޫތަކަށް އޮކްސިޖަން ނުލިބި ލޭ ދައުރުވުން ހުއްޓުނެވެ.
މިހާރު އަތުގެ އެތައް ސާޖަރީއެއް ހަދާފައި ވީނަމަވެސް އަދިވެސް އެ އަތް ރަނގަޅުވާ ގޮތެއް ނުވެ އެވެ. އަދިވެސް އިތުރު ސާޖަރީތައް ހަދައިގެން އަތް ބުރިކޮށްލުމުން ސަލާމަތްވޭތޯ އޭނާއަށް މަސައްކަތް ކުރަން ޖެހެއެވެ.