ލައިފްސްޓައިލް

"ޕޮޕްއައި" ހެދެން އުޅުނު މީހާ މިހާރު ގަދަ ވޭނުގައި

ބައިސެޕްސް ނުވަތަ އަތުގެ މަތީ ބައިގައިވާ މަސްގަނޑު ބޮޑުކޮށް ވަރުގަދަ ކުރަން ކޮންމެ ފަދަ ކަމެއް ވެސް ކޮށްފާނަން ހެއްޔެވެ؟ ރަޝިޔާގެ ކިރިލް ޓެރެޝިން އަކީ މިގޮތަށް ބައިސެޕްސް ބޮޑު ކުރަން ކޮންމެ ކަމެއް ވެސް ކުރަން ތައްޔާރަށް ހުރި މީހެކެވެ. ނަމަވެސް މިހާތަނަށް އޭނާ މިކަމަށްޓަކައި ކުރި މަސައްކަތްތައް ދިޔައީ ގޯހުން ގޯހަށެވެ.

ޓްރެޝިން މަޝްހޫރުވެފައިވަނީ "ޕޮޕްއައި" ގެ ނަމުންނެވެ. އެއީ މަޝްހޫރު ކާޓޫނެއް ކަމަށްވާ "ޕޮޕްއައި" ގައި އުޅޭ އެ ނަން ކިޔާ ކެރެކްޓާއެއްގެ އަތް ހުންނަ ގޮތަށް އޭނާގެ އަތުގެ މަސްގަނޑުވެސް ބޮޑުކޮށްފައި ހުރީމަ އެވެ.

ޓްރެޝިން އަކީ އެމްއެމްއޭ ފައިޓާ އެކެވެ. ޕޮޕްއައި ކާޓޫނުގައި އޭނާގެ އަތް ފުއްޕާލަނީ ސްޕިނެޗް (ބޯވެލިފަތް) ކައިގެން ނަމަވެސް ޓްރެޝިން އަތް ފުއްޕީ ޕެޓްރޯލިއަމް ޖެލީ އިންޖެކްޝަނެއް ގޮތަށް އަތަށް ޖަހައިގެންނެވެ. މިގޮތަށް ޕެޓްރޯލިއަމް ޖެލީ ޖަހައިގެން ޓްރެޝިންގެ އަތް ފުއްޕުނަސް އޭނާއަށް މިކަމުގެ ސަބަބުން ވަރަށް ބޮޑު ވޭނަކާއި ތަކުލީފެއް މިހާރުވަނީ އުފުލަންޖެހިފަ އެވެ. އަދި ދެ ފަހަރަށް އަތުގެ ސާޖަރީ ވެސް މިހާރު ވަނީ ހަދާފަ އެވެ.

އެއީ އޭނާގެ ޓްރައިސެޕްސްގައި ގަނޑުވެފައިވާ ބައިތަކާއި މަރުވެފައިވާ މަސްތައް ނެގުމަށެވެ. އަދި ފެން ހެދިފައިވާތީ ފެންތައް ދެމުމަށެވެ. އެންމެ ކުރިން އޭނާ ސާޖަރީ ހެދީ 2019 ގައެވެ. ނަމަވެސް އެކަށީގެންވާ ގޮތަށް މައްސަލަ ހައްލުނުވެ ދާދިފަހުން އިތުރު ސާޖަރީއެއް ވަނީ ހަދާފަ އެވެ.

ޓްރެޝިން ބުނީ އޭނާއަށް މިހާރު 24 އަހަރު ކަމަށެވެ. އަދި އޭނާގެ ދިފާއީ ނިޒާމުން އިންފްލެމޭޝަން އަށް ވަރަށް ރަނގަޅަށް އިޖާބަ ދެމުންދާ ކަމަށެވެ. އެކަމަކުވެސް ދެން ވާނެ ގޮތެއް ނޭނގޭ ކަމަށް ރަޝިޔާ ނޫހަކަށް ދީފައިވާ އިންޓަވިއު އެއްގައި ޓްރެޝިން ބުންޏެވެ.

ޓްރެޝިން ބުނީ އޭނާގެ އަތަށް ޕެޓްރޯލިއަމް ޖެލީ އިންޖެކްޓްކޮށްގެން އަތް ފުއްޕަން މަސައްކަތް ފެށީ އުމުރުން 20 އަހަރުގަ އެވެ. އެއީ އޭނާގެ މޮޔަކަމުންކުރެވުނުކަމެއް ކަމަށް މިއަދު ޓްރެޝިން ގަބޫލު ކުރެ އެވެ. އޭރު އެއްގޮތަކަށް ވެސް މިފަދަ ކަމެއް ދިމާވެދާނެ ކަމަކަށް އޭނާ ޚިޔާލު ވެސް ކޮށްފައެއް ނެތެވެ.

އޭރުއްސުރެ ފެށިގެން ޓްރެޝިންގެ ދިރިއުޅުން ބިރުވެރި ހުވަފެނަކަށް ބަދަލުވި އެވެ. އަތުގެ ނާރުތައް ބްލޮކްވެ ތަންތަނުގައި މަސްތައް ގުޅަޖެހި ބައެއް މަސްގަނޑު މަރުވެ އަޅާ ވޭނުން ދިރިއުޅުމަށް ދަތިވި އެވެ.

ޓްރެޝިންގެ އަތުގައި މަރުވެފައި ހުރި މަސްގަނޑުތައް ނަގަން ސާޖަރީ ހަދައި އެތަނުގައި ހެދޭ ފެންތައް ބޭރުކުރަން ފުރަތަމައިނުން ހުރީ ހޮޅިތަކެއް ގުޅާފަ އެވެ.

ލޯކަލް މީޑިއާއަށް ޓްރެޝިން ބުނި ގޮތުގައި އޭނާއަށް ފަރުވާ ކޮށްދޭން ޑޮކްޓަރުން އެއްބަސްވީ ނަސީބު ރަނގަޅުކަމުންނެވެ.

"އަތުން އޮޕަރޭޝަން ނުކޮށްފިނަމަ ލޭ ވިހަވެގެން އަހަރެން މަރުވުމުގެ ފުރުސަތު ބޮޑުކަމަށް ޑޮކްޓަރުން ބުނި،" ޓްރެޝިން ބުންޏެވެ.

އަދި ބައިސެޕްސް ސާޖަރީއެއް އެބައޮތްކަމަށާއި އެއީ އެންމެ އުދަނގޫ ސާޖަރީ ކަމަށް ޓްރެޝިން ބުންޏެވެ. ސަބަބަކީ ސާޖަރީ ހަދާ ތަނުގައި ވަރަށް ސެންސިޓިވް ނާރުތައް ހުރީމަ އެވެ.

"ޑޮކްޓަރުން ބުނަނީ ސާޖަރީ ހެދުމުގެ ތެރޭގައި ނާރަކަށް ގެއްލުމެއް ވެއްޖެނަމަ އަތުގެ ހަރަކާތް ވެސް ކެނޑިދާނޭ،" ޓްރެޝިން ބުންޏެވެ.

ޓްރެޝިން އެންމެ ކުރިން މިކަން ފަށައިގަނެ އޭނާގެ ބައިސެޕްސް ބޮޑުވަމުންދާ ގޮތް ސޯޝަލް މީޑިއާގައި ޝެއާ ކުރަން ފެށުމުން ވެސް ވަރަށް ގިނަ ޑޮކްޓަރުންނާއި ތަޖުރިބާކާރުންގެ ފާޑުކިއުން އޭނާއަށް އަމާޒުވި އެވެ. އަދި މިއީ ކުރަން ހެޔޮވާވަރުކަމެއް ނޫންކަމަށް އޭނާއަށް ގިނަ ބަޔަކު އިރުޝާދު ދިނެވެ. ބައެއް ޑޮކްޓަރުން ބުނި ގޮތުގައި ނުރައްކާތެރި ކެމިކަލް އެކުލެވޭ މިފަދަ އެއްޗެތި އަތަށް އިންޖެކްޓް ކުރުމުގެ ސަބަބުން އަތުގެ ހަރަކާތް ކެނޑި އަތް ބުރިކޮށްލަން ވެސް ޖެހިދާނެ އެވެ. ނަމަވެސް އޭރު އޭނާ އެއްވެސް މީހަކު ދެއްކި ވާހަކައެއް އަޑެއް ނޭހި އެވެ.