ރޯވެ އަނދަމުންދިޔަ ހޮސްޕިޓަލެއްގެ ތެރޭގައި ޑޮކްޓަރުން އޯޕަން ހާޓް ސާޖަރީއެއް ހަދައި ބަލިމީހެއްގެ ފުރާނަ ސަލާމަތްކޮށްފި އެވެ.
ރަޝިޔާގެ ހޮސްޕިޓަލެއްގައި މިދިޔަ ހުކުރު ދުވަހު އަށް ޑޮކްޓަރުން ހިމެނޭ ޓީމަކުން ހިތުގެ މި ބޮޑު އޮޕަރޭޝަން ފުރިހަމަކުރިއިރު އަލިފާންނިއްވާ މީހުން ހޮސްޕިޓަލުގެ ބޭރުގައި ތިބެ އަލިފާން ނިއްވުމުގެ މަސައްކަތް ކުރަމުން ދިޔަ އެވެ. އަދި މީހުން ސަލާމަތްކުރާ މީހުން އެ މަސައްކަތް ކުރަމުން ދިޔަ އެވެ.
ލަކުޑިން ފުރާޅުހަދާފައިވާ މި ހޮސްޕިޓަލް ބިލްޑިންގް ހުންނަނީ ރަޝިޔާގެ އިރުމަތީގެ ދުރު ހިސާބެއްގައި އޮންނަ ބްލެގޯވެޝްޗެންސެކްގަ އެވެ.
ހޮސްޕިޓަލުގައި ރޯވުމުގެ ސަބަބުން ހޮސްޕިޓަލު ތެރޭގައި ދުންގަނޑު ފެތުރި އެތަނގައި ތިބި ބަލި މީހުންގެ ތެރެއިން 60 މީހަކު އެތަނުން ސަލާމަތްކޮށް ނެރެފައި ވެއެވެ.
އަލިފާން ރޯވީ ޑޮކްޓަރުން އޯޕަން ހާޓް ސާޖަރީއެއް ހަދަމުން ދަނިކޮށެވެ. މި ސާޖަރީ ކުރިޔަށް ދިޔައީ ބިލްޑީންގުގެ އެންމެ ތިރިން ބިންމަތީގައި ހުރި އޮޕަރޭޝަން ތިއޭޓަރެއްގަ އެވެ.
މި ސާޖަރީ ހެދުމުގައި އިސްކޮށް މަސައްކަތްކުރެއްވި ކާޑިއޯ ސާޖަރީ ޔުނިޓުގެ ހެޑް ޑރ. ވެލަންޓިން ފިލަޓޯވް ރަޝިޔާގެ ގައުމީ ޓީވީ އަށް ދެއްވި އިންޓަވިއު އެއްގައި ވިދާޅުވީ ބަލިމީހާގެ ފުރާނަ ސަލާމަތްކުރަން އެ ވަގުތު އެ ސާޖަރީ ފުރިހަމަކުރުން ނޫން ގޮތެއް ނެތުމުން އަމިއްލަ ފުރާނައަށް ވެސް ބެލުމެއް ނެތި ޑޮކްޓަރުން އެ ސާޖަރީ ފުރިހަމަކުރީ ކަމަށެވެ.
އަމޫރް ރީޖަންގެ އިމަޖެންސީސް މިނިސްޓްރީން ބުނި ގޮތުގައި އަލިފާނުގެ ސަބަބުން ހޮސްޕިޓަލުން ކަރަންޓު ކެނޑުމުން ސާޖަރީ ހެދި އޮޕަރެޝަން ތިއޭޓަރަށް ކަރަންޓް ފޯރުކޮށްދިނީ އެހެން ކޭބަލެއް މެދުވެރިކޮށެވެ. އަދި ތިއޭޓަރަށް ދުމުގެ އަސަރު ނުކުރާނެ ގޮތް ހެދުމަށް ފަޔާފައިޓަރުން ގަދައަޅާ މަސައްކަތް ކުރި ކަމަށެވެ.
ސާޖަރީއަށް ފަހު ވަގުތުން ބަލިމީހާ އެހެން ހޮސްޕިޓަލަށް ވަނީ ބަދަލުކޮށްފަ އެވެ.
ހޮސްޕިޓަލުގައި އަލިފާން ރޯވީ ކަރަންޓު މައްސަލައެއްގެ ސަބަބުން ކަމަށާއި އެއްވެސް މީހެއްގެ ފުރާނައަށް ގެއްލުން ނުވާ ކަމަށް ކަމާ ބެހޭ އިދާރާތަކުން ވަނީ ބުނެފަ އެވެ.
މި ސާޖަރީ ހަދައިދިން ޑޮކްޓަރުންގެ އަގު ވަޒަންކުރާނެ ކަމަށް ރަޝިޔާގެ ކަމާ ބެހޭ އިދާރާތަކުން ވައުދުވެފައި ވެއެވެ.