ރޯވެފައިވާ އެޕާޓްމަންޓެއްގެ ތެރޭގައި ތާށިވެފައި ތިބި ކުޑަ ތިން ކުއްޖަކު ސަލާމަތް ކުރަން ރަޝިޔާގެ ތިން މީހަކު ދެއްކި ހިތްވަރަކަށް ގިނަ ބައެއްގެ ތައުރީފު ދަނީ އޮހެމުންނެވެ. އިމާރާތެއްގެ ތިން ވަނަ ބުރީގައި ހުރި އެޕާޓްމަންޓުގައި ވަރަށް ގަދަޔަށް ހުޅުފަޅާފައި ހުރި މަންޒަރާއި ތިން މީހަކު ވެސް އެ އެޕާޓްމަންޓުގައި ތާށިވެފައި ތިބި ކުޑަ ތިން ކުދިން ސަލާމަތްކުރާ މަންޒަރުގެ ވީޑިއޯ މިހާރު ސޯޝަލް މީޑިއާގައި ވައިރަލް ވެފައި ވެއެވެ.
މި ތިން މީހުން ކުދިން ސަލާމަތްކުރަން މަސައްކަތްކުރީ އިމާރާތުގެ ބޭރުގައި އަޅާފައިވާ ފެން ދާ ހޮޅިއަކުން އަރައިގެންނެވެ.
ރަޝިޔާގެ ކޮސްޓްރޯމާގައި ހުރި އެޕާޓްމަންޓް ބިލްޑިންގެއެއްގައި މި ހާދިސާ ހިނގިއިރު އެ އެޕާޓްމަންޓުގައި ތިބީ ކުޑަ ތިން ކުދިން އެކަންޏެވެ. އެކުދިންގެ މައިންބަފައިން އެވަގުތު ގެއަކު ނޫޅެ އެވެ.
އެޕާޓްމަންޓުގައި ރޯވެފައި ހުރި ތަން ފެނިފައި އެހިސާބުގަނޑުގައި ދިރިއުޅޭ މީހުން އެ ބިލްޑިންގަށް ވަދެވެން ހުރި ދޮރު ހަލާކުކޮށްލަން ވަރަށް މަސައްކަތްކުރި ނަމަވެސް އެމީހުންނަކަށް އެކަމެއް ކާމިޔާބެއް ނުވި އެވެ.
އިސާހިތަކު މުޅިން އިމާރާތުގައި ހުޅު ހިފައި ތިން ވަނަ ބުރީގެ އެޕާޓްމަންޓުން އެ ކުދިން ނެރެވޭނޭ މަގު މުޅިން ބަންދުވި އެވެ. އެ ވަގުތު އެތަނަށް އެއްވި މީހުންގެ ތެރެއިން ތިން މީހަކު އެ އިމާރާތުގެ ބޭރުން ތިން ވަނަ ބުރިއަށް އަޅާފައިވާ ހޮޅިއަކުން އަރައި ކުޑަ ދޮރު ކައިރީގައި ތިބި ކުދިންގެ ތެރެއިން ފުރަތަމަ ކުއްޖާ ސަލާމަތްކުރި އެވެ. އޭރު ހޮޅީގެ ތިން ހިސާބެއްގައި ތިން މީހުން ތިބުމުން ފަހަރަކު މީހަކަށް ކުއްޖާ ޕާސް ކުރަމުން ގޮސް ކުއްޖާ ބިންމައްޗަށް ބޭލުވީ އެވެ. މި މީހުން ތިން ކުދިން ވެސް ސަލާމަތް ކޮށްފައިވަނީ މިގޮތަށެވެ.
އަލިފާން ނިއްވާ މީހުންނަށް އާދެވުނީ ކުދިން ސަލާމަތް ކުރިތާ މާ ފަހުންނެވެ. އެމީހުން އައިސް އެ ކުދިން ސަލާމަތްކުރަން ދެން ތިބިނަމަ އޭގެން އެއްވެސް ކުއްޖަކު ފުރާނަ ހުއްޓާ ސަލާމަތް ނުކުރެވުނީސް ކަމަށް ގަބޫލު ކުރެވެ އެވެ.