ލައިފްސްޓައިލް

އުމުރުން 23 އަހަރުގައި 11 ދަރިން، ޖުމްލަ 105 ދަރިން ބޭނުން!

ދުނިޔޭގެ ގައުމުތަކުގެ އާބާދީ ގިނަވެ ދުނިޔެއަށް ނުކަތާވަރު ވެފައިވާއިރު ރަޝިޔާގެ މި އަންހެންމީހާ އުޅެނީ ވީހާވެސް ގިނަ ދަރިން ހޯދާށެވެ. އުމުރުން 23 އަހަރުގެ ކްރިސްޓީނާ އޮސްތުރުކް އަކީ ދަރިން ހޯދަން ދެވި ހިފާފައި ހުރި އަންހެނެކެވެ. އޭނާގެ ހަޔާތުގެ އެހެން އެއްވެސް މަގްސަދެއް ނެތް ކަހަލަ އެވެ.

ކްރިސްޓީނާއަށް 23 އަހަރު ފުރުނުއިރު 11 ދަރިން އެބަތިއްބެވެ. މި ވަރަކުން އޭނާގެ ހިތެއް ހަމައެއް ނުޖެހުނެވެ. ކްރިސްޓީނާ ބުނި ގޮތުގައި ޖުމްލަ 105 ވަރަކަށް ދަރިން އޭނާ ބޭނުމެވެ.

ކްރިސްޓީނާ އާއި އޭނާގެ 56 އަހަރުގެ ފިރިމީހާ ގާލިޕް އޮސްތުރުކް ބޭނުންވަނީ އެންމެ ގިނަ ދަރިން ތިބި ދެމަފިރިންގެ ރެކޯޑް މުގުރާލާށެވެ.

ގުދުރަތީ ގޮތުން ބަލިވެ އިނދެ 105 ދަރިން ހޯދުމަކީ އެއްވެސް އިންސާނަކަށް ވާވަރުގެ ކަމެއް ނޫންކަމަށް ކްރިސްޓީނާ އާއި އޭނާގެ ފިރިމީހާ ވެސް ގަބޫލު ކުރެވެ އެވެ. އެހެންވެ މިހާރު ތިބި 11 ކުދިންގެ ތެރެއިން ކްރިސްޓީނާ ބަލިވެ އިނދެ ވިހެއީ އެންމެ ދޮށީ ދަރިފުޅު އެކަންޏެވެ. އެހެން ހުރިހާ ދަރިންނަކީ ސަރަގޭޓް މަންމައިންގެ ފަރާތުން ހޯދާފައިވާ ދަރިންނެވެ.

ޖޯޖިއާގެ ބަޓޫމާގައި ދިރިއުޅޭ މި ދެމަފިރިންނަކީ މިލިއަނަރުން ކަމަށް ވާތީ ކިތަންމެ ގިނަ ދަރިން ލިބުނަސް އެމީހުންނަށް އެދަރިން ބެލެހެއްޓުމާއި ތައުލީމު ފޯރުކޮށްދިނުމުގައި އަދި ދަރިންނަށް ބޭނުންވާ އެހެނިހެން ކަންތައްތައް ކޮށްދިނުމަށް އެއްވެސް ދައްޗެއް ނެތެވެ.

ކްރިސްޓީނާ އަކީ ކުޑަ ކުދިން ދެކެ އާދަޔާޚިލާފު ލޯތްބެއް ވާ މީހެކެވެ. އެހެންކަމުން ހުރިހާ ކުދިން ވެސް ބެލެހެއްޓުމުގައި އަމަލީ ގޮތުން ކްރިސްޓީނާ ބައިވެރިވެ އެވެ. އޭނާ ބުނި ގޮތުގައި ކުދިންގެ ކަންތައްތައް ކޮށްދިނުމަކީ އޭނާ ވަރަށް ކުރާހިތުން ކުރާ ކަމެކެވެ.

ކްރިސްޓީނާ އާއި ގާލިޕް އަށް 105 ދަރިން ހޯދިދާނެކަމުގެ ޔަގީންކަމެއް ޚުދު އެމީހުންނަކަށް ވެސް ނެތެވެ. ނަމަވެސް މިހާރު ތިބި 11 ދަރިން އެމީހުންނަކަށް ނުފުދެ އެވެ. ހަމަ ޔަގީނުން ވެސް މިއަށް ވުރެ މާ ގިނަ ދަރިން ހޯދުމަށް އެމީހުން ތިބީ އަޒުމު ކަނޑައަޅައިގެންނެވެ.

ކްރިސްޓީނާ އޭނާގެ ދަރިން ގެންގުޅެނީ ވަރަށް ގަވާއިދުން ހުރިހާ ކަމެއް ވެސް ކޮށްދީގެންނެވެ. އެގޮތުން ރޭގަނޑު 8 އިން ހެނދުނު 6 އަށް އެއީ އެކުދިން ނިދާ ގަޑި އެވެ. އޭނާ ދަރިން ބެލެހެއްޓުމަށް ގެންގުޅޭ ކޮންމެ މީހެއްގެ އަތުގައި ޑައިރީއެއް އޮވެ އެވެ. އޭގައި ކޮންމެ ކުއްޖެއްގެ އެ ދުވަހެއްގެ ހުރިހާ ކަމެއް ތަފްސީލުކޮށް ލިޔަން ޖެހެ އެވެ. މި ނެނީން އުޅޭ ނޫޅޭގޮތް ގާލިޕް އާއި ކްރިސްޓީނާ ވަރަށް ގާތުން މޮނިޓާ ކުރަމުން ގެންދެ އެވެ.

ކްރިސްޓީނާ އާއި ގާލިޕް އަށް އެންމެ ފަހުން ލިބުނު ދަރިފުޅު އުފަންވެފައިވަނީ މިއަހަރުގެ ޖެނުއަރީ 16 ވަނަ ދުވަހު އެވެ.