ލައިފްސްޓައިލް

ޖަންގަޔަކަށް ގެއްލުނު 22 މަހުގެ ކުއްޖެއް ސަލާމަތްކޮށްފި

ރަޝިޔާގެ ސިޓީއެއް ކަމަށްވާ އޮބިނިސްކްގެ ރަށެއްގެ ބޯ ޖަންގަޔަކަށް ގެއްލުނު 22 މަހުގެ ކުއްޖެއް ތިން ދުވަސް ފަހުން ސަލާމަތް ކޮށްފި އެވެ. ރަޝިޔާގެ ނޫސްތަކުން ބުނެފައިވާ ގޮތުގައި ތިން ރެއާއި ތިން ދުވަސް މި ކުއްޖާ ޖަންގަލި ތެރޭގައި ހޭދަ ކޮށްފައި ވެއެވެ. އަދި އެ ޖަންގަޔަކީ ސާރިދޯޅާއި އެނޫން ވެސް ތަފާތު ވައްތަރުގެ ވަލު ޖަނަވާރުތައް ވަރަށް ގިނައިން އުޅޭ ޖަންގައްޔެކެވެ. ނަމަވެސް މި ޖަންގަލީގެ ތެރޭގައި ކުއްޖާ އެކަނި މާއެކަނި ގެއްލުމެއް ނުވެ ސަލާމަތް ވީ ގޮތާ މެދު އެންމެން ވެސް ތިބީ ވަރަށް ހައިރާން ވެފަ އެވެ.

ލިޔޫޑާ ކިޒޫނާ ކިޔާ 22 މަހުގެ މި ކުއްޖާގެ ގެ ހުންނަނީ ޖަންގައްޔާ ވަރަށް ކައިރީގަ އެވެ. މި ކުއްޖާގެ މަންމަ އެންޓޯނީނާ އަކީ ރޭޑިއޮލޮޖިސްޓެކެވެ. ކުއްޖާ ގެއްލުނު ދުވަހު ހުރީ ގޭގެ ބަގީޗާ ތެރޭގައި ކުޅޭށެވެ. ކުއްޖާ ކުޅެން ހުރުމުން އޭނާގެ މަންމަ އަވަށްޓެރިއަކާ ވާހަކަ ދައްކާލަން ކުޑަކޮށް އެއް ފަރާތަކަށް ޖެހިލި ވަގުތު ކުއްޖާ ކޮންމެވެސް ގޮތަކުން ނުކުމެގެން ގޮސް ޖަންގައްޔަށް ވަދެވުނީ އެވެ. ކުއްޖާ ކުއްލިއަކަށް ގެއްލުމުން އެންމެ ފުރަތަމަ އެންމެންނަށް ވެސް ހީވީ މީހަކު އެ ކުއްޖާ ކިޑްނެޕްކުރީ ކަމަށެވެ. ނުވަތަ ޖަހައިގަނެގެން ފިލީ ކަމަށެވެ. ނަމަވެސް ޖަންގައްޔަށް އޮޅިގެން ވަދެ މަގު އޮޅުނީ ކަމަށް ވެސް ހީވާތީ އެތައް ބަޔަކު އެއްވެގެން ކުއްޖާ ހޯދަން ޖަންގަލި ތެރޭގައި ވެސް މަސައްކަތް ފެށީ އެވެ.

ކުއްޖާ ހޯދާތާ ތިން ދުވަސް ފަހުން ފެނުނީ އެ މަސައްކަތުގައި އުޅުނު އަންހެން ވޮލަންޓިއަރަކަށެވެ.

މި ކުއްޖާ ސަލާމަތްކުރިތާ އިރުކޮޅެއް ތެރޭ ނަގާފައިވާ ވީޑީއޯއެއް މިހާރު ދަނީ ދައުރުވަމުންނެވެ. މި ވީޑީއޯއިން ފެންނަނީ ކުއްޖާ ހޯދި އަންހެން ވޮލަންޓިއަރު އޭނާ އުރާލައިގެން އައިސް ވެހިކަލަކަށް އަރުވާ މަންޒަރެވެ.
އެހިސާބުގަނޑުގެ ޓެމްޕްރޭޗަރު ރޭގަނޑު ގަޑީގައި 10 ޑިގްރީއެއް ދަށަށް ދިޔަ ނަމަވެސް ފިނީގެ ސަބަބުން ވެސް ކުއްޖާއަށް މާ ބޮޑު ގެއްލުމެއް ލިބިފައި ނުވާ ކަމަށް އޭނާ ސަލާމަތްކުރި މީހާ ބުނެފައި ވެއެވެ.

ކުއްޖާ ސަލާމަތްކުރުމަށްފަހު ވަގުތުން ގެންދިޔައީ ހޮސްޕިޓަލަށެވެ. އަދި އައިސީޔޫގައި ފަރުވާ ދިނުމަށްފަހު މިހާރު ކުއްޖާ ވަނީ ވޯޑަކަށް ބަދަލު ކޮށްފަ އެވެ.

ކުއްޖާގެ މަންމަ އޭނާ އުރާލައިގެން ހޮސްޕިޓަލުގައި ހުއްޓާ ނަގާފައިވާ ވީޑީއޯއެއް ވެސް ފަހުން ވައިރަލް ވެފައި ވެއެވެ. މި ވީޑީއޯގައި އެ ކުއްޖާގެ މަންމަ ބުނި ގޮތުގައި އޭނާގެ ކުޑަކުޑަ ދަރިފުޅު ޖަންގަލި ތެރޭގައި ސަލާމަތުން އުޅުނު ގޮތެއް ބުނެދޭން އެއްގޮތަކަށް ވެސް ނޭނގޭ ކަމަށެވެ. ކުއްޖާ އަކީ އަދި ދެ އަހަރު ވެސް ނުވާ ކުޑަ ކުއްޖަކަށް ވާތީ އޭނާއަކަށް ވެސް ދިމާވި ކަންތައްތައް ކިޔައިދޭކަށް ނޭނގޭ ކަމަށް ކުއްޖާގެ މަންމަ ބުންޏެވެ.

ކުއްޖާ ޖަންގައްޔަށް ގެއްލުނުއިރު އޭނާ ލައިގެން ހުރީ އާދައިގެ ތުނިތުނި ޓީޝާޓަކާއި އިސްޓާކީނެކެވެ.

ކުއްޖާގެ މަންމަ ބުނި ގޮތުގައި އޭނާ ފެނުނުއިރު ހުރީ ބަނޑުހައިވެގެން ގޮސް ހާންތިވެ، ވަރަށް ވަރުދެރަވެފަ އެވެ. އަދި ފަޔަށް ހުރީ ވަރަށް އަނިޔާ ވެފަ އެވެ. އެއީ ގެއަށް ދާނެ ގޮތެއް ހޯދަން ހުސް ފަޔާ ޖަންގަލި ތެރޭގައި ތިން ދުވަސް ވަންދެން ހިނގީމަ ކަމަށް އޭނާގެ މަންމަ ލަފާ ކުރެ އެވެ.

މިގޮތަށް ގެއްލޭ މީހުން ހޯދުމުގެ މަސައްކަތުގައި ގިނަ އަހަރުތަކެއް އުޅެފައިވާ ދުވަސްވީ ތަޖުރިބާކާރު މީހެއް ކަމަށްވާ ޕޯލް ބަރަނޯސްކީ ބުނި ގޮތުގައި ބޮޑު މީހަކަށް މިފަދަ ހާލަތެއް ކުރިމަތިވެއްޖެނަމަ ބިރުން ގޮސް ހަދާނެ ގޮތް ހުސްވާނެ އެވެ. ނަމަވެސް ކުޑަ ކުދިން މިކަން ވެސް ނަގާނީ އެޑްވެންޗާއެއް ގޮތަށެވެ.