ގިނަ މީހުންނަށް ހަށިގަނޑު ވަރުގަދަ ކުރަން އެކި ކަހަލަ ކަސްރަތުތައް ކުރުން ވަނީ ބޮޑު ތަކުލީފަކަށެވެ. ހަފުތާއަކު އެއްފަހަރު ވެސް ކަސްރަތުކޮށްލާ ހެދެނީ މަދު ބަޔަކަށެވެ. ނަމަވެސް ރަޝިޔާގެ 12 އަހަރުގެ މި އަންހެންކުއްޖާ އަކީ ހަށިގަނޑު ވަރުގަދަ ކުރަން މަސައްކަތް ކުރުމުގައި ލާމަސީލު ނަމޫނާ އެކެވެ. "ދުނިޔޭގެ އެންމެ ބާރުގަދަ އަންހެންކުއްޖާ" ގެ ރެކޯޑް މި ކުއްޖާއަށް ލިބިފައިވަނީ އޭނާގެ ހިތްވަރާއި މަސައްކަތުންނެވެ.
ގޮށްމުށުން ޖެހިޖެހީނުން ފަލަ ގަހެއް ވައްޓާލުމަކީ އެވްނިކާ ސާދުވަކަސް އަށް މިހާރު އެއްވެސް ކަމެއް ނޫނެވެ. ސްޓީލް ދޮރެއްގައި އަތުން ޖަހައި ބަނޑި ކޮށްލުމަކީ ވެސް އޭނާއަށް ފެން ބޮއިފަ ވަޔެއް ލުން ފަދަ ފަސޭހަ ކަމެކެވެ.
އެވްނިކާގެ އުމުރުން ފަސް އަހަރުއްސުރެ ބޮކްސިން ހުނަރުތައް ދަސްކުރަން ވަނީ ފަށާފަ އެވެ. އޭނާ ތަމްރީނު ކުރުމުގެ މަސައްކަތް ކުރަނީ އޭނާގެ ބައްޕަ ރުސްތުރަމް ސާދުވަކަސް އެވެ.
އެވްރިކާ މަޝްހޫރުވާން ފެށީ މީގެ ފަސް އަހަރު ކުރިންނެވެ. އެއް މިނިޓް ތެރޭ އޭނާ 100 އެތިފަހަރު ޖަހާތަން ފެންނަ ވީޑިއޯއެއް ވައިރަލް ވުމުންނެވެ. އޭރު އެވްރިކާގެ އުމުރުން އަށް އަހަރެވެ.
އެވްރިކާ ވަރަށް ކުޑައިރުއްސުރެ ބޮކްސިން ތެޅުމަށް މޮޅުކަމާއި އެ ހުނަރު އޭނާގެ ކިބައިގައި ހުރިކަން އޭނާގެ ބައްޕައަށް ފާހަގަ ކުރެވި އެކަމުގެ ތަމްރީނުތައް ވަރަށް ޅަ ފަތުގައި ވަނީ ފަށާފަ އެވެ. އަދި 12 އަހަރު ފުރުނުއިރު އެވްރިކާ ވަރުގެ ހަލުވި، ކުޅަދާނަ އަދި ވަރުގަދަ ކުއްޖަކު ނެތް ވަރަށް އޭނާ ވަނީ ތަމްރީނު ހޯދާފަ އެވެ.
ދާދިފަހުން ވައިރަލްވީ ވީޑީއޯއެއްގައި އެވްރިކާ އޭނާގެ ކުޅަދާނަ ކަމާއި ވަރުގަދަކަން ދައްކާތަން ފެނެ އެވެ. އެގޮތުން ފަލަ ގަހެއްގައި ގޮށް މުށުން ތަޅާ ތަޅާ އެ ގަސް ވައްޓާލާން ވީޑިއޯގައި ފެނެ އެވެ.
އިނގިރޭސި ވިލާތުގެ "ދަ ސަން" ގައިވާ ރިޕޯޓެއް ބުނާ ގޮތުގައި އެވްރިކާއާއި އޭނާގެ އެއްބަނޑު އެއްބަފާ ކުދިން ތަމްރީނުތައް ހަދަނީ އެމީހުންގެ ގެޔާ ކައިރީގައި އޮންނަ ޖަންގައްޔެއްގެ ތެރޭގަ އެވެ. އެމީހުން ގޭން ބޭރުގައި އުޅޭ ހުރިހާ ވަގުތެއްގައި ވެސް ބިޔަ ބޮޑެތި ގަސް ތަކަކީ ޕަންޗިން ބޭގް ތަކަށް ހަދައިގެން އޭގައި ގޮށްމުށުން ތަޅައި އެ ހުނަރު ތަރައްގީ ކުރަމުން ގެންދެ އެވެ. އިންސްޓަގްރާމްގައި ވައިރަލްވީ އިތުރު ވީޑިއޯ އަކުން ފެންނަނީ އެވްރިކާގެ ގޮށްމުށުން ޖަހައި ވަރުގަދަ ސްޓީލް ދޮރެއް ބަނޑިކޮށްލާތަނެވެ.
އިނގިރޭސި ވިލާތު ނޫހަކަށް ދިން އިންޓަވިއު އެއްގައި އެވްރިކާ ބުނީ ބޮކްސިން ތަޅާހިތްވާ ކަމަށާއި ބޮކްސިން ތަޅާއިރު އެ ކިޔާ އަޑާ އޭނާ ވަރަށް ގަޔާވާ ކަމަށެވެ. އަދި އަވަސް އަވަހަށް ޕަންޗްކުރާއިރު އޭނާގެ ފައި ވެސް އެ ހަރަކާތުގައި ބައިވެރިވާކަމަށާއި އެއީ ވަރަށް ހިތްހަމަޖެހުން ލިބޭ ކަމެއް ކަމަށެވެ.
އެވްރިކާގެ ބައްޕަ އަކީ ބޮކްސިން ތަޅަން ކުދިން ތަމްރީނުކުރާ މީހެކެވެ. އެގޮތަށް ކުދި ބަޔަކު ތަމްރީނު ކުރަން އުޅޭއިރު އެވްރިކާވެސް ގޮވައިގެން އޭނާ އުޅެ އެވެ. އަދި އެވްރިކާގެ އުމުރުގެ ކުދިންނަށް ވުރެ އޭނާ އެކަމަށް މާ ކުޅަދާނަކަން އެވްރިކާގެ ބައްޕައަށް ފާހަގަ ކުރެވި އޭނާ އެކަމަށް ތަމްރީނުކުރަން ފެށީ އެވެ.