ލައިފްސްޓައިލް

ގިނަ ބަޔަކު އަބަދު ނިދާފައި ތިބޭ އަވަށެއްގެ ހަގީގަތް ހޯދައިފި

ގިނަ އަދަދެއްގެ މީހުން އަބަދު ނިދާފައި ތިބޭ އަވަށެއްގެ ވާހަކަ އަޑު އެހިން ހެއްޔެވެ؟ ހަމަ ހަގީގަތުގައި ވެސް މިފަދަ އަވަށެއް ކަޒަކިސްތާނުގައި އެބައޮތެވެ.

ކަލާޗީ ނަމަކަށް ކިޔާ މި އަވަށުގެ ބައެއް މީހުން ނިދާފައި ނުހޭލާ ތިބެނީ އެންމެ ދުވަހެއް ދެ ދުވަހަކު ނޫނެވެ. އެތައް ހަފުތާއެއް ވަންދެން އެމީހުންނަށް ނުހޭލެވި ނިދަ އެވެ. މި އަވަށަށް "ސްލީޕީ ހެލޯ ވިލެޖް"ގެ ނަން ދީފައިވަނީ މި ސަބަބާ ހުރެ އެވެ.

މި އަވަށުގެ ގިނަ މީހުންގެ ކަމަކީ އަބަދާ އަބަދު ނިދުމެވެ. މިހާ ގިނައިން މިމީހުން ނިދާތީ ސައިންސްވެރިން ވެސް ވަރަށް ގިނައިން މި އަވަށަށް އައިސް މިކަން ވާގޮތް ދިރާސާކުރަން މަސައްކަތް ކުރެ އެވެ.

މިކަން ފެށުނު ގޮތް

މިކަމެއް ފެށުނީ 2012 ވަނަ އަހަރު ނިމެން ކައިރިވެފައި ވަނިކޮށެވެ. އެ ދުވަސްވަރު ކުއްލިއަކަށް ކަލާޗީ އަވަށުގެ ގިނަ ބަޔަކު ނިދިގެން ވެއްޓެން ފެށި އެވެ. އެމީހުންނަށް ނިދެނީ ކޮންމެހެން ނިދަން ތަނެއްގައި އޮށޯވެގެނެއް ނޫނެވެ. އެއްބައި މީހުން މަސް ބާނަން ތިއްބާ ވެސް ނިދިގެން ވެއްޓެ އެވެ. އަނެއްބައި މީހުން އުނދުން ކައިރީ ކައްކަން ހުއްޓާ ވެސް ނިދިގެން ވެއްޓެ އެވެ. އަދި އަނެއް ބަޔަކު ކާރު ފަދަ ވެހިކަލްތައް ދުއްވަ ދުއްވާ ތިއްބާ ވެސް ނިދިގެން ވެއްޓެ އެވެ. އަދި ކައި ބޮއި ހަދަނިކޮށާއި ފެންވަރަން ހުއްޓާ އަދި ހިނގަ ހިނގާ ހުއްޓާ ވެސް ބައެއް މީހުން ނިދިގެން ވެއްޓެ އެވެ.

އެންމެ ފުރަތަމަ މިކަމެއް ދިމާވީ އޭޕްރީލް 2010 ގައި ލޫބޯވް ބެލްކޯވާ ކިޔާ މީހަކަށެވެ. މި އަންހެން މީހާ އެ ދުވަހު މާރުކޭޓުގައި މަސައްކަތްކުރަން ހުއްޓާ ކުއްލިއަކަށް ވީނުވީއެއް ނޭނގި ޚަބަރުހުސްވެގެން ވެއްޓުނީ އެވެ. ހަތަރު ދުވަސް ފަހުން އޭނާއަށް ހޭލެވުނުއިރު އޮތީ ހޮސްޕިޓަލުގަ އެވެ.

ޑޮކްޓަރުން މި އަންހެން މީހާ ކައިރީ ބުނީ އޭނާ އަށް ސްޓްރޯކެއް ޖެހުނީ ކަމަށެވެ. އޭގެ ފަހުން އެ އަވަށުގެ އިތުރު ފަސް އަންހެނަކާއި ކުޑަ ކުއްޖަކު ހަމަ މި ބަލި ޖެހިގެން ހޮސްޕިޓަލަށް ގެނަ އެވެ.

އޭގެ ފަހުން މަސް ތަކެއް ފާއިތުވީއިރު އެ އަވަށުގައި ދިރިއުޅޭ 810 މީހުންގެ ތެރެއިން 140 މީހުންނަށް މިބަލި ޖެހި މި އަވަށުގައި ބަލިމަޑުކަމެއް ފެތުރެނީ ކަމަށް ބެލެވެން ފެށި އެވެ.

މި އަވަށުގައި ދިރިއުޅޭ 160 ވަރަކަށް މީހުން އޭގެ ފަހުން ގިނަ ވަގުތު ނިދާފައި ތިބޭކަން ފާހަގަކުރެވެން ފެށި އެވެ. މި މީހުންނަށް ހޭލެވޭއިރު ކުރީގެ ހުރިހާ ހަނދާންތަކެއް ހުންނަނީ ގޮއްސަ އެވެ.

މި މީހުންނަށް މި ދިމާވާ ކަމެއް ޑޮކްޓަރުންނަކަށް ވެސް ނޭނގެ އެވެ. އެމީހުންގެ އެއްވެސް މެޑިކަލް ޓެސްޓަކުން އެއްވެސް މައްސަލައެއް ފާހަގަނުކުރެވޭތީ އެވެ. އެހެންވެ އަވަށުގެ މީހުން ގަބޫލުކުރަނީ ކޮންމެވެސް ފުރޭތައެއް ކަހަލަ ރޫހާނީ ބާރެއް އެ އަވަށަށް ވެރިވެ ކޮންމެވެސް ސުންޕާ ކަމެއް އަވަށަށް ދިމާވާން އުޅެނީ ކަމަށެވެ.

މި އަވަށުގެ ވަޔާއި ފެނުގައި އަދި އެމީހުން އާންމުކޮށް ބޮއި އުޅޭ ވޮދްކާ ކިޔާ ބަނގުރަލުގެ ބާވަތެއްގައި ކޮންމެވެސް މައްސަލައެއް އުޅޭކަން ޑޮކްޓަރުންނަށް ޝައްކުވާން ފެށި އެވެ. އެ އަވަށާ ކައިރީގައި ވަރަށް ޒަމާންވީ "ގޯސްޓް ޓައުން" ކިޔާ އަވަށެއް އޮވެ އެވެ. ކްރަސްނޯގޯސްކް ނުވަތަ ގޯސްޓް ޓައުން އަކީ ގިނަ އަދަދެއްގެ ޔުރޭނިއަމް މައިންސް ހުންނަ އަވަށެކެވެ. އެހެންވެ މި މައިންތަކުން ދިމާވާ މައްސަލައެއް ކަމަށް ޑޮކްޓަރުން ޝައްކު ކުރަން ފެށި އެވެ.

ދުނިޔެއަށް މި އަވަށުގެ ވާހަކަ އެނގުނީ އަވަށުގެ ވާހަކަ މަޖައްލާއެއްގައި ލިޔުމާ ގުޅިގެންނެވެ. އެހިސާބުން ގިނަ ބަޔަކު މި އަވަށުގެ ވާހަކަ އޮޅުން ފިލުވަން ބޭނުންވި އެވެ. އަދި އެންމެ ފަހުން ސައިންސްވެރިން އައިސް މި އަވަށުގެ ކަންކަން ބަލައި އަވަށުގެ މީހުންނަށް އަޖައިބެއް ފަދަ ބަލި ޖެހޭ ސަބަބު ހޯދި އެވެ.

ހަގީގަތުގައި މި މީހުންނަށް އެހާ ގިނައިން ނިދިފައި ނުހޭލެވި ތިބެނީ ކްރަސްނޯގޯސްކް އަވަށުގައި ހުންނަ ޔޫރޭނިއަމް ފައްކާ ކުރަން ބޭނުންކުރި ވަޅުތަކުން އަރާ ވިހަ ގޭހުގެ ސަބަބުންނެވެ. މި ގޭހުގެ އަސަރު ކުރާ މީހުންނަށް ނިދިފައި ނުހޭލެވެނީ އެވެ. ތަޖުރިބާކާރުން ބުނަނީ އަވަށުގައި ބޭނުންކުރާ ފެނުގައި ވެސް ޔުރޭނިއަމްގެ އަސަރު ވަރަށް ބޮޑަށް ހުރި ކަމަށެވެ.

އަވަށުގެ މީހުން ބޭނުންކުރާ ފެން ދިރާސާކުރުމުން އެނގުނީ އެ ފެނުގައި ކާބަން މޮނޮކްސައިޑް ގޭސް ހުރި މިންވަރު ވަރަށް މަތި ކަމަށެވެ. އެތައް މަހެއް ވަންދެން މީހުންނަށް ނިދިފައި ތިބެނީ އެހެންވެ އެވެ.

މިކަން ފާހަގަކުރެވެން އެހާ ގިނަ ދުވަސް ނެގީ މި ކޮމްޕޯނަންޓްތައް މިނާ މިންގަނޑަށް މި ގޭސްތަކުގެ އަސަރު ފާހަގަ ނުކުރެވޭތީ އެވެ. މި އާދަޔާޚިލާފު ކަންތައް ހަމައެކަނި ދިމާވަނީ ވަކި ޚާއްސަ ހާލަތްތަކެއްގައި އެކަނި ކަމަށް ވާތީ މިކަން އެނގެން ގިނަ ދުވަސް ތަކެއް ނެގީ އެވެ.

ސީއޯ އާއި ސީއެޗް މާގިނަވެފައި އޮކްސިޖަން ލެވެލް ދަށްވުމުން މި ހާލަތު ދިމާވެ އެވެ. މި ތިން ކޮމްޕޯނަންޓަކީ އާންމުކޮށް މުޅިން ވަކި ތިނެއްޗެވެ. އެހެންވެ މި އެއްޗިއްސާ މެދު ކުރިން ޝައްކެއް ނުވީ އެވެ. ނަމަވެސް މި އެއްޗެތީގެ ސަބަބުން ވިހަ ބޭރުވާން ފެށީ ޔުރޭނިއަމް ވަޅުތަކުގެ މާހައުލަށް އައި ބަދަލުތަކަކާ ގުޅިގެންނެވެ.

މި ޔުރޭނިއަމް ވަޅުތަކުގެ ތެރޭގައި ލަކުޑިން ހަދާފައިވާ ސްޓްރަކްޗާތަކެއް ހަދާފައިވެ އެވެ. އެ ވަޅުތައް ބޭނުން ކުރިއިރު އެ ސްޓްރަކްޗާތަކުގެ ބޭނުން ކުރި އެވެ. ނަމަވެސް ވަޅުތައް ބަންދުކުރުމަށްފަހު އެ ލަކުޑިތައް އެ ހުރި ގޮތަށް ވަޅުތަކުގައި ހުރީ އެވެ. އެހެން ހުއްޓާ ވާރޭ ވެހި ވަޅުތަކުގައި ފެން ހެދިގެން ގޮސް ލަކުޑިތައް ފީވާން ފަށައި އެ ވަޅުތަކުން ކާބަން މޮނޮކްސައިޑް އުފެދެން ފެށީ އެވެ.

މި ވަޅުތައް 1991ގައި ބަންދުކުރީ މޮސްކޯއިން ވަޅުތަކަށް އެހީތެރިކަން ދިނުން ހުއްޓާލުމާ ގުޅިގެންނެވެ. އެ ހިސާބުން އެ ވަޅުތަކުގައި މަސައްކަތްކުރި 6500 މައިނަރުންގެ ވަޒީފާ ވެސް ގެއްލުނީ އެވެ. އެ ގައުމުގެ ފައިނޭންސް ހެލްތު މިނިސްޓްރީން އޭރު އެ ވަޅުތައް ޗެކް ކުރި އެވެ. ނަމަވެސް އެ ހިސާބުން ރޭޑިއޭޝަން އަދި ހެވީ މެޓަލް އެއް އޭރަކު ފާހަގައެއް ނުކުރެވުނެވެ. ބައެއް ގެތަކުން ފެނުނު ރޭޑިއޭޝަންގެ އަސަރު ކުޑަކަމުން އެ އަވަށުގެ މީހުންނަށް ނިދޭ ބައްޔެއް ޖެހިދާނެ ކަމަކަށް އޭރު ނުބެލެވުނެވެ. ނަމަވެސް އަވަށުގެ މީހުންނަށް ނިދުމުގެ އިތުރުން ސިކުނޑީގެ އިތުރު މައްސަލަތައް ވެސް ދިމާވާން ފެށި އެވެ.

އަވަށުގެ މީހުންނަށް ދިމާވާ މި ގޮތް ނޭނގޭ ބަލީގެ ހަގީގަތް ހޯދީ ރަޝިޔާގެ ސައިންސްވެރިޔެއް ކަމަށްވާ ޕްރޮފެސަރު ލިއޮނިޑް ރިކްވަނޯވް އެވެ. އޭނާ ތައްޔާރުކުރި ތީސިސްގައި ސައިންސްވެރިޔާ ލިޔެފައިވާ ގޮތުގައި އަވަށުގެ މީހުންނަށް ޖެހޭ މި ގޮތް ނޭނގޭ ބަލީގެ އަސްލަކީ ރޭޑޯން ގޭހުން ވިހަވެގެން ދިމާވާ މައްސަލަ އެކެވެ. މި ގޭހަކީ އާންމުކޮށް މައިން ތަކުގައި ހުންނަ އެއްޗެކެވެ.

ތީސިސްގައި ޕްރޮފެސަރު މީގެ ތަފްސީލު ދެމުން ބުނެފައިވަނީ ޔުރޭނިއަން މައިންތައް ބޭނުން ނުކޮށް އަޅާ ނުލައި ދޫކޮށްލުމުން ބިމުގައި ހުންނަ ފެން އެޔަށް ޖަމާވާން ފަށާނެ ކަމަށެވެ.

ކަޒަކްސްތާނުގެ ލޭބާ އެންޑް ސޯޝަލް ޕްރޮޓެކްޝަން މިނިސްޓަރު ފަހުން މިކަމާ ގުޅޭ ރިޕޯޓެއް ނެރުއްވި އެވެ. މި ރިޕޯޓުގައި ބުނެފައިވަނީ އަވަށުގެ މީހުންނަށް ޖެހިފައިވާ ބައްޔަކީ ސޯވިއެޓް ޔޫރޭނިއަމް މައިންތަކުގައި ފެން ހެދިގެން އޭގެން ނުކުންނަ ކާބަން މޮނޮކްސައިޑް އާއި އެނޫން ހައިޑްރޯކާބަންސްގެ އަސަރުކޮށްގެން ޖެހޭ ބައްޔެއް ކަމަށެވެ.

މި ނުރައްކާތެރި ގޭސްތައް ޖައްވުގައި ދަތުރުކުރަން ފެށުމުން އޮކްސިޖަން ލެވެލް ދަށްވެ މީހުންނަށް މައްސަލަތައް ދިމާވެ މާގިނައިން ނިދާފައި ތިބެވޭ ގޮތް ވަނީ އެވެ.

ޓައިމްސް ނައު ގައިވާ ރިޕޯޓެއް ބުނާ ގޮތުގައި މި މައްސަލަ މިހާރު ވަނީ ހައްލުކޮށްފަ އެވެ. އަދި ކަލާޗީ އަވަށުގައި މިހާރު ދިރިއުޅޭ 120 އާއިލާއަކަށް މިފަދަ އެއްވެސް މައްސަލައެއް މިހާރު ދިމައެއް ނުވެ އެވެ. އެމީހުން މިހާރު ނިދަނީ ހަމަ އާދައިގެ ގޮތަކަށެވެ.