ލައިފްސްޓައިލް

ރަޝިޔާގެ ހަޒްބުއްﷲ ވަރަށް މަޖާ!

ސޯޝަލް މީޑިއާ އާންމުކޮށް ބޭނުން ކުރާ މީހެއްނަމަ މިހާރު އިންޓަނެޓުގައި ރަސްކަންކުރާ "ކުޑަ ކުއްޖާ" ހަޒްބުއްﷲ މޮގެމޯޑޭވްގެ ވީޑިއޯތައް ހުންނާނީ ފެނިފަ އެވެ. އޭނާގެ މަޖާ ތަޅާފޮޅާ ވީޑިއޯތައް ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމްތަކުން މިހާރު ވަރަށް ގިނައިން ފެނެ އެވެ.

ހަޒްބުއްﷲ ފެންނަ ފުރަތަމަ ފަހަރު ކޮންމެ މީހެއްގެ ހިތުގައި އުފެދޭނެ އެއް ސުވާލަކީ މިހާ ކުޑަ ކުއްޖެއްގެ މޫނުގައި އެހާ ހަރު މީހެއްގެ ސިފަ ޖަހަނީ ކީއްވެ ބާއެވެ؟ ބަލާބެލުމަށް އޭނާ ފެންނަނީ ފަސް ވަރަކަށް އަހަރު ކުއްޖެއްގެ ގޮތަށެވެ. ނަމަވެސް އޭނާގެ މޫނުމަތިން ހީވަނީ އެއަށް ވުރެ މާ ދުވަސްވެފައިވާ ހެންނެވެ.

ރަޝިޔާގެ މަކަޗްކަލާއަށް އުފަން ހަޒްބުއްﷲ އަކީ ހަގީގަތުގައި 18 އަހަރުގެ ޒުވާނެކެވެ. ޖެނެޓިކް ޑިސްއޯޑާއެއްގެ ސަބަބުން އޭނާގެ ގައިގައި ކުޑަ ކުއްޖެއްގެ ސިފަ ޖަހަނީ އެވެ. ހަށިގަނޑު ވެސް އެކަށީގެންވާ ވަރަށް ބޮޑެއް ނުވެ އެވެ. އަދި އަޑުވެސް ހުންނަނީ ކުޑަ ކުއްޖެއްގެ އަޑު ހެންނެވެ.

އިނގިރޭސި ވިލާތުގެ "ދަ ސަން" އިން ރިޕޯޓު ކޮށްފައިވާ ގޮތުގައި ހަޒްބުއްﷲ އަކީ ގްރޯތު ހޯމޯން ޑެފިޝިއަންސީ (ޑީއެޗްޑީ) ނުވަތަ ޑުވޯފިޒަމް ބަލި ޖެހިފައިވާ ޒުވާނެކެވެ. ތަޖުރިބާކާރުން ބުނާ ގޮތުގައި މިހެން ދިމާވަނީ ޕިޓުއިޓަރީ ގްލޭންޑަށް ދިމާވާ މައްސަލައަކުން ސޮމާޓޯޓްރޮފިން ކިޔާ ގްރޯތު ހޯމޯނެއް އުފައްދާ ނުދޭތީ އެވެ.

އުމުރުން 18 އަހަރު ފުރިފައި ވިޔަސް ހަޒްބުއްﷲ ގެ އިސްކޮޅުގައި ހުންނަނީ ތިން ފޫޓު 3.37 އިންޗި އެވެ. ބަރުދަނަކީ 16 ކިލޯގްރާމެވެ.

ތަޅާފޮޅާ ވީޑިއޯތައް އުފައްދައި ޓިކްޓޮކް އަށް ލުމަކީ ހަޒްބުއްﷲ 2020 އިން ފެށިގެން ކުރަމުން އަންނަ ކަމެކެވެ. އަދި ޓިކްޓޮކްގައި އޭނާ ވަރަށް ބޮޑަށް މަޝްހޫރު ވާން ފެށީ މި ވީޑިއޯތަކުގެ ސަބަބުންނެވެ. މި ވީޑިއޯތަކުގައި ފެންނަނީ ހަސްބުއްލާ އާއި އޭނާ ކަހަލަ އެހެން މީހުންނާއެކު ތަޅާފޮޅާ މަޖާ މަންޒަރު ތަކެވެ.

މިހާރު ހަޒްބުއްﷲ ގެ ގިނަ ވީޑިއޯތަކުގައި އޭނާއާއެކު ތަޖިކިސްތާނުގެ 17 އަހަރުގެ ލަވަކިޔުންތެރިޔާ އަބްދުއް ރައްޒާގު ވެސް ބައިވެރިވެ އެވެ. އަބްދުއްރައްޒާގަކީ ރިކެޓްސް ކިޔާ ބައްޔެއް ޖެހިފައިވާ ކުއްޖެކެވެ. މިއީ ކުޑަކުދިންނަށް ޖެހޭ ބައްޔެކެވެ. މި ބަލި ޖެހުމުން ކަށިތައް މަޑުވެސް އައިބުވާގޮތް ވެއެވެ. ސަބަބަކީ މި ބަލި ޖެހޭ ކުދިންގެ ހަށިގަނޑުގައި އެކަށީގެންވާ މިންވަރަށް ކެލްސިއަމް އާއި ފޮސްފަރަސް ނުހުންނާތީ އެވެ. މިހެން ދިމާވަނީ ވިޓަމިން ޑީ އެކަށީގެންވާ ވަރަށް ހަށިގަނޑަށް ނުލިބުމާއި އިރުގެ އަލިކަން ގަޔަށް ނުލިބޭތީ އެވެ.

އަބްދުއްރައްޒާގާއި ހަޒްބުއްﷲ ގެ މަޖާ ވީޑިއޯތައް ބަލާފައި މީހުން ހީނ ހީނ ބަނޑަށް ތަދުވާވަރު ވެއެވެ. ހަމަ އެއާއެކު ރަޝިޔާގެ ޑްވޯފު އެތުލެޓިކް އެސޯސިއޭޝަންގެ އިސް މީހެއް ކަމަށްވާ އުލިއާނާ ޕޮޑްޕަލްނަޔާ ވަނީ މި ވީޑިއޯތަކަށް ވަރަށް ފާޑުކިޔާފަ އެވެ. އެމީހުންގެ ބަލި ހާލަތު މިފަދަ ގޮތަކަށް ސޯޝަލް މީޑިއާގައި ޕްރޮމޯޓް ކުރާތީ އެވެ.

ނަމަވެސް ހަޒްބުއްﷲ އާއި އަބްދުއްރައްޒާގަށް މިއީ ރަނގަޅު އާމްދަނީއެއް ލިބޭ އަދި ދުނިޔޭގެ މީހުންގެ ކުރިމަތީގައި މަޝްހޫރުވާން ލިބޭ ރަނގަޅު ފުރުސަތަކަށް ވާތީ އެމީހުންނަކަށް މިއީ މައްސަލައަކަށް ނުވެއެވެ.

ޔޫޓިއުބުގައިވާ މި މީހުންގެ ބައެއް ވީޑިއޯތަކަށް މިހާތަނަށް 12 މިލިއަން ވިއުޒް އަށް ވުރެ ގިނައިން ލިބިފައި ވެއެވެ.