ކުރިއަށް އޮތް ރޯދަ މަހަށް ހާއްސަކޮށްގެން މާލޭގެ ދެ ސަރަހައްދެއްގައި ވަގުތީ ދެ މާރުކޭޓް ހެދުމަށް ނިންމާ، އެ ދެ މާރުކޭޓްގެ ގޮޅިތަކަށް ކުރިމަތިލުމަށް ހުޅުވާލައިފި އެވެ.
ރޯދަ މަސް ފެށުމުގެ ކުރިން ދެ މަސް ދުވަހުގެ މުއްދަތަކަށް ވަގުތީ ދެ މާރުކޭޓް ހެދުމަށް ނިންމާފައިވަނީ ދަރުބާރުގޭގެ އިރުން އޮންނަ ހުސްބިމުގައި އާއި ތާޖުއްދީން ސްކޫލުގެ ހުޅަނގުން އޮންނަ ހުސް ބިމުގަ އެވެ.
މާލެ ސިޓީ ކައުންސިލުން މިއަދު ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ ވަގުތީ ދެ މާރުކޭޓް ހެދުމަށް ނިންމީ ރޯދަ މަހާ ގުޅިގެން މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ބޭނުންވާ ތަރުކާރީއާއި، މޭވާގެ ބާވަތްތައް ފަސޭހަކަމާއެކު ގަންނަން ލިބޭނެ އިންތިޒާމު ހަމަޖެއްސުމުގެ ގޮތުން ކަމަށެވެ.
ވަގުތީ ދެ މާރުކޭޓުން ގޮޅި ބޭނުންވާ ފަރާތްތަކުން ކަމާ ގުޅޭ ފޯމް ފުރިހަމަ ކުރުމަށްފަހު މިމަހުގެ 10 ވަނަ ދުވަހުގެ މެންދުރު 12:00ގެ ކުރިން ފޯމް ހުށަހަޅަންޖެހެ އެވެ.
ފޯމް ހުށަހަޅަންޖެހެނީ ތައިސޭކޮށީގައި ހުންނަ ސިޓީ ކައުންސިލްގެ އާންމު ހިދުމަތްތަކާއި ބެހޭ ބަޔަށެވެ.
އަވަސް އަށް މިއަދު މައުލޫމާތު ދެއްވަމުން މާލޭގެ ޑެޕިއުޓީ މޭޔަރު އަހްމަދު ނަރީޝް ވިދާޅުވީ ވަގުތީ މާރުކޭޓް ތަކުން ގޮޅި ދޫކުރާ އަދަދު އެނގޭނީ މާރުކޭޓްތައް ހަދާ ނިމުމުން ކަމަށެވެ.
ގޮޅި ކުއްޔަށް ނަގާ ފަރާތްތަކުން ދައްކަންޖެހޭ ކުލީގެ އަދަދެއް ސިޓީ ކައުންސިލުން އަދި ބުނެފައެއް ނުވެ އެވެ. އެކަމަކު ގޮޅި ކުއްޔަށް ނެގުމަށް ސޮއި ކުރާ އެއްބަސްވުމުގައި ކުލީގެ އަދަދު ހިމެނުމަށް ސިޓީ ކައުންސިލުން ނިންމާފައިވެ އެވެ.
ވަގުތީ ދެ މާރުކޭޓުން ގޮޅި ދޫކުރުމާ ގުޅޭ އުސޫލެއް ވެސް މާލެ ސިޓީ ކައުންސިލުން މިހާރު ވަނީ އާންމުކޮށްފަ އެވެ.
ގޮޅީގައި ވިއްކަން ބަހައްޓާ ތަކެއްޗަކީ ކެއިންބުއިމަށް ސިއްހީގޮތުން އެކަށީގެންވާ ތަކެތި ކަމުގައި ވާންޖެހޭނެ ކަމަށް އުސޫލުގައިވެ އެވެ. ގޮޅިތަކުގައި ފީވެ ހަލާކުވެފައި ހުންނަ ތަކެއްޗާއި، އިމްޕޯޓްކޮށްފައި ހުންނަ ލުއިކާނާއާއި، ސޮފްޓްޑުރިންކާއި، ކޮފީއާއި، ތައްޔާރީ ކެއުމާއި، އައިސްކުރީމް ފަދަ ތަކެތި ވިއްކުން މަނާކޮށްފައިވެ އެވެ. ގޮޅި ކުއްޔަށް ދިނުމާއި، އެހެން ފަރާތަކަށް ދީގެން މަންފާ ލިބޭގޮތަށް ގޮޅި ހިންގުމާއި، ބިދޭސީންނާ ހަވާލުކޮށްގެން ގޮޅީގެ އެއްވެސް މަސައްކަތެއް ހިންގުންވެސް އުސޫލުގައި މަނާކޮށްފައިވެ އެވެ.
އުސޫލުގައިވާ ގޮތުން ގޮޅި ކުއްޔަށް ނަގާ ފަރާތުން އުސޫލާ ހިލާފު އެއްވެސް ކަމެއް ކޮށްފިނަމަ 200 ރުފިޔާއާއި 500 ރުފިޔާއާއި ދެމެދުގެ އަދަދަކުން ޖޫރިމަނާކޮށް އެކަމެއް އިސްލާހު ކުރަން ފުރުސަތު ދޭނެ އެވެ. އަދި އެފަދަ ކަމެއް އަލުން ތަކުރާރުކޮށްފިނަމަ އިތުރު ފުރުސަތެއް ދިނުމަކާއި ނުލާ ގޮޅިން މުދާ ހުސްކުރުމަށް އަންގާ ގޮޅި ވަކިކުރުމުގެ ނޯޓިސް ދެވޭނެ ކަމަސްވެސް އުސޫލުގައިވެ އެވެ.