ރޯދަ މަހަށް ހާއްސަކޮށްގެން މާލޭގައި ހެދުމަށް ނިންމި ވަގުތީ ދެ މާރުކޭޓްގެ ތެރެއިން އެއް މާރުކޭޓް ނުހެދުމަށް މާލެ ސިޓީ ކައުންސިލުން ނިންމައިފި އެވެ.
ވަގުތީ ދެ މާރުކޭޓްގެ ތެރެއިން އެއް މާރުކޭޓް ހެދުމަށް ނިންމީ ރަސްފަންނާ ދިމާލުގައި އައިޖީއެމްއެޗްގެ ހުޅަނގު އުތުރު ކަންމައްޗަށްވާ ގޮތަށް ހަދާފައިވާ ޕާކިން ޒޯނާއި ދަރުބާރުގޭގެ އިރުން އޮތް ހުސް ބިމުގަ އެވެ.
މާލެ ސިޓީ ކައުންސިލުން މިހާރު ނިންމާފައިވަނީ ހަމައެކަނި ދަރުބާރުގެ ކައިރީގައި ވަގުތީ މާރުކޭޓް ހެދުމަށެވެ. އެގޮތަށް ނިންމީ ރަސްފަންނު ޕާކިން ޒޯންގައި ވަގުތީ ގޮތުން މާރުކޭޓެއް ހަދައިފިނަމަ އެ ސަރަހައްދުގައި ޕާކް ކުރުމަށް ދަތިވާނެ ކަމަށް ބުނެ ގިނަ އަދަދެއްގެ ރައްޔިތުންގެ ފަރާތުން ލިބެމުންދިޔަ ޝަކުވާތަކާ ގުޅިގެން ރައްޔިތުންގެ ހިޔާލާއި އެއްގޮތަށް ކަންކަން ކުރުމުގެ ގޮތުން ކަމަށް ސިޓީ ކައުންސިލުން މައުލޫމާތު ދީފައިވެ އެވެ.
ސިޓީ ކައުންސިލުން އިތުރަށް ބުނީ ވަގުތީ މާރުކޭޓެއް އެޅުމަށް އެކަށީގެންވާ ރަނގަޅު ސަރަހައްދެއް ނުލިބިއްޖެނަމަ ވަގުތީ އިތުުރު މާރުކޭޓެއް ރޯދަ އަށް ދެން ނުހަދާނެ ކަމަށެވެ.
ރޯދަ މަހާ ދިމާކޮށް ވިލިމާލޭގައިވެސް ވަގުތީ މާރުކޭޓް ހެދުމަށް ނިންމާ، އެ މަސައްކަތް ވިލިމާލޭގައި ކުރަމުން އެބަދެ އެވެ.
ރޯދަ އަށް ވަގުތީ މާރުކޭޓް އަޅަން ނިންމީ މާލޭގެ އުތުރު ފަރާތުގައި ހަދާފައިވާ ރަސްމީ މާރުކޭޓް ތަކަށް ތޮއްޖެހުން އިތުރުވެ ކާބޯތަކެތި ގަތުމުގައި ރައްޔިތުންނަށް ދިމާވެދާނެ ދަތިތަކަށް ކޮންމެވެސް ވަރެއްގެ ހައްލެއް ގެނައުމުގެ ގޮތުންނެވެ. އަދި ވިލިމާލޭގައި ހަދާ ވަގުތީ މާރުކޭޓުގެ ސަބަބުން އެ އަވަށުގެ ރައްޔިތުން މާލެ ނައިސް ވިލިމާލޭގައި ތިބެގެން ރޯދައަށް ބޭނުންވާ ކާބޯތަކެތި ގަތުމުގެ ފުރުސަތު ލިބޭނެ ކަމަށް ކައުންސިލުން ބުނެ އެވެ.
"މޭޔަރު ޑރ. މުހައްމަދު މުއިއްޒުގެ ވިސްނުންފުޅަކީ މާލެ ސިޓީ ކައުންސިލުން ކަންކަން ކުރިއަށް ގެންދާއިރު ރައްޔިތުންގެ ހިޔާލާއި މަޝްވަރާ ހޯދައިގެން ރައްޔިތުންނާއި ވަރަށް ގާތުން މަސައްކަތް ކުރެއްވުމެވެ. ހާއްސަކޮށް ރައްޔިތުންނާއި ގުޅުންހުރި ކަންކަން އަބަދުވެސް ރައްޔިތުން އެދޭގޮތަށް ނިންމެވުމެވެ." މާލެ ސިޓީ ކައުންސިލްގެ އޮފިޝަލަކު ވިދާޅުވި އެވެ.
މާދަމާ އަކީ ރޯދަ މަހުގެ ފުރަތަމަ ދުވަސް ކަމަށް ފަލަކީ ހޯދުންތަކުން ދައްކާއިރު ރޯދަ އަށް ހާއްސަކޮށްގެން މާލެއާއި ވިލިމާލޭގައި ހެދުމަށް ނިންމާފައިވާ ވަގުތީ މާރުކޭޓްތަކުގެ މަސައްކަތް އަދިވެސް މުޅިން ނިމިފައެއް ނުވެ އެވެ.