އެމްޑީޕީގެ ޗެއާޕާސަން ހޮވަން ބާއްވާ އިންތިހާބަށް މިހާރު ކަނޑައަޅާފައިވާ ތާރީހު ފަސް ކުރުމަށް ފުރުސަތު ނުދޭނެ ކަމަށް އެ މަގާމަށް ވާދަކުރައްވާ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ (އިންތި) ގެ ކެމްޕެއިން ޓީމުން މިއަދު ބުނެފި އެވެ.
އިންތިގެ ކެމްޕެއިން ޓީމުން މިހެން ބުނެފައިވަަނީ ޗެއާޕާސަން ހޮވުމުގެ އިންތިހާބު ރޯދަ މަހުގެ ދުވަހަކާ ދިމާވާތީ އިންތިހާބު ފަސްކޮށް ދިނުމަށް އެ މަގާމަށް ވާދަކުރައްވާ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް (ފައްޔަ) ގެ ކެމްޕެއިން ޓީމުން އެދިފައިވާތީ އެކަމާއި ގުޅިގެންނެވެ. އިންތިގެ ކެމްޕެއިންގެ މައުލޫމާތު ދިނުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލްވުމުގައި އިންތިގެ ކެމްޕެއިން ތަރުޖަމާން އަދި އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދު ވިދާޅުވީ އިންތިހާބު ފަސް ކުުރަން ޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށެވެ.
ވަހީދު ވިދާޅުވީ އިންތިހާބު ބާއްވަން މިހާރު ކަނޑައަޅާފައިވާ ތާރީހު ފަސް ކުރުމާ ސާފުކޮށް ދެކޮޅު ހައްދަވާ ކަމަށާ އެކަން ކުރަން ފުރުސަތު ނުވެސް ދެއްވާނެ ކަމަށެވެ. އަދި އެމްޑީޕީގެ އެތެރޭގެ އިންތިހާބުތައް ވަކި ބަޔަކު ބޭނުންވާ ގޮތަށް ގަޑުބަޑު ކުރަން ފުރުސަތު ދީގެން ނުތިއްބަވާނެ ކަމަށެވެ.
"އެއްވެސް ވަރަކަށް ޖާގައެއް ނުދޭނަން އިންތިހާބު ލަސްކުރާކަށް ވެސް އިންތިހާބު ގަޑުބަޑުކުރާކަށް އަދި އިންތިހާބުގައި މަކަރާއި ހީލަތް ހަދާކަށް ވެސް،" ވަހީދު ވިދާޅުވިއެވެ.
ވަހީދު ވިދާޅުވީ އިންތިހާބުގެ މިހާރުގެ ތާރީހު ދިމާވަނީ ރޯދަ މަހުގެ ދުވަހަކާ ކަމަށްވުމުން އެއީ ޕާޓީގެ އާންމު މެންބަރުންނަށް އުނދަގޫ ދުވަހެއް ނަމަ އިންތިހާބު އަވަސް ކުުރުމާއި ގުޅޭގޮތުން ވާހަކަ ދައްކާ މަޝްވަރާ ކުރެވިދާނެ ކަމަށެވެ. ނަމަވެސް އެ ތާރީހު ފަސް ކުރަން ފުރުސަތު ނުދެއްވާނެ ކަމަށެވެ. އެކަމާ ގުޅޭ މަޝްވަރާއަކަށް ވެސް ޖާގަ ނޯންނާނެ ކަމަށް ވިދާޅުވިއެވެ.
ސަބަބެއް ކަަމަށް ވިދާޅުވީ އިންތިހާބުގެ ތާރީހަކީ ހުރިހާ ގޮތަކުން ވިސްނުމަށް ފަހު ކަނޑައަޅާ އިއުލާނު ކޮށްފައިވާ ތާރީހަކަށް ވުމެވެ.
އިންތިގެ ކެމްޕެއިން ޓީމުން ބުނީ ކެމްޕެއިން ހަރަކާތްތައް ފުޅާކުރުމަށް މާލެ އާއި އަތޮޅުތަކުގައި ޖަގަހަތައް ހުޅުވާނެ ކަމަށެވެ. އަދި އަދި ދެން އެންމެ އަވަހަށް ކެމްޕެއިން ޓީމު ދިއުމަށް ހަމަޖެހިފައިވަނީ އައްޑޫ ސިޓީއަށް ކަމަށެވެ.
އެމްޑީޕީގެ ޗެއާޕާސަން ހޮވުމުގެ އިންތިހާބު ފޯރިގަދަވެ ޕާޓީގެ ތެރޭގައި ވަރަށް ބޮޑު ވާދަވެރިކަމެއް އުފެދިފައި ވެއެވެ. މި އިންތިހާބު އޮތީ އަންނަ މަހުގެ 16 ވަނަ ދުވަހު އެވެ.