އެމްއެމްޕީއަރުސީން އެންމެ ބޮޑު މަންފާއެއް ލިބުނީ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ކަމަށް މޯލްޑިވްސް ޑިވޮލޮޕްމަންޓް އެލައަންސް(އެމްޑީއޭ)ގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމް މުހައްމަދު ވިދާޅުވެއްޖެ އެވެ.
ސިޔާމް މިހެން ވިދާޅުވީ އެމްްޑީއޭއިން މިއަދު ޕޯސްޓް އޮފީހުގެ އޮޑިޓޯރިއަމްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ނެވެ.
ސިޔާމް ވިދާޅުވީ ސިޔާސީ ދައުވާތައް މިހާރު ވަރަށް ބޮޑަށް ކުރަމުންދާ ކަމަށާއި އަދި ޖުޑީޝަލް ސާވިސް ކޮމިޝަން(ޖޭއެސްސީ) މާބޮޑަށް ވެސް ސިޔާސަ ވެފައިވާ ކަމަށެވެ.
ޖޭއެސްސީފައި ސިޔާސީ ބޭފުޅުން ތިއްބެވުން ކުށްވެރިކުރައްވައި ސިޔާމް ވިދާޅުވީ އޭނާގެ ޕާޓީގެ ސަރުކާރެއްގައި ނުވަތަ އޭނާ ތާއިދުކުރައްވާ ޕާޓީީއެއްގެ ސަރުކާރުގައި ޖޭއެސްސީގައި އެއްގޮތަކަށް ވެސް ސިޔާސީ ބޭފުޅުން ނުތިއްބަވާނެ ކަމަށެވެ. އަދި ދިވެހި ޖޭއެސްސީ އިސްލާހުކޮށް ރައްޔިތުންނަށް އިންސާފު ހޯއްދަވައިދެއްވަން މަސައްކަތް ކުރައްވާނެ ކަމަށެވެ.
މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ޖޭއެސްސީގައި އިންނެވައިގެން އަދުލު އިންސާފު ނުގެނެވޭނެކަަމަށް ވެސް ސިޔާމް ވިދާޅުވި އެވެ.
"ރާއްޖޭގެ މިހާ ހިސާބަށް ހިނގައިގެން ދިޔަ އެއްމެ ބޮޑު ހިޔާނާތުގެ މައްސަަލަ އޭގެ އެންމެ ބޮޑު މަންފާއެއް ލިބިފައި ހުރީ ކޮން ފަރާތަކަށްތޯ. މިއަދު މަޖިލީހުގައި ރައީސްއަކަށް އިންނެވި ބޭފުޅާއަށް. މިއީ ދުނިޔެ ދައްކާ ހަގީގަތް. އެމްއެމްޕީއާރުސީގެ އެންމެ ބޮޑު މަންފާއެއް ލިބިފައި ހުރީ މަޖިލީހުގެ ރައީސްއަށް. އެކަމަކު މަޖިލީހުގެ ރައީސް އެތާ މަޖިލީހުގައި ގޮޑީގައި އިންނަވައިގެން އެ ދައްކަވަނީ. އެއީ ބަލަން ޖެހޭ މައްސަލައެއް." ސިޔާމް ވިދާޅުވި އެވެ.
ގިނަ ދުވަސްތަކެއް ވަންދެން އެމްޑީއޭގެ ހަރަކާތްތައް މަޑުޖެހިފައި އޮތުމަށް ފަހު ސިޔާމްގެ ބައިވެރިވެލެއްވުމާއެކު އެމްޑީއޭއިން މިއަދު ނޫސްވެރިންގެ ބައްދަލުވުމެއް ބޭއްވި އިރު އޭނާ ވިދާޅުވީ ޕާޓީގެ ހަރަކާތްތައް މެދުކަނޑާލީ ކޮވިޑާ ގުޅިގެން ކަމަށެވެ. އަދި ޕާޓީގެ ހަރަކާތް އަލުން ފަށައި މިއަދު ޖަލްސާއެއް ބާއްވާފައިވާ ކަމަށް ވިދާޅުވި އެވެ.
ނިމިގެން ދިޔަ މަޖިލީހުގައި އެމްޑީއޭގެ ފަސް މެމްބަރުން ހިމެނުނު އިރު އެ ޕާޓީ އޮތީ ވެރިކަން ކުރި ޕީޕީއެމްއާއެކު ކޯލިޝަން ހަދައިގެން ނެވެ. ނަމަވެސް މަޖިލީހުގެ މި ދައުރުގައި އެންމެ ދެ މެމްބަރުން ތަމްސީލުކުރައްވާ އިރު އެ ޕާޓީން އެއްވެސް ޕާޓީއަކާއެކު ކޯލިޝަނެއް ހަދާފައެއް ނުވެއެވެ. އަދި އެމްޑީއޭގެ މާ ބޮޑު ސިޔާސީ ހަރަކާތެއް މަޖިލީހުގެ މި ދައުރުގައި އަދި ހިންގާފައެއް ވެސް ނުވެއެވެ.