ކުރީ ސަރުކާރުގެ ހިޔާނާތްތައް ބެލުމަށް މި ސަރުކާރުން އުފެއްދި އެސެޓް ރިކަވަރީ ކޮމިޝަނުން ތައްޔާރުކޮށްފައިވާ އެމްއެމްޕީއާރުސީގެ ހިޔާނާތާ ގުޅޭ ރިޕޯޓް އެމަނިކުފާނުގެ އަތްޕުޅުގައި އެބައޮތް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރަައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ. އެމަނިކުފާނު މިހެން ވިދާޅުވީ އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރުންނަށް ހާއްސަ ވަޓްސްއެޕް ގުރޫޕަށް މިއަދު ފޮނުއްވެވި މެސެޖެއްގައެވެ.
އެމްއެމްޕީއާރުސީގެ ހިޔާނާތް ނުބެލޭ ކަމަށް ވިދާޅުވެ ގައުމީ މަޖިލީހުގައި ތިއްބަވާ ރައީސް ނަޝީދަށް ވަފާތެރި މެންބަރުން މިއަދު ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އަދި ހިޔާނާތް ބެލުމަށް އެކުލަވާލި އެސެޓް ރިކަވަރީ ކޮމިޝަން އުވާލުމުން އެކަމަށް ފާޑުވިދާޅުވިއެވެ. ރައްދުގައި ސަރުކާރަށް ތާއީދު ކުރާ މެންބަރުން ވަނީ އެ ކޮމިޝަން އުވާލަން ޖެހުނު ސަބަބުތައް ސާފުކޮށް ދެއްވާފައެވެ. އަދި އެސެޓް ރިކަވަރީ ކޮމިޝަންގެ ރައީސް އަހުމަދު އައްސަދާއި އެމްޑީޕީގެ ޗެއާޕާސަން ކަމަށް ގެނަން ރައީސް ނަޝީދުގެ ވަފާތެރި މެންބަރުންގެ ތާއީދު އޮތް އިމްތިޔާޒް ފަހުމީއާއެކު ނަގާފައިވާ ފޮޓޯއެއްވެސް ވަނީ ހިއްސާކޮށްފައެވެ.
އެ ފޮޓޯ ހިއްސާކޮށް މެންބަރަކު ވިދާޅުވީ އެސެޓް ރިކަވަރީ ކޮމިޝަން އުވާނުލިއްޔާ ދެރަ ކަމަށެވެ. އަދި އައްސަދުގެ އަމަލުތައް ހުރި ގޮތުން އޭނާއާ ހަވާލުކުރި މަސައްކަތް ކުރާނެ ގޮތް ވިސްނާލުމަށެވެ.
އެއާއެކު ރައީސް ނަޝީދު ވަނީ އެމްއެމްޕީއާރުސީގެ ރިޕޯޓް އެމަނިކުފާނުގެ އަތްޕުޅުގައި އެބައޮތް ކަމަށް ވިދާޅުވެފައެވެ. އަދި އެ ރިޕޯޓް ހިއްސާ ކުރައްވަން ޖެހިދާނެ ކަަމަށް ވިދާޅުވިއެވެ.
"އެމްއެމްޕީއާރުސީގެ ރިޕޯޓް އެބައޮތް. މިހާ އޮޅުން އަރާ ކަމަކަށް ވާނަމަ ރިޕޯޓް ޝެއާ - ހިއްސާ -- ކުރާނަން،" ނަޝީދު ވިދާޅުވިއެވެ.
އޭގެ ފަހަށް އެމަނިކުފާނު ވިދާޅުވީ އެ ރިޕޯޓަކީ އެސެޓްރިކަވަރީ ކޮމިޝަނުން ހަދާ ރައީސް އޮފީހަށް ފޮނުވާފައިވާ ރިޕޯޓެއް ކަމަށެވެ. ނަމަވެސް އެ ރިޕޯޓް އެމަނިކުފާނަށް ލިބިވަޑައިގެންނެވި ގޮތެއް ވިދާޅެއް ނުވިއެވެ.
އެކަމާއި ގުޅޭގޮތުން އަވަސް އިން ސުވާލު ކުރުމުން ސަރުކާރުގެ އިސް އޮފިޝަލަކު ވިދާޅުވީ އެސެޓްރިކަވަރީ ކޮމިޝަންގެ ރިޕޯޓް އެއްވެސް ބޭފުޅަކާ އަދި ހިއްސާކޮށްފައިނުވާ ކަމަށެވެ. އަދި އުވާލާފައިވާ ކޮމިޝަނުން އެ ރިޕޯޓް ރައީސް ނަޝީދާ ހިއްސާކޮށްފައިވާނަމަ އެއީ ގާނޫނީ ކުށެއް ކަމަށެވެ. އެކަން ބަލާނެ ކަމަށްވެސް ވިދާޅުވިއެވެ.
ކުރީ ސަރުކާރުގެ ހިޔާނާތްތައް ބެލުމަށް މި ސަރުކާރުން އުފެއްދި އެސެޓް ރިކަވަރީ ކޮމިޝަނުން ކޮށްފައިވާ މަަސައްކަތްތަކުގެ ތަފްސީލް ހިމެނޭ ރިޕޯޓެއް އާންމު ކުރުމަށް ނިންމާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ކުރީން ބުންޏެވެ. އެ އޮފީހުން މިހެން ބުނެފައިވަނީ މިހާރު އުވާލާފައިވާ އެ ކޮމިޝަނުން ކޮށްފައިވާ މަަސައްކަތްތަކުގެ ތަފްސީލް ހޯދުމަށް އާންމު ފަރާތަކުން އެދުމާއި ގުޅިގެން އެ ފަރާތަށް ދިން ޖަވާބު ގައެވެ. މައުލޫމާތު ހޯދުމާއި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން މައުލޫމާތު ހޯދުމަށް އެދުމުން ރަައީސް އޮފީހުން ފޮނުވި ޖަވާބުގައި ބުނެފައިވަނީ އެސެޓް ރިކަވަރީ ކޮމިޝަން އުވާލުމާއި ހަމައަށް އެ ކޮމިޝަނުން ކޮށްފައިވާ މަސައްކަތްތަކުގެ ތަފްސީލް ހިމެނޭ ރިޕޯޓެއް އާންމު ކުރުމަށް ނިންމާފައިވާ ކަަމަށެވެ.
އަދި އެ ރިޕޯޓް އާންމު ކުރުމުން ކޮމިޝަނުން ކޮށްފައިވާ މަަސައްކަތްތަކުގެ ތަފްސީލް ލިބޭނެ ކަމަށެވެ.
އެސެޓް ރިކަވަރީ ކޮމިޝަނަކީ ޖަނަވަރީ، 1 2012 އިން ފެށިގެން ނޮވެންބަރު 17، 2018 ގެ ނިޔަލަށް ހިނގާފައިވާ ހިޔާނާތާއި ދައުލަތުގެ މުދަލާއި ފައިސާ ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ގިނަ މައްސަލަތައް އެކިއެކި ސަބަބުތައް މެދުވެރި ވެގެން އެކަށީގެންވާ މިންވަރަށް ތަހުގީގު ކުރެވި އިންސާފު ގާއިމު ކުރެވިފައި ނުވާތީ އެ މައްސަލަތައް ތަހުގީގު ކުރުމުގެ ނަމުގައި އުފެއްދި ކޮމިޝަނެކެވެ.
އެ ކޮމިޝަން ރައީސް ސޯލިހް އުފެއްދެވީ ވެެރިކަމުގެ ފުރަތަމަ ދުވަހު ނޮވެންބަރު 17، 2018 ވީ ހޮނިހިރު ދުވަހު އެވެ.
ނަމަވެސް ރައީސުލްޖުމްހޫރިއްޔާގެ ގަރާރު ނަންބަރު 14/2018 އިން އުފެއްދެވި "ޕްރެޒިޑެންޝަލް ކޮމިޝަން އޮން ކޮރަޕްޝަން އެންޑް އެސެޓް ރިކަވަރީ" ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ވަނީ މާޗް 17، 2022 ގައި އުވާލައްވާފައެވެ.