އެމްއެމްޕީއާރުސީގެ ކަޅު ފައިސާގައި ޖެހިވަޑައިގެންފައިނުވާނެ ކަމަށް ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު މިހެން ވިދާޅުވެފައިވަނީ މިހެން ވިދާޅުވީ އެމްއެމްޕީއާރުސީގެ ހިޔާނާތާއި ގުޅިގެން ހަތް ދައުވާއެއް އުފުލާފައިވާ ކުރީގެ ނާއިބް ރައީސް އަހުމަަދު އަދީބު އިއްޔެ ކްރިމިނަލް ކޯޓްގައި އޮތް ޝަރީއަތުގެ މަޖިލީހުގައި ދެއްކެވި ވާހަކަތަކާއި ގުޅިގެންނެވެ. އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ފައިސާ ހުރިހާ ސިޔާސީ ޕާޓީއަކަށް ނިސްބަތްވާ އެތަށް ބޭފުޅުންނަކަށް ލިބިފައިވާ ކަމަށާ އަދި ކުރީގެ ރައީސުންނާއި މަޖިލީސް މެމްބަރުންނާއި ސަރުކާރުގެ ވުޒާރާތަކާއި މިނިވަން މުއައްސަސާތަކަށް ވެސް މި ފައިސާ ލިބިފައިވާ ކަމަށް އަދީބު ވިދާޅުވިއެވެ. އަދީބު ވިދާޅުވީ ސިޔާސީ މަސައްކަތަކަށާއި ސީދާ ޕީޕީއެމަށްވެސް އެމްއެމްޕީއާރްސީގެ ފައިސާ ބޭނުންކޮށްފައިވާ ކަމަށެވެ. އަދި މިނިވަން މުއައްސަސާތަކަކާއި ޝަރުއީ ދާއިރާ އަށާއި މަޖިލީހުގެ އެކި ވޯޓްތަކަށް ފައިސާ ހަރަދުކުރި ކަމަަށެވެ.
ރައީސް ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެމްއެމްޕީއާރުސީގެ ފައިސާ ލިބިފައިނުވާ ކަމަށެވެ.
"އަޅުގަނޑު ތަކުރާރުކޮށް ދަންނަވަން. އެމްއެމްޕީއާރުސީގެ ފައިސާ އަޅުގަނޑަށް ލިބިފައެއް ނުވޭ،" ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވެއެވެ.
އިއްޔެ ޝަރީއަތުގެ އަޑުއެހުމުގައި އަދީބު ވަނީ ގިނަ ވާހަކަތަކެއް ދައްކަވާފައެވެ. އަދީބު ވިދާޅުވީ މި މައްސަލަތަކާއި ގުޅިގެން ފަސް އަހަރެއްހާ ދުވަހު ޖަލުގައި ހޭދަ ކުރެއްވިއްޖެ ކަމަށާއި ހެއްދެވިފައިވާ ގޯސްތަކާމެދު ހިތާމަކުރައްވާ ކަމަށެވެ. އަދި އެކަންކަމަށް ތައުބާވެފައިވާ ކަމަށް ޝަރީއަތުގައި ވިދާޅުވިއެވެ. މަގާމާއި ބާރުގައި ހުންނެވި ދުވަސްތަކުގައި ގޯސްތަކެއް ހެއްދެވިފައިވާ ކަމަށް އިއުތިރާފުވެ ދައުލާތާއި ދިވެހި ރައްޔިތުންގެ ކިބައިން އަދީބު ވަނީ މައާފަށްވެސް އެދިވަޑައިގެންފައެވެ. އަދީބު ވިދާޅުވީ އޭނާވެސް އިސްތިސްނާ ނުވާ ގޮތަށް މި ހިޔާނާތުގައި ބައިވެރިވި އެންމެން އިންސާފުގެ ކުރިމައްޗަށް ގެނެސް ހައްގު އަދަބު ދޭން ޖެހޭނެ ކަމަށެވެ.