އެމްއެމްޕީއާރްސީގެ ހިޔާނާތާ ގުޅޭ ތަހުގީގު ރައްޔިތުންގެ މަޖިލީހުން ހިންގަން ޑީއާރްޕީގެ ލީޑަރު އަދި ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ހުށައަޅުއްވައިފި އެވެ.
ޖާބިރު މިކަމަށް އެދިވަޑައިގެންފައި ވަނީ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އެޑްރެސް ކުރައްވާ ފޮނުއްވާފައިވާ ސިޓީއެއްގަ އެވެ.
އެ ސިޓީގައި ޖާބިރު ވިދާޅުވެފައި ވަނީ އެމްއެމްޕީއާރްސީގެ ތަހުގީގު މިހާތަނަށް ކުރީ ސިޔާސީ ނުފޫޒުގެ ތެރެއިން ކަމަށް ގިނަ ބަޔަކު ގަބޫލު ކުރާ ކަމަށެވެ. އަދި އެމްއެމްޕީއާރުސީގެ ބޮޑު ޚިޔާނާތާއި ގުޅިގެން މީޑިއާތަކުން ގެނެސް ދީފައިވާ ޚަބަރުތަކާއި، މައުލޫމާތުތަކަށް ބަލާއިރު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެމްޑީޕީގެ ޕީޖީ ލީޑަރުގެ މަގާމު އަދާ ކުރައްވަމުން ގެންދެވިއިރު ރައީސް ޔާމީންގެ ސަރުކާރުން ގާނޫނުތަކާއި ގަވާއިދުތަކަށް ގެންނަން ބޭނުންވި އިސްލާހުތަކަށް އެމްޑީޕީގެ ޕީޖީ ގްރޫޕްގެ ތާއީދު ހޯދަން ބޮޑެތި އަދަދުން ފައިސާގެ މުއާމަލާތް ހިންގާފައިވާ ކަން އެނގޭ ކަމަށެވެ.
އެ ކަން ބޮޑަށް ޔަގީންކުރެވެނީ އެމްއެމްޕީއާރުސީގެ ކަންކަމުގައި އޭރު އުޅުއްވި ފަރާތްތައް ދައްކާފައިވާ ވާހަކަަތަކުގެ އިތުރުން މާލިއްޔަތު ކޮމެޓީގައި ޕީޖީ ދެއްކެވި ވާހަކަފުޅުތަކުން ކަމަށާއި އެމްއެމްޕީއާރުސީގެ ކޮރަޕްޝަންގައި މި ސަރުކާރުގެ ވަޒީރުންނާއި، މަޖިލީހުގެ މިހާރުގެ މެންބަރުންނާއި، ފަނޑިޔާރުންނާއި، ފުލުހުންނާ ސިފައިންގެ ތެރެއިން ބައެއްގެ ދައުރު ވެސް އެބައޮތްކަން ބިޝާމް ފާހަގަ ކުރައްވާފައިވާ ކަމަށެވެ.
"... ވީމާ މި ސަރުކާރުގެ ކަމާބެހޭ މުއައްސަސާތަކުގެ ތެރެއިން ދެފުށް ފެންނަ އިންސާފުވެރި ތަހުގީގެއް އަލުން ހިންގިދާނެ ކަމަށް ގަބޫލު ނުކުރެވޭތީ މި އިއްޒަތްތެރި މަޖިލީހުން ހާއްސަ ކޮމެޓީއެއް އެކުލަވާލައިގެން އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލައިގެ ތަހުގީގު ކުރިއަށް ގެންދެވޭނެ ގޮތް ހަމަޖައްސައިދެއްވުން އެދެމެވެ." މަޖިލީހުގެ ރައީސަށް، ޖާބިރު ފޮނުއްވި ސިޓީގައި ވިދާޅުވެފައި ވެއެވެ.
މީގެ އިތުުރުން މި ތަހުގީގަށް ފުރަތަމަ ހާޒިރުކުރެވޭ ބޭފުޅަކީ ކުރީގެ ނާއިބް ރައީސް އަހުމަދު އަދީބު ކަމަށް ހަމަޖައްސަން އެދިވަޑައިގެންފައި ވެސް ވެއެވެ.