ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ސަލާމުގައި ހުރެވޭނެ ވަކި މުއްދަތެއް ކަނޑައެޅުމުގެ ބާރު އޮތީ ރައްޔިތުންގެ މަޖިލީހުގައި ކަމަަށާ ނަމަވެސް އެމްޑީޕީގެ މެޖޯރިޓީ އޮތް މިހާރުގެ މަޖިލީހުން އެކަން ނުކުރާނެ ކަމަށް މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.
މަޖިލީހުގެ މެންބަރުން ސަލާމްގައި ހުންނަވާ ދުވަސްތައް އިތުރުވާތީ ރިޔާސަތުން ގެންދަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ. ބައެއް މެންބަރުން ސަލާމްގައި ތިއްބަވާތާ އަހަރު ދުވަސް ވެއްޖެ އެވެ. ބައެއް މެންބަރުން އެއްވެސް އެއްޗެއް ނާންގަވާ މަޖިލީހަށް ވަޑައިނުގެން ތިއްބަވައެވެ. މަޖިލީހުގެ ރައީސް ގެންދަވަނީ މެންބަރުންގެ ހާޒިރީ ދަށްކަމަށް ފާހަގަކުރައްވާ އެ މެންބަރުންގެ ނަަންތައްވެސް ވިދާޅުވަމުންނެވެ.
މެންބަރުންނަށް ސަލާމް ބުނެވޭނެ މުއްދަތެއް ކަނޑައެޅުމާއި ގުޅޭ މައްސަލައެއް މަޖިލީހަށް ހުށައެޅުމަށް އެމްޑީޕީގެ މެންބަރަކު ގެންދަވަނީ މަސައްކަތް ކުރައްވަމުންނެވެ. ނަމަވެސް އެ މައްސަލަ ހުށަނޭޅި އުޅެނިކޮށް ބައެއް މެންބަރުން ގެންދަވަނީ ރުޅިވެރިކަމާއެކު އެކަމަށް ފާޑުވިދާޅުވަމުންނެވެ.
"މަޖިލީހުގައި ސަލާމް ބުނުމަށް، މިންގަނޑެއް ނެތް" މި ސުރުހީގެ ދަށުން އަވަސްގައި އިއްޔެ ޝާއިއުކުރި ރިޕޯޓަކާއެކު މާވަށު ދާއިރާގެ އިދިކޮޅު ޕީއެންސީގެ މެންބަރު މުހައްމަދު ސައީދު ވިދާޅުވީ މަޖިލީހުގެ މެންބަރުންނަށް ސަލާމުގައި ހުރެވޭނެ ވަކި މުއްދަތެއް ކަނޑައެޅުމުގެ ބާރު އޮތީ ރައްޔިތުންގެ މަޖިލީހުގައި ކަމަަށެވެ. ނަމަވެސް އެމްޑީޕީން އެކަން ނުކުރާނެ ކަމަށް ސައީދު ވިދާޅުވިއެވެ.
"އަށާރަވަނަ މަޖިލިސް ހިނގަމުންދިޔައިރު އެމްޑީޕީގެ ލީޑާޝިޕްގެ އެންގެވުމަށް އެއިރުގެ މެންބަރުން ވަނީ ގިނަ ދުވަސްތަކަކަށް މަޖިލިސްއަށް ހާޒިރުނުވެ،" މަޖިލީހުގެ ކުރީގެ ރައީސް އަބްދުﷲ މަސީހުގެ ރިޔާސަތުގައި ގަވާއިދާ ހިލާފަށް މަޖިލީސް ހިންގާ ކަމަށް ތުހުމަތުކޮށް އޭރުގެ އިދިކޮޅު މެންބަރުން މަޖިލީހަށް ހާޒިރުވުން ހުއްޓާލެއްވި ލެއްވުމަށް އިޝާރާތް ކުރައްވާ ސައީދު ވިދާޅުވިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގައިވާ ގޮތުން ރައްޔިތުންގެ މަޖިލީހުގެ ދައުރުތައް ބަހާފައި އޮންނަނީ ތިން ދައުރަކަށެވެ. ފުރަތަމަ ދައުރު ހިނގަނީ ފެބަރުއަރީ މަހުން އޭޕްރީލް މަހަށެވެ. ދެވަނަ ދައުރު ޖޫން މަހުން ފެށިގެން އޮގަސްޓް މަހަށް އަދި ތިންވަން ދައުރެއް އޮކްޓޯބަރު މަހުން ފެށިގެން ނޮވެމްބަރު މަހުގެ ނިޔަލަށެވެ. މިގޮތުން އަހަރަކު ޖަލްސާތައް އޮންނަނީ އަށް މަސް ދުވަހު އެވެ. އަހަރަކު ހަތަރު މަސް -- 123 ދުވަސް -- ޖަލްސާއެއް ނޯވެ އެވެ.
ދެހާސް ވިހި ވަނަ އަހަރު ބޭއްވި 106 ޖަލްސާއަށް ހާޒިރުވެ ހާޒިރީގެ 100 ޕަސެންޓް ހޯއްދަވާފައި ވަނީ 11 މެންބަރުންނެވެ. މިއީ މުޅި ޖުމްލަ މަޖިލީހުގެ 13 ޕަސެންޓެވެ.
އެ މެންބަރުންނަކީ ހެންވޭރު އުތުރު ދާއިރާގެ މެންބަރު އިބްރާހިމް އިބްރާހިމް މުއިއްޒާއި ބާރަށު ދާއިރާގެ މެންބަރު އަހުމަދު އަބްދުﷲ އަދި ދިއްދޫ ދާއިރާގެ މެންބަރު އަބްދުﷲ ވަހީދެވެ. މީގެ އިތުރުން ހިމެނިވަޑައިގަންނަވާ މެންބަރުންނަކީ ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލް ޣަފޫރު މޫސާ އާއި ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދާއި ވައިކަރަދޫ ދާއިރާގެ މެންބަރު ހުސެއިން ޒިޔާދާއި މަކުނުދޫ ދާއިރާގެ މެންބަރު މުހައްމަދު ރާއީ އަދި ހޮޅުދޫ ދާއިރާގެ މެންބަރު ޔޫނުސް މޫސާ އާއި ނިލަދޫ ދާއިރާގެ މެންބަރު އަބްދުލް މުހުސިން ހަމީދުގެ އިތުރުން ކުޑަހުވަދޫ ދާއިރާގެ މެންބަރު އަހުމަދު އާމިރާއި ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބެވެ.
ވިހިވިހި ވަނަ އަހަރު ބޭއްވި ޖުމްލަ 106 ޖަލްސާއަށް އެންމެ މަދުން ހާޒިރުވެ، ހާޒިރީގެ ފަހަތުން "އެންމެކުރި" ލިބި ވަޑައިގެންފައި ވަނީ 10 ޖަލްސާއަށް ހާޒިރުވި މީދޫ ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް މުހއްމަދު އަށެވެ. އަދި 15 ޖަލްސާ އަށް ހާޒިރުވެ ފަހަތުން ދެވަނައިގައި މާމިގިލި ދާއިރާގެ މެންބަރު ގާސިމް އިބްރާހީމެވެ. މި ބައިގައި ހިމަނާފައި ވަނީ މެންބަރުން ޖަލްސާއަށް ހާޒިރުވި ދުވަސްތައް އެކަންޏެވެ. ސަލާމުގެ ދުވަސްތަކާއި ރަސްމީ ދަތުރުތަކުގެ ދުވަސްތައް ނުހިމަނަ އެވެ.