އެމްއެސްއެސް

ޝިޕިން ދާއިރާގެ ސްކޮލާޝިޕަށް އަލުން ހުޅުވާލައިފި

Mar 2, 2022

ޝިޕިން ދާއިރާއިން ގާބިލް މީހުން ބިނާކުރުމަށް މޯލްޑިވްސް ސްޓޭޓް ޝިޕިން (އެމްއެސްއެސް) އިން ތައާރަފްކޮށްފައިވާ ސްކޮލާޝިޕް ޕްރޮގްރާމަށް އަނެއްކާވެސް ހުޅުވާލައިފި އެވެ.

އެމްއެސްއެސްގެ ސްކޮލާޝިޕް ޕްރޮގްރާމް -- ކަލާސީންގެ ދަށުން ރާއްޖެއިން ބޭރުގައި ދިވެހިން މެރިޓައިމް ދާއިރާއަށް ތަމްރީނުކުރުމަށްޓަކައި ސްކޮލާޝިޕަށް ކުރިމަތިލުމަށް އެ ކުންފުނިން އެންމެ ފުރަތަމަ ހުޅުވާލީ މިދިޔަ ޖެނުއަރީ 23 ވަނަ ދުވަހު އެވެ. ސްކޮލާޝިޕް ފުރުސަތުތަކަށް ޝައުގުވެރިވާ ފަރާތްތަކުން ކަމާ ގުޅޭ ލިޔުންތައް ހުށަހެޅުމަށް އޭރު ފުރުސަތު ދިނީ މިދިޔަ ފެބްރުއަރީ 27 ވަނަ ދުވަހުގެ ނިޔަލަށެވެ.

އެމްއެސްއެސްގެ ސްކޮލާޝިޕް ޕްރޮގްރާމަށް އަނެއްކާވެސް ކުރިމަތިލުމަށް އެ ކުންފުނިން ހުޅުވާލީ އިއްޔެގެ ވަގުތެއްގަ އެވެ. އަލުން ހުޅުވާލި ވަކި ސަބަބެއް އެމްއެމްއެސް އަކުން އަދި ހާމަކޮށްފައެއް ނުވެ އެވެ.

ރާއްޖެއިން ބޭރުގައި ދިވެހިން ތަމްރީނުކުރުމަށް ހަމަޖެހިފައިވަނީ ނެވިގޭޝަން އޮފިސާ ކެޑޭޓް ޓްރެއިނިންގް ކޯސް، އިންޖީން އޮފިސާ ކެޑޭޓް ޓްރެއިނިންގް ކޯސް އަދި ރީފާ ޓެކްނީޝަނުންނެވެ.

ނެވިގޭޝަން އޮފިސަރު ކެޑޭޓް ޓްރެއިނިންގް ކޯހާއި އިންޖީން އޮފިސާ ކެޑޭޓް ޓްރެއިނިން ކޯހަށް ފުރުސަތު ހުޅުވާލާފައިވަނީ ކޮންމެ ކޯހަކަށް ދެ ދަރިވަރުންނަށް ފުރުސަތުދޭ ގޮތަށެވެ. ދެ ކޯހުގެ މުއްދަތަކީ ވެސް 36 މަހެވެ. ދެ ކޯހުގެ ވެސް މައިގަނޑު ޝަރުތަކީ ފިޒިކްސް މާއްދާ ހިމެނޭހެން އޭލެވެލްއިން ދެ މާއްދާއިން ފާސްވުމާއި އުމުރުން 18 އަހަރާއި 21 އަހަރާއި ދެމެދުގެ މީހަކަށް ވުމެވެ.

ރީފާ ޓެކްނީޝަން ކޯހުގެ ފުރުސަތު ހުޅުވާލާފައިވަނީ އެއް ދަރިވަރަކަށެވެ. އެއީ 12 މަހުގެ ކޯހެކެވެ. ކޯހުގެ ޝަރުތަކީ ފިޒިކްސް މާއްދާ ހިމެނޭހެން އޯލެވެލްއިން ތިން މާއްދާއިން ފާސްވުމެވެ. އަދި އުމުރުން 18 އަހަރާއި 25 އަހަރާއި ދެމެދުގެ މީހަކަށް ވުމެވެ.

ނެވިގޭޝަން އޮފިސަރު ކެޑޭޓް ޓްރެއިނިންގް ކޯސް އަދި އިންޖީން އޮފިސަރު ކެޑޭޓް ޓްރެއިނިންގް ކޯސް ފުރިހަމަކުރުމާއިއެކު އެމްއެސްއެސްގައި 18 މަސް ވަންދެން މަސައްކަތްކުރަން ޖެހެ އެވެ. ރީފާ ޓެކްނީޝަން ކޯސް ނިމުމުން 12 މަސް ވަންދެން އެމްއެސްއެސްގައި މަސައްކަތް ކުރަން ޖެހެ އެވެ.

ކޯސްތަކުގައި ބައިވެރިވާން ބޭނުންވާ ދަރިވަރުން މިމަހު 17 ވަނަ ދުވަހުގެ މެންދުރުފަހު 2:00ގެ ކުރިން ފޯމު ފުރިހަމަ ކުރުމަށްފަހު އެމްއެސްއެސް އަށް އީމެއިލް ކުރުމަށް އެ ކުންފުނިން އެދިފައިވެ އެވެ.