ތިމާވެށި

ޕްލާސްޓިކާ ދެކޮޅު ބައިނަލްއަގްވާމީ މުއާހަދާއެއް

Mar 2, 2022

ކެންޔާގެ ވެރިރަށް ނައިރޯބީގައި މިހާރު ކުރިއަށްދާ ޔުނައިޓެޑް ނޭޝަންސް އެންވަޔަރަމަންޓް އެސެމްބްލީގެ 5 ވަނަ ސެޝަންގައި ޕްލާސްޓިކާއި ދެކޮޅަށް މަސައްކަތް ކުރުމަށްޓަކައި ބައިނަލްއަޤްވާމީ މުއާހަދާއެއް އެކުލަވާލުމަށް ފާސްކޮށްފި އެވެ.

ދުނިޔޭގެ 193 މެންބަރު ޤައުމުތަކުން ބައިވެރިވާ މި ބައްދަލުވުމުގައި ޕްލާސްޓިކުގެ ޒަރިއްޔާއިން ތިމާވެއްޓަށް ލިބޭ ގެއްލުންތަކުން އަރައިގަތުމަށް ޤާނޫނީ ބާރު ލިބިދޭ މުއާހަދާއެއްގެ ބޭނުންތެރިކަން ފާހަގަކޮށް ރިޒޮލިއުޝަނެއް ހުށަހަޅާފައިވެއެވެ. މި ރިސޮލިއުޝަނަށް ދިވެހިރާއްޖެ އިން ވަނީ ފުރިހަމައަށް ތާޢީދުކޮށްފައެވެ.

ޤާނޫނީ ގޮތުން ބާރު ލިބިދޭ މިފަދަ މުޢާހަދާއެއް އެކުލަވާލުމުގައި އެއްބަސްވާ 81 މެންބަރު ޤައުމުތަކުގެ ތެރޭގައި ދިވެހިރާއްޖެ ހިމެނެއެވެ. އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކުގެ ސަބަބުން ދުނިޔޭގައި ކުރިމަތިވަމުންދާ ތިމާވެށީގެ މައްސަލަތަކަށް ބައިނަލްއަޤްވާމީ ފެންވަރުގައި އެއްބަސްވުމެއް އޮތުމުގެ ބޭނުންތެރިކަމާއިމެދު ގިނަ ޤައުމުތަކުން އެއްބަސްވެއެވެ. އަދި، ދިވެހިރާއްޖެއިން އިސްނަގައިގެން ޤައުމީ ފެންވަރުގައި ތަންފީޒު ކުރަމުންދާ ސިންގަލްޔޫސް ޕްލާސްޓިކު ފޭސްއައުޓް ޕްލޭންގެ މަޢުލޫމާތު ވަނީ މި ބައްދަލުވުމުގެ މެންބަރު ޤައުމުތަކުގެ އިސްވެރިންނާއި ޚިއްސާކޮށްފައެވެ.

ޔުނައިޓެޑް ނޭޝަންސް އެންވަޔަރަމަންޓް އެސެމްބްލީގެ 05 ވަނަ ސެޝަންގައި ޕްލާސްޓިކާއި ދެކޮޅަށް މަސައްކަތް ކުރުމަށް އެކުލަވާލުމަށް އެއްބަސްވެވުނު މި ބައިނަލްއަޤްވާމީ މުއާހަދާގައި ޕްލާސްޓިކު އުފެއްދުމާއި ބޭނުންކުރުމާއި މިތަކެތި ކުނީގެ ގޮތުގައި ނެތިފާނެވެގެން ދިޔުމާހަމައަށް އެކި މަރުހަލާތަކުގައި ތިމާވެއްޓަށް ލިބެމުންދާ ގެއްލުންތައް ކުޑަ ކުރުމަށް އަލިއަޅުވާލެވިގެންދާނެއެވެ.

މީގެ އިތުރުން ބައިނަލްއަޤްވާމީ ފެންވަރުގައި ވަށާޖެހޭ އިޤްތިސާދު ކުރިއަރުވައި ޕްލާސްޓިކު ބޭނުން ކުރެވޭ މިންވަރު މަދުކޮށް، އެއްފަހަރު ބޭނުންކުރެވޭ ޕްލާސްޓިކުގެ އަލުން ބޭނުންކުރެވޭ، މިފަދަ މުއާހަދާއެއް އޮތުމަކީ ދިވެހިރާއްޖެފަދަ ކުރިއަރަމުން އަންނަ ޤައުމުތަކަށް ޕްލާސްޓިކުގެ ސަބަބުން ލިބޭ ގެއްލުންތަކަށް ހައްލުހޯދުމަށް ބައިނަލްއަޤްވާމީ ފެންވަރުގައި މަސައްކަތްކުރުމަށް އެޅިގެންދާނެ ވަރުގަދަ ފިޔަވަޅެކެވެ.
މީގެ އިތުރުން، ރައްކާތެރިގޮތުގައި ކެމިކަލް އަދި ކުނި މެނޭޖްކުރުމަށް ބާރުއަޅާ ރިސޮލިއުޝަނެއްވެސް މި އެސެމްބްލީއަށް ހުށައަޅާފައިވެއެވެ.

ޔުނައިޓެޑް ނޭޝަންސް އެންވަޔަރަމަންޓް އެސެމްބްލީގެ ފަސް ވަނަ ސެޝަނަށް ތިމާވެށީގެ އެކި މައްސަލަތަށް ހައްލުކުރުމަށް ޖުމްލަ 17 ރިސޮލިއުޝަން ހުށަހަޅާފަވެއެވެ. މި އެސެމްބްލީއަކީ އެކުވެރި ދައުލަތްތައް އ.ދ.ގެ 193 މެންބަރުންގެ މައްޗަށް އެކުލެވޭ އެސެމްބްލީއެކެވެ. މިއީ ދުނިޔޭގެ ތިމާވެށީގެ ކަންކަމާގުޅޭ ގޮތުން ބާއްވާ އެންމެ ބޮޑު ބައްދަލުވުމެވެ. އަދި މި އެސެމްބްލީ އަކީ "ދެމެހެއްޓެނިވި ތަރައްގީ 2030" ގެ ލަނޑުދަނޑިތަކުގެ ތެރޭގައި ހިމެނޭ ތިމާވެށްޓާއި ގުޅޭ ކަންކަން ހާސިލްކުރުމަށް ކުރެވެމުންދާ މަސައްކަތްތައް މުޠާލިއާކުރުމަށް މަގުފަހިކޮށްދޭ ޕްލެޓްފޯމެކެވެ.