ހައިކޯޓް

އިންޑިއާ ސިފައިންގެ އަދަދު ނުބުނި މައްސަލަ ލައިވްކުރަނީ

ރާއްޖޭގައި ތިބި އިންޑިއާ ސިފައިންގެ އަދަދު ހާމަނުކުރި މައްސަލަ ހައިކޯޓުން ލައިވްކުރަން ނިންމައިފި އެވެ.

ރާއްޖޭގައި ތިބޭ އިންޑިއާ ސިފައިންގެ އަދަދާއި އެމީހުންނަށް ދައުލަތުން ކުރާ ހަރަދުގެ ތަފްސީލު ހޯދަން ޑިފެންސް މިނިސްޓްރީގައި އެދުނީ ދިޔަރެސް ނޫހުންނެވެ. އެ މައުލޫމާތު ނޫހާ ހިއްސާކުރަން ނުޖެހޭ ކަމަށް ކަނޑައެޅުއްވީ ކުރީގެ އިންފޮމޭޝަން ކޮމިޝަނަރު ހުސައިން ފިޔާޒު މޫސާ އެވެ.

ހައިކޯޓުގައި ދިޔަރެސްގެ ފަރާތުން އިސްތިއުނާފަކުރި މި މައްސަލައިގެ އަޑުއެހުންތައް މިއަދު ވަނީ ފަށައިފަ އެވެ.

ނޫހުގެ ފަރާތުން އެންމެ ފުރަތަމަ ވެސް އެދުނީ އަޑުއެހުންތައް ލައިވްކޮށްދިނުމަށެވެ. އައިކޮމްގެ އޮފީހުން އެކަމަށް އިއުތިރާޒްކޮށްފައި ނުވާތީ ފަނޑިޔާރުންގެ ބެންޗުން ނިންމީ މައްސަލަ ލައިވްކޮށްގެން ކުރިއަށް ގެންދިއުމަށެވެ.

ހައިކޯޓުން މައްސަލަތައް ލައިވްކޮށްގެން ކުރިއަށް ގެންދަނީ ކޯޓުގެ އޮފިޝަލް ޔީޓިއުބް ޗެނެލުންނެވެ.

ރާއްޖޭގައި އިންޑިއާ ސިފައިން ތިބުމުން އިދިކޮޅު ޕީޕީއެމް / ޕީއެންސީ އިން އަންނަނީ އެކަމާ ދެކޮޅު ހަދައި "އިންޑިއާ އައުޓް"ގެ ނަމުގައި ހަރަކާތްތަކެއް ވެސް ހިންގަމުންނެވެ.