ދިވެހި ސަރުކާރުން އިންޑިއާއާއި އެކު ސޮއިކޮށްފައިވާ އުތުުރު ތިލަފަޅު އެއްބަސްވުން -- ޔޫޓީއެފް އެއްބަސްވުމާ ގުޅޭ ބައެއް މައުލޫމާތު ހިއްސާކުރަން އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ޑިފެންސް މިނިސްޓްރީއަށް އެންގި މައްސަލަ ހައިކޯޓުގައި އިސްތިއުނާފް ކޮށްފި އެވެ.
ޔޫޓީއެފް އެއްބަސްވުމުގެ މައުލޫމާތު ހޯދުމަށް ދިޔަރެސް ނޫހުން ޑިފެންސް މިނިސްޓްރީ އަށް ހުށަހެޅުމުން އެ މައުލޫމާތު ހިއްސާކުރަން އެ މިނިސްޓްރީން ވަނީ ދެކޮޅު ހަދާފަ އެވެ. އެ ނޫހުން ދެން އެ މައުލޫމާތު ހޯދަން ހުށަހެޅީ އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހަށެވެ.
ދިޔަރެސް ނޫހުން ހޯދަން އެދުނު މައުލޫމާތުގެ ތެރެއިން ހިއްސާކުރަން އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން މިދިޔަ ޖެނުއަރީ މަހުގެ ތެރޭގައި އެންގީ ބައެއް މައުލޫމާތެވެ. އެގޮތުން އެންގީ އުތުރު ތިލަފަޅު ތަރައްގީކުރުމާ ގުޅޭ ކަންކަމުގައި ގޮތްތައް ނިންމުމަށް އުފައްދާފައިވާ ޖޮއިންޓް ޕްރޮޖެކްޓް މޮނީޓަރިންގެ ގްރޫޕްގެ މައުލޫމާތު ހިއްސާކުރުމަށާއި އުތުރު ތިލަފަޅު ތަރައްގީކޮށް ނިމޭއިރު އެ ތަނުގައި މަތިންދާބޯޓު ޖައްސަން ރަންވޭއެއް ހެދުމުގެ ޕްލޭނެއް އޮތް ނަމަ އެ މައުލޫމާތު ހިއްސާކުރުމަށެވެ.
ދައުލަތުން މިދިޔަ މަހުގެ ފަހުކޮޅު މިމައްސަލަ އިސްތިއުނާފް ކުރި ނަމަވެސް މައްސަލަ ބަލައިގަތުމާ މެދު ހައިކޯޓުން އަދި ވަކި ގޮތެއް ނިންމާފައެއް ނުވެ އެވެ.
އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުގެ ނިންމުންތައް ހައިކޯޓަށް ނުބެލޭނެ ކަމަށް ކުރިން އެ ކޯޓުން ކަނޑައަޅާފައި ވަނިކޮށް އެ ނިންމުން ބަންޑާރަނައިބް އޮފީހުން އިސްތިއުނާފް ކުރުމުން ސުޕްރީމް ކޯޓުން ވަނީ އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުގެ ނިންމުންތައް ހައިކޯޓަށް ބެލޭނެ ކަމަށްވެސް ނިންމާފަ އެވެ.
އުތުރު ތިލަފަޅު އެއްބަސްވުމުގެ މައުލޫމާތުތަކެއް ހޯދުމަށް މިދިޔަ އަހަރު ވެސް ދިޔަރެސް ނޫހުން ޑިފެންސް މިނިސްޓްރީ އަށް ހުށަހެޅި އެވެ. އޭރުވެސް ބައެއް މައުލޫމާތު ހިއްސާކުރީ އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން އެންގުމުންނެވެ.
އިންޑިއާ ސިފައިން ރާއްޖެއިން ފޭބުމަށް ގޮވާލާ އިދިކޮޅު ޕީޕީއެމް އާއި ޕީއެންސީން ގެންދަނީ "އިންޑިއާ އައުޓް"ގެ ނަމުގައި މާލެ އާއި އަތޮޅުގައި ސިލްސިލާ ހަރަކާތްތަކެއް ވެސް ހިންގަމުންނެވެ.
އިންޑިއާ ސަރުކާރާ އެކު ދިވެހި ސަރުކާރުން ހަދާފައިވާ އެއްބަސްވުންތަކުގެ މައުލޫމާތު ހާމަކުރަން ސަރުކާރުން ދެކޮޅު ހަދަމުންދާތީ ބައެއް މީހުންގެ ފާޑުކިޔުން ވަނީ ވަރަށް ބޮޑަށް ސަރުކާރަށް އަމާޒުވެފަ އެވެ.