ޑިފެންސް މިނިސްޓްރީ

އިންޑިއާ ސިފައިންގެ ފުރަތަމަ ގުރޫޕްގެ ބަދަލުގައި މަދަނީ ބަޔަކު އައިސްފި

ރާއްޖޭގައި ތިބި އިންޑިއާ ސިފައިންގެ ފުރަތަމަ ގުރޫޕް ފޭބުމަށް ތައްޔާރުވުމުގެ ގޮތުން އެ މީހުންގެ ބަދަލުގައި ރާއްޖެ އަންނަ އިންޑިއާގެ މަދަނީ މީހުންގެ ފުރަތަމަ ގުރޫޕް މިއަދު ރާއްޖެ އަތުވެއްޖެ އެވެ.

ރާއްޖޭގައި އިންޑިއާ ސިފައިން ތިބީ އިންޑިއާ އިން ރާއްޖެއަށް ހަދިޔާ ކުރި ކަމަށް ބުނި ޑޯނިއާ މަތިންދާ ބޯޓާއި ދެ ހެލިކޮޕްޓަރު ދުއްވުމަށެވެ. އިންޑިއާ ސިފައިން ތިބީ އައްޑޫ ސިޓީގެ ގަން، ލ. ކައްދޫ އަދި ހދ. ހަނިމާދޫ ގައެވެ.

ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެކެވެ.

ވައުދު ފުއްދުމުގެ ގޮތުން ދިވެހި ސަރުކާރާއި އިންޑިއާ ސަރުކާރުގެ ހައިލެވަލް ކޮމިޓީއެއްގެ މެދުގައި މަޝްވަރާކުރެވި އިންޑިއާ ސިފައިން ބޭލުމަށް މިހާރު ވަނީ އެއްބަސްވުމަކަށް އައިސްފަ އެވެ. އެގޮތުން ރާއްޖޭގައި ތިބި އިންޑިއާ ސިފައިންގެ ފުރަތަމަ ގުރޫޕް ކުރިއަށް އޮތް މާޗް މަހު 10 ވަނަ ދުވަހުގެ ކުރިން އަދި ފަހު ގުރޫޕް މިއަހަރުގެ މެއި 10 ވަނަ ދުވަހު ބޭލުމަށް ދެ ގައުމުގެ ސަރުކާރުން އެއްބަސްވެފައިވެ އެވެ.

ރާއްޖޭގެ ޑިފެންސް މިނިސްޓްރީން މިރޭ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ދެ ގައުމުގެ ސަރުކާރުން އެއްބަސްވި ގޮތަށް އަމަލުކުރުމަށްޓަކައި އިންޑިއާ ސިފައިންގެ ފުރަތަމަ ގުރޫޕް ފައިބަން ތައްޔާރުވާތީ އެ މީހުންގެ ބަދަލުގައި ރާއްޖެ އަންނަ ފުރަތަމަ މަދަނީ މީހުންގެ ގުރޫޕް މިއަދު އައިސްފައިވާ ކަމަށެވެ.

މިބަޔާނުގައި ބުނެފައިވަނީ އައްޑޫގައި އޮތް ހެލިކޮޕްޓަރު މަރާމާތަށް އިންޑިއާ އަށް ގެންދިއުމަށްޓަކައި މިމަހުގެ 27 ވަނަ ދުވަހުން ފެށިގެން ހެލިކޮޕްޓަރުގެ ޓެސްޓް ފްލައިޓްތަކެއް ކުރިއަށް ގެންދާނެ ކަމަށެވެ.

"މި ހެލިކޮޕްޓަރު ގެންދިއުމަށާއި އޭގެ ބަދަލުގައި ގެންނަ ހެލިކޮޕްޓަރު ހިފައިގެން އިންޑިއާގެ މަނަވަރު 28 ފެބްރުއަރީ 2024 ވަނަ ދުވަހު އައްޑޫ ސިޓީއަށް އައުމަށް ވަނީ ހަމަޖެހިފަ އެވެ." ބަޔާނުގައިވެ އެވެ.

މިބަޔާނުގައި އިތުރަށް ބުނެފައިވަނީ ސަރުކާރުގެ އަމާޒަކީ ދިވެހިރާއްޖޭގެ ސިޔާދަތާއި ދިވެހިންގެ މިނިވަންކަމާއި އަމިއްލަވަންތަކަން ހިމާޔަތްކޮށް ރައްކާތެރިކުރެވޭނެހެން ރަހްމަތްތެރި ގައުމުތަކާ އެކު ދިފާއީ އަދި ސަލާމަތީ ގުޅުންތައް ބަދަހިކޮށް ދެމެހެއްޓުން ކަމަށެވެ.