ޕީޕީއެމްގެ ހުޅުމާލެ ގޮފީގެ ރައީސް އަބްދުއްސަމަދު އިންޑިއާ އިން ޑީޕޯޓްކޮށްލުމާ ގުޅިގެން ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ، ސަމަދަށް ޖޯކް ޖައްސަވައި މަލާމާތް ކުރައްވައިފި އެވެ.
މާރިޔާ މިގޮތަށް އަމަލުކުރައްވާފައިވާ ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް އެމްޑީޕީގެ ރިޔާސީ ޓިކެޓް ހަވާލުކުރުމަށް ރޭ ކާނިވާ ސަރަހައްދުގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.
ސަމަދަށް ޖޯކް ޖައްސަވަމުން މާރިޔާ ވިދާޅުވީ ސަމަދު އިންޑިއާގެ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސް ބޭންދީ ފިނިކޮޓަރިއެއްގައި ކަމަށެވެ. ނަމަވެސް ރާއްޖެ އައި ގޮތަށް ސަމަދު ކީރިތި ކުރެއްވި ކަމަށެވެ.
"މިވަރު މީހުން މި އުޅެނީ،" ސަމަދަކީ ފިނޑި ބޭފުޅެއްގެ ކަމަށް ސިފަކުރައްވަމުން މާރިޔާ ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ މިހާރު ތަމްރީންވާ ފުލުހުންނާއި ސިފައިން އިމިގްރޭޝަންގެ ފިނި ކޮޓަރިއެއްގައި އިނދެފައި އައިސް ރޮއި ނުގަންނާނެ ކަމަށެވެ. މާރިޔާ މިހެން ވިދާޅުވީ ސަމަދަކީ ކުރިން ވަރަށް ގިނަ އަހަރުތަކެއް ވަންދެން ފުލުހުންގެ އިދާރާގައި މަސައްކަތް ކުރެއްވި ބޭފުޅަކަށް ވާތީ އެކަމަށް އިޝާރާތް ކުރެއްވުމުގެ ގޮތުން ކަމަށް ބެލެވެ އެވެ.
މީގެ އިތިރުން މާރިޔާ ވިދާޅުވީ ރައީސް ސޯލިހްގެ ދިފާއީ ސިޔާސަތަކީ ވިސްނުންތެރިކަމާއި ހިކުމަތްތެރިކަމާއެކު ކަންތައްތައް ކުރެއްވުން ކަމަށާއި އެފަދަ "ފިޑިން" އަޅުގަނޑުމެންގެ ތެރޭގައި ނުފެންނާނެ ގޮތަށް ގައުމު ބައްޓަން ކުރުން ކަމަށެވެ.
އިންޑިއާ އިން ސަމަދު ޑީޕޯޓްކޮށްލުމުން ރާއްޖެ އައިސް މީޑިއާއަށް ދެއްވި އިންޓަވިއުއެއްގައި ސަމަދު ވިދާޅުވީ އިންޑިއާގެ އިމިގްރޭޝަންގައި ކާއެއްޗެއް ނުދީ 18 ގަޑިއިރު ވަންދެން އޭނާ ބޭންދި ކަމަށާއި ސަމަދުގެ ފޯނުވެސް އަތުލާފައިވާ ކަމަށެވެ. އަދި އޭނާއަކީ ސިއްހީ އެތައް މައްސަލައެއް ހުންނަ މީހެއްކަން ފާހަގަކުރައްވާ ސަމަދު ވިދާޅުވީ އޭނާ އިންޑިއާގެ އިމިގްރޭޝަންގެ ބެލުމުގެ ދަށުގައި ބޭންދީވެސް ވަރަށް ބޮޑަށް ފިނިކޮށްފައި ހުރި ކޮޓަރިއެއްގައި ކަމަށެވެ.
ސަމަދު އިތުރަށް ވިދާޅުވީ އެނާގެ ހަމައެކަނި ކުށަކީ ރައީސް އަބްދުﷲ ޔާމީނަށް ތާއީދުކުރުން ކަމަށެވެ.