މޯލްޑިވްސް ނޭޝަނަލް ޕާޓީ

އިންޑިއާ އައުޓް ބިލާ އެމްއެންޕީން ދެކޮޅު

ދިވެހި ދައުލަތުން އެކި ގައުމުތަކާއެކު ގާއިމުކޮށްފައިވާ ގުޅުންތަކަށް ނޭދެވޭ އަސަރު ފޯރާ ގޮތަށް ހިންގާ އަމަލުތަކަކީ ޖިނާއީ ކުށަކަށް ހަދަން ޑްރާފްޓް ކޮށްފައިވާ "އިންޑިއާ އައުޓް" ބިލަށް އެމްއެންޕީން ތާއީދު ނުކުރާ ކަމަށް އެ ޕާޓީގެ ރައީސް މުހައްމަދު ނާޒިމް ވިދާޅުވެއްޖެ އެވެ.

ނާޒިމް މިހެން ވިދާޅުވީ މިއަދު އެމްއެންޕީގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިންޑިއާ އައުޓްގެ ނަމުގައި ބިލެއް އެމްޑީޕީން ޑްރާފްޓުކޮށް މަޖިލީހަށް ހުށަހަޅަން އުޅޭތީ އެކަމާއި ގުޅޭގޮތުން އެމްއެންޕީގެ ސްޑޭންޓަކީ ކޮބައިތޯ ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ނެވެ.

ގާނޫނު އަސާސީގެ 27 ވަނަ މާއްދާއިން ލިބިދޭ ހިޔާލުފާޅުކުރުމުގެ މިނިވަންކަމަކީ އިހްތިރާމްކުރަން ޖެހޭ ކަމެއްކަން ފާހަގަކުރައްވަމުން ނާޒިމް ވިދާޅުވީ ހިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ގާނޫނާއި ހިލާފަށް މަޖިލީހަށް ބިލެއް ހުށަހަޅައި ފާސްކުރެވިދާނެ ކަމަށް ގަބޫލްނުކުރައްވާ ކަމަށެވެ.

"އެއްވެސް ގައުމަކާއި ދޭތެރޭގައި ނުރުހުން ފާޅުކޮށް މީހުން ދައްކާ ވާހަކައިގެ މައްޗަށް ބިލެއް އުފައްދައި ފާސްކުރުމައީ ކުރެވޭނެ ކަމެއް ކަމަށް މި ޕާޓީން ނުދެކެެނެ. އެއީ މި ޕާޓީން ތާއީދުކުރާ ކަމެއް ނޫން." ނާޒިމް ވިދާޅުވި އެވެ.

އިންޑިއާ އައުޓް ބިލަކީ ރައީސް ޔާމީންގެ ސަރުކާރުގައި ފާސްކުރި އަބުރުގެ ބިލް ކަހަލަ ބިލެއްކަން ފާހަގަކުރައްވަމުން ނާޒިމް ވިދާޅުވީ ޔާމީންގެ ސަރުކާރުގައި އަބުރުގެ ބިލާއި ގުޅިގެން ލިބުނު އަނިޔާތަކުގެ ވާހަކަ އޭރުގައި ވަރަށް ބޮޑަށް ދެއްކި ކަމަށާއި ވެރިކަން ލިބުމުން އެފަދަ ކަމެއް ތަކުރާރުކުރަން އުޅުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.

އިންޑިއާ އައުޓް ބިލުގެ ބައެއް މާއްދާތަކުގައި ވަކި ކަހަލަ ބައެއް ބުނުމުން ޖިނާއީ ކުށެއް ގޮތުގައި ބަލައި ޖަލަށް ލެވޭނެ ކަމަށް ބަޔާންކޮށްފައިވާކަން ފާހަގަކުރައްވަމުން ނާޒިމް ވިދާޅުވީ ހިޔާލު ފާޅުކުރުމުގެ މިނިވަންކަމަށް ހުރަސްއަޅާ އެއްވެސް ބިލަކަށް އެމްއެންޕީން ތާއީދު ނުކުރާނެ ކަމަށެވެ.

އެމްއެންޕީން އަބަދުވެސް ވަކާލާތުކުރާނީ ރައްޔިތުންގެ ހައްގުގައިކަމަށާއި އެމްއެންޕީގެ ސަރުކާރެއްގައި ރައްޔިތުންނަށް އެ މީހަކު ބޭނުންވާ ބަހެއް ބުނެވޭނެ ކަމަށް ވިދާޅުވި އެވެ. އަދި ހިޔާލުފާޅުކުރުމުގެ މިނިވަންކަމާއި ހިލާފު އެއްވެސް ކަމެއް ނުކުރާނެ ކަމަށް ވިދާޅުވި އެވެ.

" ހަގީގަތުގައި މިފަދަކަންކަން ދިމާވަނީ ސަރުކާރުގައި ދެފުއް ފެންނަ ސިޔާސަތެއް ނެތުމުން. އެއްވެސް އެގްރިމަންޓެއް ކީއްވެގެންތޯ ފޮރުވަންވީ. އަޅުގަނޑުމެން ގަބޫލެއް ނުކުރަން ސިއްރުކުރަންޖެހޭ އެގްރީމެންޓެއް އޮންނާނެ ކަމަށް. ކޮންމެ އެގްރީމެންޓެއްވެސް ހާމަކަން މަތީގައި ރައްޔިތުންނާއި ހަމައަށް ގޮސްފިނަމަ ޝައްކު ކުރަން ޖެހޭ ކަމެއް ނޯންނާނެ." ނާޒިމް ވިދާޅުވި އެވެ.

އިންޑިއާ އައުޓް ބިލްގައިވާ ގޮތުން ގާނޫނީ އަދި ބައިނަލްއަގްވާމީ ހަމަތަކާއި އެއްގޮތަށް ގައުމަކާ އެކު ރާއްޖެއިން ގުޅުން އުފައްދާފައި ވަނިކޮށް ސިޔާސީ ޕާޓީ އަކުން ނުވަތަ ވަކި ބަޔަކު ރައްޔިތުންގެ ނަމުގައި ވަކި ގައުމަކާ ދެކޮޅަށް ނުވަތަ ވަކި ގައުމެއްގެ ވަކި މުއައްސަސާ އަކާ ދެކޮޅަށް ހަރަކާތްތެރިވުމަކީ ކުށެކެވެ. ރާއްޖެ އޮތީ ވަކި ގައުމެއްގެ އަޅުވެތިކަމުގައި ކަމަށް ދެއްކުމުގެ ގޮތުން ވަކި ގައުމަކާ ދެކޮޅަށް ހަރަކާތްތައް ހިންގުމަކީ ވެސް ކުށެކެވެ. އެހެންކަމުން މި ބިލް އެކުވާލުމުގެ ބޭނުމަކީ ބޭރު ގައުމުތަކާއެކު ރާއްޖެއިން ގާއިމުކޮށްފައިވާ ގުޅުންތަކަށް ނޭދެވޭ އަސަރު ކޮށްފާނެ ކަމަށް ފެންނަ އަމަލުތައް ހުއްޓުވުން ކަމަށް ބުނެފައިވެ އެވެ.

ބިލްގައިވާ ފަދަ ކުށެއް މީހެއްގެ މައްޗަށް ސާބިތުވެއްޖެނަމަ އަދަބެއްގެ ގޮތުގައި 20،000 ރުފިޔާ އިން ޖޫރިމަނާ ކުރުމާއި، އެއް އަހަރަށް ވުރެ ދިގު ނޫން މުއްދަތަކަށް ގޭބަންދު ކުރުމާއި، ހަމަސް ދުވަހަށް ވުރެ ކުރު މުއްދަތަކަށް ޖަލަށް ލުން ވެސް ހިމެނެ އެވެ.

މިބިލް އެކުލަވާލާފައި އޮތީ ބިލް ގާނޫނަކަށްވެ ތަސްދީގު ކުރާ ދުވަހު އަމަލުކުރާ ގޮތަށެވެ. މި ބިލްގެ ދަށުން ހަދަންޖެހޭ ގަވައިދުތައް ތިން މަސް ދުވަހުގެ ތެރޭގައި ނިންމަން ހަވާލުކޮށްފައިވަނީ ފޮރިން މިނިސްޓްރީ އަށެވެ.

ދިވެހި ދައުލަތުން އެކި ގައުމުތަކާ އެކު ގާއިމުކޮށްފައިވާ ގުޅުންތަކަށް ނޭދެވޭ އަސަރު ފޯރާ ގޮތަށް ހިންގާ އަމަލުތަކަކީ ޖިނާއީ ކުށަކަށް ހަދަން ބިލެއް ޑްރާފްޓް ކޮށްފައި މިވަނީ އިދިކޮޅު ޕީޕީއެމް އާއި ޕީއެންސީން "އިންޑިއާ އައުޓް"ގެ ނަމުގައި ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ފޭބުމަށް ގޮވާލައި ވަރުގަދަ ހަރަކާތެއް ހިންގަމުންދާ ވަގުތެއްގަ އެވެ.

އިންޑިއާ އައުޓް ހަރަކާތާ ގުޅޭ މައްސަލައެއް މަޖިލީހުގެ 241 ކޮމިޓީން މިމަހުގެ އަށަކުން ފެށިގެން ދަނީ ބަލަމުންނެވެ. އެ މައްސަލަ ކޮމިޓީ އަށް ހުށަހެޅުއްވީ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެވެ.