އިންޑިއާ އިން ރާއްޖޭގެ އުތުރުގެ ސަރަހައްދުގައި ކުރިއަށް ގެންދިޔަ ޖޮއިންޓް ހައިޑްރޯގްރަފިކް ސާވޭއަށް ފަހު ތައްޔާރުކުރި ރާއްޖޭގެ ނެވިގޭޝަނަލް ޗާޓް ވިއްކާލައިފި އެވެ.
ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަމާއި އަދި އިގްތިސޯދު ބައެއް މައުލޫމާތު ވެސް ހިމެނޭ ރާއްޖޭގެ ނެވިގޭޝަނަލް ޗާޓް ވިއްކުމަށް ފަހު އެ ޗާޓުތަކުން ރާއްޖެއަށް ލިބެންވާ ރޯޔަލްޓީ ފައިސާގެ ޗެކް މިއަދު ވަނީ ރާއްޖޭގެ ޑިފެންސް މިނިސްޓްރީއާ ހަވާލު ކޮށްފަ އެވެ.
ސިފައިންގެ މައި މަރުކަޒު، ބަންޑާރަކޮށީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ރާއްޖޭގެ ކަނޑުގެ ސަރަހައްދުގެ ޗާޓް ޕްރިންޓްކޮށް ވިއްކައިގެން ލިބުނު ފައިސާގެ ތެރެއިން ރޯޔަލްޓީގެ ގޮތުގައި ރާއްޖެއަށް ލިބުނު ފައިސާގެ ރަމްޒީ ޗެކާ ހަވާލުވެވަޑައިގަތީ ޑިފެންސް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ހަސަން ޒަމީލެވެ. އިންޑިއާގެ ފަރާތުން ޗެކް ހަވާލުކޮށްދެއްވީ މިރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވި އިންޑިއާގެ ޗީފް އޮފް ދަ ނޭވަލް ސްޓާފް އެޑްމިރަލް ރާދަކްރިޝްނަން ހަރީ ކުމާރު އެވެ.
ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުގެ ޗާޓެއް އިންޑިއާ އިން ހެދީ ދިވެހި ސަރުކާރާ އެކު ސޮއި ކުރި ހައިޑްރޯގްރަފިކް އެއްބަސްވުމުގެ ދަށުންނެވެ. ސިއްރު ކޮށްފައިވާ މި އެއްބަސްވުމުގެ ދަށުން ހަދާ ހައިޑްރޯގްރަފިކް ސާވޭއިން ހޯދާ މައުލޫމާތާއި ސާވޭއަށް ފަހު ތައްޔާރުކުރާ ރާއްޖޭގެ ނެވިގޭޝަނަލް ޗާޓް ވިއްކުމުގެ ހުއްދަ އިންޑިއާ އަށް ލިބެ އެވެ. ހައިޑްރޮގްރަފީގެ ހިދުމަތް ރާއްޖޭގައި ގާއިމު ކުރުމަށްޓަކައި ސޮއިކުރި އެއްބަސްވުމުގައި ރާއްޖޭގައި ހައިޑްރޮގްރެފިކް ހިދުމަތް ގާއިމު ކުރުމަށް އިންޑިއާ އިން އެހީތެރިކަން ދިނުމަށް ވެސް ހިމަނާފައިވެ އެވެ.
އިންޑިއާގެ އެހީތެރިކަމާ އެކު ރާއްޖޭގައި ހައިޑްރޯގްރަފިކް ސާވޭ ކުރި ކަމަކަށް ކުރީގެ ސަރުކާރުތަކުން މީގެ ކުރިން ހާމަކޮށްފައެއް ނުވެ އެވެ. ނަމަވެސް ރާއްޖޭގެ ޑިފެންސް މިނިސްޓްރީއާއި އެމްއެންޑީއެފުން މިހާރު ބުނާ ގޮތުގައި އިންޑިއާގެ އެހީތެރިކަމާއެކު 2007 ވަނަ އަހަރުން ފެށިގެން ރާއްޖޭގައި ހައިޑްރޮގްރަފީގެ ސާވޭތައް ދަނީ ކުރަމުންނެވެ. މިހާރު ކުރަމުންދާ ކަމަކީ ވަކި ނިޒާމެއްގެ ތެރެއިން ސިސްޓަމެޓިކްކޮށް ރާއްޖޭގައި ހައިޑްރޮގްރަފިކް ހިދުމަތް ދިނުމުގެ މަސައްކަތް ކަމަށްވެސް އެމްއެންޑީއެފް އިން ބުނެ އެވެ.
އެމްއެންޑީއެފް އިން ބުނީ ދިވެހިރާއްޖެއަކީ 99.7 ޕަސެންޓް ކަނޑު ހިމެނޭ ގައުމަކަށްވެފައި ކަނޑުމަތީގައި ދިމާވާ ހާދިސާތައް މަދުކުރުމަށާއި، ހާދިސާއެއް ދިމާވާ ހާލަތުގައި އަވަސްކަމާއެކު ހަރަކާތްތެރިވުމަށް މިހާރު ހަދަމުންދާ ނެވިގޭޝަނަލް ޗާޓުތަކުގެ ސަބަބުން ގިނަގުނަ ފަސޭހަތަކެއް ލިބިގެންދާނެ ކަމަށެވެ.
މިއަދުގެ ރަސްމިއްޔާތުގައި ވަނީ އިންޑިއާ އާއި ރާއްޖެ ރަމްޒުކޮށްދޭ ކްރެސްޓް ނުވަތަ ނިޝާން ހިމަނައިގެން ޕްރިންޓް ކޮށްފައިވާ ޖޮއިންޓްލީ ސަވޭޑް ޗާޓް ވެސް ރާއްޖެއާ ހަވާލުކޮށްފަ އެވެ. މޯލްޑިވްސް ހައިޑްރޮގްރެފިކް ސާވިސްގެ ފަރާތުން ރަސްމީކޮށް ޗާޓާ ހަވާލުވެވަޑައިގަތީ ބްރިގޭޑިއާ ޖެނެރަލް (ރިޓަޔާޑް) ޒަކަރިއްޔާ މަންސޫރެވެ. މީގެއިތުރުން ދިވެހިރާއްޖޭގެ ހައިޑްރޮގްރަފީ އޮފީހަށް އިންޑިއާ އިން ހަދިޔާކުރި އިކްއިޕްމަންޓްތަކާ ހަވާލުވެވަޑައިގަތީ އެމްއެންޑީއެފް ކޯސްޓްގާޑްގެ ކޮމަޑާންޓް، ކާނަލް އިބްރާހީމް ހިލްމީ އެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލް ވިދާޅުވީ ދެ ގައުމުގެ ދެމެދުގައި އޮތް ގާތް ރަހްމަތްތެރި ކަމުގެ ގުޅުމަކީ ސަގާފަތާއި، ތާރީހާއި، އެއް ގައުމު އަނެއް ގައުމަށް ކުރާ އިހްތިރާމާއި، އެހީތެރިކަމުގެ ވަރަށް މުހިންމު ގުޅުމެއް ކަމަށެވެ. އަދި ވޭތުވެދިޔަ އަހަރުތަކުގެ ތެރޭގައި ނޭވަލް އަދި ކަނޑުމަތީގެ ސަލާމަތާ ބެހޭ ދާއިރާއިން ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުން، މީގެކުރިން ދުވަހަކު ވެސް ދެކެފައި ނުވާ މިންވަރަށް އިތުރުވެ، އިތުރު ބާރުވެރިކަމާއި، އިތުރު ހަރަކާތްތެރިކަން ލިބިގެން ގޮސްފައިވާ ކަމަށްވެސް ޗީފް ވިދާޅުވި އެވެ.